އަންނަ ސީޒަނަށް ފަހު ސިލްވާ ވެސް މެންޗެސްޓާ ސިޓީ ދޫކޮށްލަނީ

މެންޗެސްތާ ސިޓީގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ --- ފޮޓޯ/ޖޭމީ ސްމިތް

މެންޗެސްޓާ ސިޓީގެ ރަމްޒުދާރެއްގެ (ލެގެންޑް) ދަރަޖަ ލިބިފައިވާ އެ ޓީމުގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ އަންނަ ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަން އިއުލާން ކޮށްފި އެވެ.

އުމުރުން 33 އަހަރުގެ ސިލްވާ އަކީ މެންޗެސްޓާ ސިޓީގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެކުލަބާ އެކު ކުޅުނު 9 ސީޒަނުގައި ހަތަރު އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އެ ކުލަބުން ހޯދުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އޭނާ ވަނީ އެ މުއްދަތުގެ ތެރޭގައި ދެފަހަރެއްގެ މަތިން އިނގިރޭސި ލީގު ކަޕާއި އެފްއޭ ކަޕު ވެސް ސިޓީއަށް ހޯދައިދީފަ އެވެ.

ސިލްވާ ސިޓީއަށް ސޮއެ ކުރީ 2010 ވަނަ އަހަރު އެވެ. ސްޕެއިންގެ ވެލެންސިއާއިން ސިޓީއަށް ސިލްވާ ބަދަލުވުމަށް ފަހު މިއަދާ ހަމައަށް ވެސް އޭނާ ދެއްކި ކުޅުމަކީ ސިޓީގެ ތާރީހުގައި ވެސް ރަން އަކުރުން ލިޔެވޭނެ ކަންކަމެވެ. ޓީމުގެ މެދުތެރޭގައި އޭނާ ދައްކަމުން އަންނަ ހުނަރުވެރި ކުޅުމާ އެކު އޭނާ ވެފައި ވަނީ ސިޓީގެ ހުރިހާ ކުޅުންތެރިން ވެސް އެންމެ ބޮޑަށް ބަރޯސާ ވާނެ އެއް ކުޅުންތެރިއަކަށެވެ.

ނަމަވެސް ކުރިއަށް އޮތް ސީޒަނަކީ ސިލްވާ މެންޗެސްޓާ ސިޓީގެ ޖާޒީގައި ފެންނާނެ އެންމެ ފަހު ސީޒަން ކަން އޭނާ ވަނީ އިއުލާން ކޮށްފަ އެވެ. މި ހަބަރަކީ ސިޓީގެ ހުރިހާ ސަޕޯޓަރުންނަށް ބޮޑު ހިތާމައެއް ލިބޭނެ ހަބަރެެއްކަން ޔަގީނެވެ.

"ދެން އޮތީ އަހަރެންގެ ފަހު އަހަރު. މި ކުލަބާ އެކު 10 އަހަރު ކުޅުމަށްފަހު ކުލަބު ދޫކޮށްލުމަކީ އެކަމަށް އެންމެ މުނާސަބު ވަގުތު،" ސިލްވާ ބުންޏެވެ.

އޭނާ ބުނީ ކުލަބުން އިތުރު ދެ އަހަރުގެ އެއްބަސްވުމެއް އޭނާއާ ހަވާލު ކުރި ކަމަށެވެ. ނަމަވެސް އޭނާ ސޮއެ ކުރީ އެންމެ ސީޒަނަކަށް ކަމަށް ސިލްވާ ބުންޏެވެ.

comment ކޮމެންޓް