ހައްޖު ކޯޕަރޭޝަނަށް 550 ކޯޓާ، 80 ޖާގަ ސަރުކާރަށް

ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަންފެށުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ސައުދީ އަރަބިއާ އިން ރާއްޖެއަށް ދިން 1000 ކޯޓާގެ ތެރެއިން 550 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް މީހުން ގެންދަނީ އެ ކޯޕަރޭޝަނުގައި ރެޖިސްޓްރީވެ، ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ޖުމްލަ އަގުގެ 75 ޕަސެންޓު ދައްކާފައިވާ ފަރާތްތަކުގެ ތަރުތީބުން ކަމަށެވެ.

މިއަހަރު ހައްޖު ކޯޕަރޭޝަނަށް ދީފައިވާ 550 ކޯޓާގެ ތެރެއިން 80 ޖާގަ އިސްލާމިކް މިނިސްޓްރީ އަށް (ސަރުކާރަށް) ހާއްސަ ކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ބާކީ އޮތް 470 ޖާގައިގެ ތެރެއިން 31 ޖާގަ ހައްޖު ކޯޕަރޭޝަނުގެ ފަންނީ ބޭފުޅުންނަށާއި އެހީތެރިންނަށް ހާއްސަ ކުރުމަށް ފަހު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްފައި ވަނީ 439 ޖާގަ އެވެ. މިހާތަނަށް 514 ފަރާތަކަށް ހައްޖަށް ދާން ފުރުސަތު ލިބުނުކަން އަންގާފައިވާ އިރު އެކި ސަބަބުތަކަށް ޓަކައި މި އަހަރު ހައްޖަށް ދެވެން ނެތްކަން 75 ފަރާތަކުން އަންގާފައިވާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

މިއަދާ ހަމައަށް 439 ފަރާތަކުން ހައްޖަށް ދިޔުމުގެ ދައުވަތު ގަބޫލުކޮށްފައިވާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަންއަށާއި އަމިއްލަ ފަސް ޖަމާއަތަކަށެވެ. ކޯޕަރޭޝަަނަށް 550 ޖާގަދިން އިރު ކޮންމެ ޖަމާއަތަކަށް ދީފައި ވަނީ 90 ޖާގަ އެވެ.

comment ކޮމެންޓް