ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ދަ ގްރާންޑޭ އެއްވަނާގައި ހަމަޖެހިލައިފި

ދަ ގްރާންޑޭއާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ދިވެހި ޕްރިމިއާ ލީގު

މި އަހަރުގެ ސީޒަނަށް މުޅިން އަލަށް ކޮލިފައިވި ދަ ގްރާންޑޭއިން އިއްޔެ ކުޅުނު މެޗުން ވެެސް މޮޅުވެ ލީގުގެ އެއްވަނާގައި ހަމަޖެހިލައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ދަ ގްރާންޑޭއިން ކުރި ހޯދީ 0-3ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ދަ ގްރާންޑޭ ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު މޮޅުވެފައިވާ އިރު މިވަގުތު އެ ޓީމު ތާވަލުގެ އެއްވަނާގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. އެ މެޗުން ބަލިވި ޔުނައިޓެޑް ވިކްޓަރީއަށް މިހާތަނަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

ދަ ގްރާންޑޭއާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ދިވެހި ޕްރިމިއާ ލީގު

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ދަ ގްރާންޑޭއިން ސީޒަނަށް ރަނގަޅު ތައްޔާރީތަކެއް ވެފައިވާ އިރު އެ ޓީމުން އަންނަނީ ޖެހުނު ކޮންމެ ޓީމަކާ ވެސް ވަރުގަދައަށް ކުރިމަތިލައި ކާމިޔާބު ހޯދަމުންނެވެ. ލީގުގެ އެންމެ ގަދަފަދަ ޓީމުތަކުގެ ގޮތުގައި ފާހަގަވެފައި އޮތް މާޒިޔާ އާއި ޓީސީއާއި އީގަލްސްގެ އިތުރުން ގްރީން ސްޓްރީޓުގެ މެޗުތައް ކުރިއަށް އޮތް ނަމަވެސް ދަ ގްރާންޑޭގެ ކުޅުންތެރިން ތިބީ ކޮންފިޑެންސާ އެކު ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ ބުނެފަ އެވެ.

ދަ ގްރާންޑޭއިން ރޭގެ މެޗު ވަރުގަދައަށް ފެށި އިރު އެ ޓީމުން ދިޔައީ މެޗުގެ އެންމެ ކުރީ ކޮޅުން ފެށިގެން ވެސް ޔޫވީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ދަ ގްރާންޑޭއިން މެޗުގައި ޖެހި ފުރަތަމަ ގޯލު އެ ޓީމުގެ މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ފުރަތަމަ ހާފުގެ 28 ވަނަ މިނަޓުގެ ތެރޭގައި ޖަހައިފަ އެވެ. މި ގޯލަކީ ޔޫވީގެ ގޯލް ކީޕަރު ތޮލާލް ހަސަން (ތޮލާ) އަށް ހެދުނު ގޯހަކުން ވަތް ގޯލެކެވެ.

ދަ ގްރާންޑޭއަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން، އަހުމަދު ހަސަން (އައްމަޑޭ) ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްދީފަ އެވެ.

ދެވަނަ ހާފުގައި ޔޫވީގެ ކުޅުން ރަނގަޅުކޮށް ދަ ގްރާންޑޭގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ އެވެ. އެގޮތުން އެ ޓީމުގެ ބިދޭސީ ފޯވާޑް ސިލިޗް ވަނީ ގޯލެއް ވެސް ޖަހައިފަ އެވެ. ނަމަވެސް އެ ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށް ރެފްރީ ވަނީ ނިންމާފަ އެވެ.

ޔުނައިޓެޑް ވިކްޓަރީއިން މެޗުގެ ތެރެއަށް ވަދެ ހިތްވަރާ އެކު ކުޅެމުން ދިޔަ ވަގުތު އެ ޓީމުގެ އުންމީދުތައް ފުނޑު ފުނޑު ވެގެން ދިޔައީ ދަ ގްރާންޑޭގެ ތިންވަނަ ގޯލާ އެކު އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ނިޒާމް އެވެ.

ލީގުގައި ދެން ދަ ގްރާންޑޭ ކުޅޭ މެޗުގައި ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

comment ކޮމެންޓް