މަސްތުވާތަކެތިން ޒުވާން ޖީލު ސަލާމަތްކުރަން ހެޔޮ ބަދަލެއް ގެނެވޭނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން: އޭނާ ވިދާޅުވީ، މަސްތުވާތަކެތިން ޒުވާން ޖީލު ސަލާމަތްކުރަން ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް --- ސަން ފޮޓޯ

މިއަދުގެ ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި އާންމުންނާއި މީޑިއާއަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ދޫނިދޫގައި ވަނީ 420 ކިލޯގެ މަސްތުވާތަކެތި ނައްތާލާފައެވެ. ތަފާތު 3000 އެއްހާ މައްސަލަތަކުގެ ފުލުހުން ހޯދައިފައިވާ އެ މަސްތުވާތަކެތީގެ އަގު 414 މިލިއަނަށް އަރައެެވެ.

އެ ހަރަކާތުގައި މަސްތުވާތަކެތި ނައްތާލުމަށްފަހު، ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން އިމްރާން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، އަތުލައިގަނެވޭ މަސްތުވާތަކެތި، އިޖުރާއަތްތަކުގެ ތެރެއިން ވީ އެންމެ އަވަހަކަށް ނައްތާލުން ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސްތުވާތަކެތީގެ ޝިކާރަކަށްވަމުންދާ ޒުވާން ޖީލް ސަލާމަތް ކުރުމަށް ހެޔޮ ބަދަލެއް ގެނެވިގެން ދާނެ،" އިމްރާން ވިދާޅުވި އެވެ.

"ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭ މަސްތުވާތަކެތި ނައްތާލުން އޮތީ ތަންކޮޅެއް ސްލޯކޮށް،"

މިއަދުގެ ހަރަކާތުގެ ތެރެއިން އިމްރާން: އަމާޒަކީ، އަތުލައިގަނެވޭ މަސްތުވާތަކެތި، އިޖުރާއަތްތަކުގެ ތެރެއިން އަވަހަށް ނައްތާލުން ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިއަދުގެ ހަރަކާތުން ދޭހަވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުން އިސްކަންދޭކަންކަމަށް އިމްރާން ވިދާޅުވިއެވެ.

މިއަދުގެ ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމްއާއި ޕްރޮސެކުއުޓާ ޖެނެރަލް އައިޝަތު ބިޝާމް އާއި ފުލުހުންގެ އިސްރޭންތަކުގެ މީހުންގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

-- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރު މަސްތުވާތަކެތި ނައްތާލުން މަޑުޖެހިފައިވީ ނަމަވެސް، މިހާރު އެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާ ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އަތުލައިގަނެވޭ މަސްތުވާތަކެތި ފައިލް ކުރާތާ ގިނަވެގެން އެއް މަސްދުވަސް ތެރޭ ޝަރީއަތަށް ބޭނުންވާ ވަރަށް ބެހެއްޓުމަށްފަހު، ނައްތާލުމަކީ އެ މުއަސަސާގެ އަމާޒެއް ކަމަށް ހަމީދު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އަތުލައިގަނެވޭ މަސްތުވާތަކެތި ގިނަ ވެގެން އެއްމަސް ދުވަސްތެރޭ ނައްތާލެވޭނެ،" ހަމީދު ވިދާޅުވިއެވެ.

މީގެ ކުރިން މަސްތުވާތަކެތީގެ ރިކޯޑު ބަލަހައްޓަމުން އަންނީ ލިޔުމުން ކަމަށާއި މިހާރު އެ ރިކޯޑު ޑިޖިޓަލް ކޮށް ބެލެހެއްޓުމަށް ފަށައިފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ: އަތުލައިގަނެވޭ މަސްތުވާތަކެތި ގިނަ ވެގެން އެއްމަސް ދުވަސްތެރޭ ނައްތާލެވޭ ކަމަށް ވިދާޅުވި -- ސަން ފޮޓޯ

މިއަދު ނައްތާލެވިފައިވަނީ، 2014 ވަނަ އަހަރުން ފެށިގެން މިމަހުގެ އެއް ވަނަ ދުވަހަށް ފުލުހުން އެކި މައްސަލަތަކުގައި އަތުލައިގަތް މަސްތުވާތަކެއްޗެވެ.

ހަމީދު ވިދާޅުވީ، 2014 ގެ ކުރީގައި ވެސް އަތުލައިގަތް ވަރަށް ގިނަ މަސްތުވާތަކެތި ނައްތާނުލެވި އެބަހުރި ކަމަށާއި ވަރަށް އަވަށް އެ މަސަލަތަކުގެ އޮޑިޓް ނިންމައި އެ ތަކެތިވެސް ނައްތާލާނެ ކަމަށެވެ.

މަސްތުވާތަކެތި ނައްތާލުން: 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ ނައްތާލާފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މަސްތުވާތަކެތި އަތުލައިގަތުމަށްފަހު، ފުލުހުންގެ ތެރެއިން އެއްޗެހި ދޫވެގެންދާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެއެވެ. އެކަމާ ގުޅިގެން ހަމީދު ވިދާޅުވީ، މިހާތަނަށް އެފަަދަ މައްސަލައެއް ތަހުގީހު ކުރެވިފައި ނުވާ ކަމަށެވެ. އަދި އެވެސް ފުލުހަކާ މެދު ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.

އެގޮތޮށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ހާމަ ކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދެވޭތީ ކަމަށް ހަމީދު ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތްގައި މަސްތުވާތަކެތި ނައްތާލުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތި ނައްތާލުން: 420 ކިލޯގެ މަސްތުވާތަކެތި ވަނީ ނައްތާލާފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މަސްތުވާތެކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާއި މެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދުގައިވާ ދަށުން، މަސްތުވާތަކެތި ނައްތާލުމަށް ހަމަޖެހިފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ. މިއަދު މަސްތުވާތަކެތި ނައްތާލީ އެ ކޮމިޓީގެ ހާޒިރުގަ އެވެ.

މިއަދު ނައްތާލާފައިވަނީ ބަރުދަނަށް ބަލައި ދައުވާކުރެވޭ މިންވަރުގެ ދެ ގުނަ ބެހެއްޓުމަށްފަހު ބާކީ ބައެވެ.

https://www.sun.mv/120939

comment ކޮމެންޓް