އަޖަލު (9)

އައި ގޮތަށް އައިސް އޮޑިއަށް އެރުނުގޮތް ވެސް އެ ދެ މީހުންނަށް ނޭނގުނެވެ. އޭރު އޮޑީގައި ތިބި މީހުން ވެސް ތިބީ، ބިރުން ވިރިވިރިއެވެ. އަވަސް އަވަހަށް އޮޑި ފުންކޮށްލުމަށްފަހު ބޭރަށް ޖަހައިގެންފިއެވެ.

ތަންކޮޅަކަށް ވެސް ނުދެވެއެވެ. ހޭރެމުން ގެންދިޔަ ޖަނަވާރުތައް ހޭޅިފަޅައި، އަތިރިމައްޗަށް ނުކުމެއްޖެއެވެ. ރަނގަޅަށް ބަލައިލިއިރު، ދެ ސިންގާއާއި ތިން މިނިކާވަގެވެ. ދޯންޏާއި މީހުންތައް ފެނުމާއެކު، އެ ތަކެތީގެ އަޑު ވީ ބާރެވެ. ހީވަނީ މިއިން ދުވަހަކު ކައިއެއްޗެއްގެ ވަސް ވެސް ނުޖެހި ތިބި އެއްޗެހިތަކެއް ހެންނެވެ. އަނގަ ތަންމިނަށް ހުޅުވައިގެން ހޭރެމުން ގެންދާއިރު، މޫދަށް އެރިގަންނާން އުޅޭހެން ވެސް ހީވެއެވެ.

"ކިރިޔާ މިއަދު މި ސަލާމަތްވީ." އަލިފުތާ ހުރީ ނޭވާ ކުރުވެ ގުނބުހިލިފައެވެ.

"ތަންކޮޅެއް ދުރަށް ދެވުނު ނަމަ، އަހަރެމެންނަށް އޮޑިއާ ހަމައަށް ނާދެވުނީސް ކަންނޭނގެ." އެޅެފުތާގެ މުޙައްމަދު، ރުނބައިން ފެން ކަޓޫރާއެއް ނަގައި ބޮއިލުމަށްފަހު، މަޅުމަތީގައި ކަޓޫރާ ބަހައްޓަމުން ބުނެލިއެވެ.

"އެއްވެސް ކަމެއް ގޯސްކޮށެއް ނުވާނެއޭ ބުނަނީ އެހެންވީމަ. ﷲގެ ރަޙުމަތްފުޅާއެކު ބޯފެން ވެސް ލިބުނީނު!" ނެރާދިމާއަށް އޮޑި އަނބުރައިލަމުން އަހުމަދުދީދީ ދަންމާނަށް ވާންކޮށްލިއެވެ.

އެ ރަށު ފަޅުން އޮޑި ނެރެފިއެވެ. މިސްރާބުޖެހީ ދެކުނަށެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅީގައި، ކުރެވެމުން ދިޔަ ދަތުރު ދިގުލަމުން ދިޔަވަރަކަށް، ޖަނަވާރުތައް ފެނުމުން އުފެދުނު ބިރުވެރިކަމާއި ސިހުން އައީ ކުޑަވަމުންނެވެ. ހިތަށް ހަމަޖެހުން ލިބެމުންނެވެ.

އެތައް ހިސާބު ދުރަކަށް ދުއްވިއްޖެއެވެ. އަސުރެއްހައި އިރު، ކުރިމަތީން ދެ ރަށެއް ކަނިލާން ފަށައިފިއެވެ. އޮޑި ނަގައި އެ ދެ ރަށާދިމާއަށް ދުންވާންފެށިއެވެ. ކައިރިވަމުން އައި ވަރަކަށް ރަށުގެ ސިފަތައް ފާޅުވަމުން އާދެއެވެ. އެއިން ކޮންމެ ރަށަކީ ވެސް އިންތިހާއަށް ރުއް ގިނަ ރަށެކެވެ. އޮޑީގައި ތިބި މީހުންގެ ހިތަށް ފިނިކަން ލިބުނީ، މީގެ ކުރީން ފެނުނު ރަށަރަށާ ޚިލާފަށް އެ ދެ ރަށުން، ބޮޑެތި އިމާރާތްތައް ފެންނާން ފެށުމުންނެވެ. ބުރިބުރިއަށް ނަގާފައި ހުރި އިމާރާތް ވެސް ފެންނާން ހުއްޓެވެ.

"ދުވަސްތަކަކަސްފަހު، އިރާދަފުޅުކުރެއްވިއްޔާ އިންސާނުންނާ ދިމާވާން ދެން މި އުޅެނީ." އާދަނާގެ މޫނުމަތީން ފެނުނީ އުފާވެރިކަމެވެ. ހައްވާދިޔެއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ގާތުގައި އިން އާދަނާގެ އަތުގައި ބާރަށް ހިފައިލެވުނެވެ.

"ރޭގަނޑާ ދިމާކޮށް ދާކަށް މަށަކަށް ނުފެނޭ! އިމާރާތްތަކެއް ފެންނާން ހުއްޓަސް އުޅެނީ ކޮންކަހަލަ ބައެއްކަމެއް ވެސް ނޭނގެއެއްނު."

ރެކިފުތާގެ މި ޚިޔާލު އަހުމަމަދުދީދީއަށް ވެސް ކަމުހިނގައްޖެއެވެ. އެހެން މީހުން ވެސް ގަބޫލުކޮށްފިއެވެ. އެހެންކަމުން ހޭފަށަށް އޮޑި ގެންގޮސް، ލަތާރިލައި އޮޑި އަޅައިފިއެވެ. އެތަނުގައި ރޭކުރުމަށްފަހު، މާދަމާ އެތަނުން ރަށަކަށް ފޭބުމަށް ޤަސްދުކޮށްފައެވެ.

"އިރާދަކުރެއްވިއްޔާ މާދަމާ އަހަރެމެންނަށް ކޮންމެވެސް ބައެއްގެ ހިމާޔަތް ލިބި، ރާއްޖެއަށް ދިޔުމުގެ މަގުފަހިވެގެންދާނެ! އެގޮތަށް އެކަން ހިންމަވާދެއްވާތޯ ދުޢާކުރޭ!" ނިދަން އޮވެފައި ހައްވާދިޔެ ގާތު އާދަނާ މަޑުމަޑުން ބުނެލިއެވެ.

"އެހެން ރޭރޭ ހުންނަ ކަހަލަ ނުތަނަވަސްކަމެއް މި ރެއަކު ނެތް. ހީވަނީ ކޮންމެވެސް ރަނގަޅު ގޮތެއް ވާން އުޅޭހެން." ހައްވާދިޔެގެ އަޑުގައި ހުރީ ހިތްހަމަޖެހުމުގެ ރާގެވެ.

"ދެން ހިނގާ ނިދާލެވޭތޯ ބަލަމާ!"

"މަންމަ ނުފެންނަތާ ހާދަ ދުވަހެކޭ ދޯ! މިހާރު މަންމަ ދުނިޔޭގައި އިންކަމެއް، ނެތްކަމެއް ވެސް....." ހައްވާދިޔެގެ އަޑު ބެދޭގޮތްވިއެވެ. ދެ ލޯ ކަރުނައިން ފުރުނެވެ.

"ހިއްވަރުކުރޭ! މިހާ ދުވަސްވާން ދެން ވެސް ކެތްކުރީނު! އިރާދަކުރެއްވިއްޔާ ދެން މާ ގިނަ ދުވަހެއް ނުވެ، މަންމައާ ބައްދަލުވެދާނެ!"

އާދަނާ ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދައްކައިގެން، ހައްވާދިޔެގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިއްޖެއެވެ. އާދަނާ އޮތީ ހައްވާދިޔެގެ ބޮލުގައި ފިރުމައިލަ ފިރުމައިލައެވެ. އިސްތަށިގަނޑާ ކުޅެލަ ކުޅެލައެވެ. ހައްވާދިޔެއަށް ނިދުނީ، އެ އަރާމު ފިރުމުންތަކުން ނާރުތަކަށް ލިބެމުން އައި ހަމަޖެހުމުގެ ތެރޭގައެވެ.

ހެނދުނު އަށްގަޑިބައި އެހައިކަންހާއިރު، އެތަނުން ބޮޑުކޮށް އޮތް ރަށަށް ދޯނި ލަފައިފިއެވެ. ރީތި ނެރެއް ހަދާފައި އޮތުމުން، ފަޅަށް ވަންނާކަށް ދައްޗެއްނުވިއެވެ. ފަޅުތެރޭގައި ދެތިން އުޅަނދެއް އޮތެއް ކަމަކު، ފަޅުތެރެ ފެންނަނީ ފަޅުކޮށެވެ. ރަށަށް ފައިބާން، ރަނގަޅު ފެންވަރުގެ ފާލަމެއް އޮތެވެ.

އެއީ ބޮޑުރަށެކެވެ. ގަސް ގިނައެވެ. ރުއް ބޮލެވެ. ގަސްގަހާގެއްސާއި ރުއްރުކުގައި ވައިރޯޅި އައިސް ކޮށްލާ ސަމާސާތަކާއެކު، އަންނަ ހަރަކާތްތަކުން ހީވަނީ، ރަށަށް އައި މެހެމާނުންނަށް މަރުހަބާގެ ނެށުމަކާއެކު، އަވަހަށް އަންނާށޭ ކިޔައި ހަނާއަޅާހެންނެވެ. ރަށުތެރެއިން ފެންނަ ބޮޑެތި، އުސް އިމާރާތްތައް އަންގައިދެނީ، މިއީ އިންސާނުން ދިރިއުޅޭ ރަށެއްކަމެވެ. މި ފަދަ ފަސްގަނޑެއް ނުފެންނަތާ އެތައް ދުވަހެއްވެފައި، މި ރަށަށް އާދެވުމުން، އެއިން ކޮންމެ މީހަކަށް ވެސް ވަނީ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އަމިއްލަ ނަފުސަށް ކުރެވެމުން ދަނީ، ސަލާމަތުގެ އައްސޭރިއަކަށް އާދެވިފައި ތިބި ކަމުގެ ފޮނި އިހުސާސެވެ.

ދޯނި ރަނގަޅަށް އެޅުމަށްފަހު، އެންމެން ތައްޔާރުވީ ރަށަށް ފައިބާށެވެ. މިހާތަނަށް ދިޔައިރު ވެސް އަތިރިމައްޗަކުން، ރަށުތެރެއަކުން، އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މީހެއްގެ އިޝާރާތެއްވޭތޯ ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު، އެންމެންނަށް ވެސް އެއްބަސްވެވުނީ، ރަށަށް ފޭބުމަށެވެ. ރަށުގެ މީހަކާ ނުވަތަ ބަޔަކާ ދިމާވޭތޯ، ރަށުތެތެރެއަށް އެރުމަށެވެ. މިހައި ހެނދުނާ އަތިރިމައްޗަށް މީހަކު ނައުމަކީ ވެދާނެ ގޮތެކެވެ.

ފަހަރަކު މީހަކު ފާލަންމައްޗަށް ފައިބަމުން ދިޔައިއެވެ. ފާލަމުގައި ފައިޖެހުމާއެކު ހައްވާދިޔެގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ނުތަނަވަސްކަމެއް ވެރިވެގެންފިއެވެ. ކުރީން ނުހަނު ހަމަޖެހިފައި އޮތް ހިތަށް، ބިރުވެރިކަމުގެ ވަސްވާސްތަކެއް ވެރިވާން ފަށައިފިއެވެ. އޭނާއަށް އާދަނާގެ އަތުގައި ބާރަށް ހިފެހެއްޓުނެވެ.

"ކަންބޮޑުނުވޭ! އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ!" ހައްވާދިޔެ ބިރުގެންފައި ހުރިކަން އާދަނާއަށް އިޙުސާސްކުރެވުނެވެ.

ފާލަންމަތީން ރަށަށް އެރުމަށް އެންމެން ހިނގައިގެންފިއެވެ. އެންމެ ކުރިއަށް ހުރީ އަހުމަދުދީދީއެވެ. އޭނާއާ އެއް ހަމައެއްގައި އަލިފުތާ ހުއްޓެވެ. އެހެންމީހުން ތިބީ އެ ދެ މީހުންގެ ފަހަތުގައެވެ. 11 މީހުން ފާލަމުން ފައިބައިގެން ރަށުތެރެއަށް އަރާން ހިނގައިގަތް އިރު، އެކި މީހުންގެ ހިތުގައި ވިންދުޖަހަކުން ދިޔައީ އެކި ގޮތަށެވެ. އެކި ރާގަށެވެ.

ރަށުގެ ތަރައްޤީއާއި ކުރިއެރުން ފެނުނީ، ރަށުތެރެއަށް އަރައިލުމުންނެވެ. ތަފާތު ގޮތްގޮތަށް ފަރުމާކޮށްފައި ހުރި، ރީތި ބޮޑެތި ގެތަކެވެ. ތެދަށް ކަނޑާފައި ހުރި ފުޅާ މަގުތަކެވެ. އެކި ހިސާބުތަކުގައި ހިތްފަސޭހަ ޕާކުތަކެވެ. ކޮންމެ ޕާކެއް ވެސް ތަފާތު ކުލަ ކުލައިގެ މާގަސްތަކުން ވަނީ ފުރިފައެވެ. މާތައް ފޮޅި ފަރިވެފައެވެ. މޫދާ ގުޅިފައި އޮތް ބޮޑު ފަތާފެންގަނޑަކީ ވެސް، މިހާތަނަށް މިއިން މީހަކަށް ހުވަފެނުންވެސް ފެނިފައި ވާނޭ ފަދަ ތަނެއް ނޫނެވެ.

ކިތަންމެ ރީތިކޮށް ތަންތަން ހަދާފައި ހުރިނަމަވެސް، ކިތަންމެ ގިނަ ގެއެއް ހުއްޓަސް، މިއީ ފަޅުރަށެކެވެ. ރަށުގެ އެކި މަގުތަކުން އެތައް ހިސާބަކަށް ހިނގިއިރު ވެސް މީހަކު ނުފެނެއެވެ. ކުއްތާއެއް ބުޅަލެއްހައި މިންވަރު ވެސް ނުފެނެއެވެ. ގޭގެ ވެސް ހުރީ ދޮރުލައްޕާ ތަޅުލާފައެވެ. އެހެންކަމުން އެއިން ގެއަކަށް ވަދެވޭތޯ ކުރި މަސައްކަތް ވެސް، ކާމިޔާބުވާގޮތެއް ނުވިއެވެ.

މިއީ މީހުން ދިރިއުޅޭ ރަށެއް ނޫންކަން ޔަގީނެވެ. އެހެންކަމުން ކުރީން ބައެއް މީހުންގެ ހިތަށް ވެރިވި ނުތަނަވަސްކަމާއި، ހާސްކަން، ގާތްގަނޑަކަށް ފިލައިފިއެވެ. މިނިވަންކަމުގެ އިހުސާސެއް ކުރެވޭން ފަށައިފިއެވެ. އެހެންކަމުން ދެން އެމީހުން މަސައްކަތްކުރީ، އެ ރަށުގައި ހުރި ރުއްރުކުން ކުރުނބާ އަޅާށެވެ. އެންމެން ދެ ގުރޫޕަކަށް ބެހިލައިފިއެވެ. އަލިބެއްޔާއާއި ރެކިފުތާއި އަލިފުތާއި އާދަންފުތާއި ފިޔޯރީ އާދަނާއި މާބާގެފުޅަކީ އެއް ގުރޫޕެވެ. އަހުމަދުދީދީ މި ގުރޫޕަށް އެންގީ އެޅުނު އެންމެ ގިނައެއްކޮށް ކުރުނބާ އަޅައިގެން، އޮޑިއަށް އެރުވުމަށެވެ. ރަށުގައި ހުރި ގިނަ ރުއްރުކަކީ މަތިވަރު ރަނގަޅު ރުއްރުކެވެ. ނުލުރުކާއި ރަތުރުކާއި ދަނބުރުކާއި ޖާފާނުރުކެވެ.

އަހުމަދުދީދީއާއި އާދަނާގެ ދެމަފިރިންނާއި ބާކީތިބި އެހެން މީހުންނަކީ އަނެއް ގުރޫޕެވެ. މި މީހުން ނައްޓައިލީ، ދުރުން ފެންނާން ހުރި، ދުރަށް އަލިފޮނުވާން ޖަހާފައިވާ ބޮޑު ބައްތިއެއް ކަހަލަ އެއްޗާ ދިމާއަށެވެ. އެ ބައްތި ހުރީ ރަށުގެ ދެކުނު ކޮޅުގައެވެ. ބައްތި ހުރި ސަރައްޙައްދަށް ދެވުނުއިރު، އެތަނުގައި ވެސް ކުޑަވަރެއްގެ ރީތި އިމާރާތެއް ހުއްޓެވެ. މި އިމާރާތުގެ ދޮރު ހުރީ ހުޅުވާފައެވެ. އަހުމަދުދީދީ ބޭނުންވީ އެތަނަށް ވަންނާށެވެ.

"މިތަންތަނަށް ވަންނާން ހަދައިގެން ފަހަރުގައި ބޮނޑިއެއް ވެސް ލިބިދާނެ!" ވާދޫގޭ އާދަނާ ފަސްޖެހޭގޮތްވިއެވެ. އެޅެފުތާގޭ މުހައްމަދުވެސް އެކަމަށް ތާއީދުކުރިއެވެ. އެހެންނަމަވެސް އަހުމަދުދީ އާއި އާދަނާ ބޭނުންވީ ވަންނާން ކަމަށްވާތީ، ފަސްޖެހުނު މީހުން ވެސް އެތެރެއަށް ވަދެއްޖެއެވެ.

އެތެރެއަށް ވަންއިރު މައްޗަށް އަރާން ހުރީ، ވަށް ސިޑިއެކެވެ. އެ ސިޑިން އެންމެން މައްޗަށް އަރާން ފަށައިފިއެވެ. ވަކި ހިސާބަކަށް އެރުމާއެކު، ފެނުނީ އޮފީހެއް ކަހަލަ ތަނެކެވެ. އެ ތަނުގެ ވަށައިގެން ހުރި، ކުޑަދޮރުތަކުގައި ހުރީ، ތޭރި ޖަހާފައެވެ. އެހެންކަމުން ކުޑަދޮރުތަކުން އެތަނުގެ އެތެރެ ރީތިކޮށް ފެނެއެވެ. ގޮނޑި މޭޒުތަކާއި ފޮތް އަލަމާރިތައް ވަރަށް ގިނައިން ހުއްޓެވެ. ފައިލުތަކާއި ފޮތްތައް، ބަރިބަރިއަށް ޖަހާފައި ހުއްޓެވެ. އެތަނަށް ވަންނާން ހުރި ދޮރު ތަޅުލާފައި ހުރުމުން، އެތެރެއަށް ވަދެވޭގޮތެއް ނުވިއެވެ.

"މީ ފަޅުރަށެއް ނޫން! ފަޅުރަށެއް ނަމަ، މި އެއްޗިއްސެއް މިހެނެއް ނުހުންނާނެ!" އާދަނާ އޮފީސް ތެރެއަށް ބަލަން ހުރެފައި، އަހުމަދުދީއާ ދިމާއަށް މަޑުމަޑުން ބުނެލިއެވެ.

"މަށަށް ހީވަނީ ޖަޕާނު ސިފައިން މި ރަށު މީހުންތައް ހިފައި ހައްޔަރުކޮށްގެން ގެންގޮސް ޖަލަށް އަޅައިލީހެން." އިރުކޮޅަކު ހުރެފައި، އަހުމަދުދީދީ މަޑުމަޑުން ބުނެލިއެވެ.

އަހުމަދުދީދީގެ އެ ޖުމުލައާއެކު، ބައެއް މީހުންގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. އާދަނާގެ އަތުގައި ހިފަހައްޓައިގެން ހުރި ހައްވާދިޔެއަށް، އާދަނާގެ އަތުގައި ދެ އަތުން ބައްދާލެވުނެވެ. މިތަނުން އަވަހަށް ނިކުންނަން ހިނގާށޭ ވައި އަޑުން ބުނެވުނެވެ.

އޮފީހާ ދިމާއަށް އިރުކޮޅަކު ބަލާން ތިބެފައި، އެމީހުން އެތަނުން ފައިބައިގެން މަގަށް ނިކުމެ، ދޯންޏާ ދިމާއަށް ދިއުމަށްޓަކައި ހިނގައިގެންފިއެވެ. ދެވުނީ ތަންކޮޅަކަށެވެ. މަތިންދާ ބޯޓެއްގެ އަޑު ދުރުން އިވޭން ފަށައިފިއެވެ. އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް، މައްޗަށް ބަލައިލެވުނެވެ. އެވަގުތު ދުރުން އެ ރަށާދިމާއަށް ބޯޓެއް އަންނަތަން ފެނުނެވެ.

(ނުނިމޭ...)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު