"އިޝްކް ވިޝްކް" ރީމޭކްގައި އިޝާން؟

ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރު ބޮލީވުޑަށް ތައާރަފުވި ފިލްމު، 'އިޝްކް ވިޝްކް'ގެ ރީމޭކް އިން އޭނާގެ އެއްބަނޑު ކޮއްކޮ އިޝާން ކައްތަރު ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޕިންކްވިލާ ނޫހުގައި ބުނެފައި ވަނީ ފިލްމުގެ ލީޑު ރޯލަށް އިޝާން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިޝާން އާ އެކު މަޝްވަރާ ވެސް ކޮށްފައިވާ ކަމަށެވެ.

ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ކުރަމުން އަންނަ އިރު، ފިލްމުގެ ލީޑު ރޯލަށް ބޭނުން ވަނީ ޒުވާން، މައުސޫމް އެކްޓަރެއް ކަމަށާއި އެހެންކަމުން އެއީ އިޝާން އާއި އެންމެ ގުޅޭ ރޯލު ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

އިޝާން ފިލްމީ ދާއިރާއަށް ތައާރަފުވީ މާޖިދު މަޖީދީގެ 'ބިޔޯންޑް ދަ ކްލައުޑްސް' އިންނެވެ. އެއަށް ފަހު މަރާތީ ފިލްމު 'ސައިރާތު'ގެ ހިންދީ ރީމޭކް 'ދަޅަކް' އިން ވެސް ފެނިގެން ދިޔަ އެވެ.

މީގެ 16 އަހަރު ކުރިން ރިލީޒްކުރި 'އިޝްކް ވިޝްކް' އަކީ ޝާހިދުގެ އިތުރުން ބަތަލާ އަމްރިތާ ރާއޯގެ ފުރަތަމަ ފިލްމެވެ.

އެ ފިލްމަކީ ހިތްގައިމު ލަވަތަކެއް ހިމަނައިގެން އުފެއްދި ކޮލެޖު ޑްރާމާއެކެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ކުޑައިރުގެ ދެ އެކުވެރިން ފުރާވަރަށް އަޅައި، ދެމީހުންގެ އެކުވެރިކަން ލޯތްބަށް ބަދަލުވާ ގޮތުގެ މައްޗަށެވެ.

comment ކޮމެންޓް