ވާވޭއާ އެކު ވިޔަފާރިކުރުމުގެ ހުއްދަ އެމެރިކާގެ ކުންފުނިތަކަށްދީފި

ވާވޭ އާއެކު އޮތް ހަނގުރާމަ ނިމުނުކަން ޓްރަމްޕް ވަނީ އިއުލާނު ކުރައްވާފައި --

ޗައިނާގެ ޓެކް ކުންފުނި ވާވޭ ބްލެކް ލިސްޓު ކުރިތާ ހަ ހަފްތާ ނުވަނީސް، ވާވޭ އާއެކު ވިޔަފާރި ކުރުމުގެ ހުއްދަ އެމެރިކާގެ ކުންފުނިތަކަށް ދީފި އެވެ.

މިހާރު ޖަޕާނުގައި ކުރިއަށްދާ ޖީ-20 ސަމިޓުގެ ހަވާސާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ ބައްދަލު ކުރައްވައިފަ އެވެ. އިއްޔެ ބޭއްވި މި ބައްދަލުވުމަށް ފަހު ޓްރަމްޕް ވަނީ އެމެރިކާގެ ޓެކް ކުންފުނިތަކަށް، ވާވޭ އާ އެކު ވިޔަފާރި ކުރުމަށް ހުއްދަ ދެއްވައިފަ އެވެ.

ވާވޭ އަކީ ޗައިނާގެ ސަރުކާރުން ޖާސޫސް ކުރުމަށް ބޭނުން ކުރާ ކުންފުންޏެއް ކަމަށާއި އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، ވާވޭ އާ އެކު ވިޔަފާރި ކުރުން މަނާކޮށް އެމެރިކާ އިން އެ ކުންފުނި ބްލެކް ލިސްޓު ކުރިތާ ދެ މަހަށް ވަރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ވާވޭ އިން ވަނީ އެމެރިކާގެ ނިންމުން ބަދަލުކުރޭތޯ ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. ޓްރަމްޕްގެ ނިންމެވުމާ އެކު ވާވޭ އަށް އެމެރިކާ ކުންފުނިތަކުން މުދާ ގަތުމަށް އެއްވެސް ހުރަހެއް ނޯންނާނެ އެވެ. އެންޑްރޮއިޑް ގެ އޯއެސް އާއި ގޫގުލް ޕްލޭ ސްޓޯގެ އެޕްލިކޭޝަންތައް ވާވޭގެ އާ ފޯނުތަކަށް ނުލިބިދާނެ ކަމުގެ ބިރެއް ވެސް މިހާރު ނޯންނާނެ އެވެ.

ސްމާޓްފޯނުގެ ދުނިޔޭގައި ދެވަނަ އަށް މިހާރު އޮތް ވާވޭ އަށް އަނެއްކާ ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވިފައިވާ އިރު، އެންމެ ބޮޑު ވާދަވެރިޔަކީ އެމެރިކާގެ އެޕަލް އެވެ. ވާވޭ އަށް ކުރިމަތިކުރުވި ފިއްތުންތަކާ އެކު އެޕަލް އަށް ކުރިއަށް ޖެހިލެވިދާނެ ކަމަށް ބެލެވުނު ނަމަވެސް، އަނެއްކާވެސް ވާވޭ އަށް މިވަނީ ދެވަނަ ފުރުސަތެއް ލިބި ސްްމާޓްފޯނުގެ ބާޒާރުގެ އެއްވަނަ އަށް އެރުމަށް މަސައްކަތް ކުރުމަށް ފުރުސަތެއް ލިބިފަ އެވެ.

ވާވޭ އާ އެކު ވިޔަފާރި ކުރުން މަނާކުރުމުން އެމެރިކާގެ ކުންފުނިތައް ހިތްހަމަނުޖެހިފައި ތިބިކަމަށް ޓްރަމްޕް ވަނީ އެންމެ ފަހުން ވިދާޅުވެފަ އެވެ. ވާވޭ އިން ކުރިން ބުނެފައި ވަނީ އެކުންފުނީގެ އުފެއްދުންތައް އެމެރިކާގައި މަނާކުރުމުން ގެއްލުންވާނީ އެމެރިކާގެ ކުންފުނިތަކަށާއި އިގްތިސޯދަށް ކަމަށެވެ. ވާވޭ އަކީ 5ޖީ ޓެކްނޮލަޖީ ޑިވެލޮޕްކޮށް ޓެސްޓު ކުރި ފުރަތަމަ ކުންފުނިތަކުގެ ތެރޭ ހިމެނޭ ކުންފުންޏެވެ.

comment ކޮމެންޓް