ޤުރުބާން ކުރީމޭ ހިތް މަގޭ ލޯބިން (13)

ވިސާމްގެ އެދުމަށް ވިސާމްގެ ފަހަތުން ހިނގައިގަތް އިރު ދެންވާނެ ގޮތް ލަފާކޮށްލާކަށްވެސް އަހަރެންނަކަށް ނޭނގުނެވެ.

ވިސާމް އަހަރެން ގޮވައިގެން ވަނީ އުސްއިމާރާތަކަށެވެ. ލިފްޓަށް އަރާ އޭނާ ފިތާލީ އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާ، އެގާރަވަނަ ބަޔަށެވެ. އަހަރެންސުވާލުކުރުމުން ވިސާމް ބުނީ މަޑުކުރުމަށެވެ. ކުޑަ އިރުކޮޅަކުން ހުރިހާ ހަޤީގަތެއް އެނގޭނެކަމުގައެވެ. އަހަރެންނަށް ވިސާމްއަށް އަބަދުވެސް އިތުބާރުކުރެވެއެވެ. އެހިސާބަށް ވިސާމްއާއެކު އައި ސަބަބަކީވެސް އެއީއެވެ.

ލިފްޓު ހުއްޓުމާއެކު ވިސާމް އަހަރެންނަށް ބަލާލާފައި ފޭބިއެވެ. ކުރިމަތީގައި ހުރި ދޮރު ހުރީ ތަޅުލާފައެވެ. ވިސާމް ކޯޑު ޖަހާ ދޮރު ހުޅުވާލިއެވެ. އަދި އަހަރެންނަށް ވަނުމަށް އިޝާރާތް ކޮށްލިއެވެ. އަހަރެން ވިސާމްއަށް ބަލާލުމަށްފަހު އެތެރެއަށް ވަނީމެވެ. އަހަރެން ހަމަވަނުމާއެކު ވިސާމް އެތެރޭން ތަޅުލިއެވެ. އެއަށްފަހު އޭނާ އަހަރެންގާތު އަންނަން ބުނަމުން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. އަހަރެން ވެސް ވިސާމްގެ ފަހަތުން ދިޔައީމެވެ. ނުތަނަވަސްވެ ހިތް އަވަސްވެފައިވާ ހާލުގައެވެ.

ވިސާމް އެތެރެއަށް ވަނެވެ. އަހަރެންވެސް ވަނީމެވެ. ވިސާމްގެ ނަޒަރު ހުއްޓިފައި ހުރި ދިމާލަށް އަހަރެންނަށް ބަލާލެވުނެވެ. އެއާއެކު އަހަރެންނަށް ހައިރާންކަމާއެކު ދެލޯ ބޮޑުކޮށްލަމުން ވިސާމްއަށް ބަލާލެވުނެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ޤަބޫލެއް ނުކުރެވުނެވެ. ދެތިން ފަހަރު އެއްފިޔަ ޖަހާލުމުންވެސް މަންޒަރު ބަދަލެއް ނުވިއެވެ. ނިޔާވެފައިވާ ކަމަށް ބުނާ ވިސާމްގެ އަނބިމީހާ އެގޮތަށް އޮތުމުން އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަމައެއާއެކު މި ހުރިހާ ދުވަހު ވިސާމް އަހަރެން ބެހެއްޓީ ކަނު އަނދިރީގައިކަން އެނގުމުން ހިތަށް ހިސާބެއްގެ އުނދަގުލެއް ވިއެވެ. ވިސާމްގެ އަދި ކިތައް ސިއްރު މި ގޮތަށް އޮންނާނޭ ބާއޭ ހިތަށް އެރިއެވެ. އަހަރެންނަށް އޮޅުވާލާފައި ކިތައް ހަޤީގަތް އޮންނާނޭ ހެއްޔެވެ؟

"ވިސާމް އަހަރެންނަށް ދޮރު ހެދީދޯ؟" ވިސާމްގެ އަންހެނުން ދުނިޔޭގައި އޮއްވާ އަހަރެންގާތު އޭނާގެ ހަޔާތަށް އައުމަށް އެދުން ހަޖަމުކުރެވޭގޮތް ނުވުމާއެކު އަހަރެންނަށް ބާރަށް ވާހަކަ ދެކެވުނެވެ. އެއްވެސް ފިރިހެނަކަށް އިތުބާރު ކުރަން ނުވަނީ ހެއްޔެވެ؟ ހަޤީގަތަކީ ކޮބައިހެއްޔެވެ؟

އަހަރެން ދެފަރާތަށް ބޯ ހޫރާލަމުން ދެ ފިޔަވަޅު ފަހަތަށް އަޅާލީމެވެ. ވިސާމް އަހަރެންނަށް ބަލަން ހުއްޓެވެ. އަހަރެން ކޮޓަރިން ނުކުތުމާއެކު ވިސާމްވެސް ނުކުތެވެ.

"އަދި ކިތައް ދޮގު އަހަންނަށް ހަދާފައި ވިސާމް ހުންނާނެތަ؟" އަހަރެން ސުވާލުކޮށްލުމާއެކު ވިސާމް ބުނީ އޭނާ ގެ މަޖުބޫރީ ހާލަތުގެ ސަބަބުން އެކަން ސިއްރުކުރަން ޖެހުނީކަމުގައެވެ.

"މަޖުބޫރީ ހާލަތޭ؟؟؟" އަހަރެންނަށް އަނެއްފަރާތަށް މޫނު އަނބުރާލެވުނެވެ.

"ޒާރާއަށް ނޭނގުނަސް އަހަންނަށް މަޖުބޫރުވީ. އެހެންނޫންނަމަ އަހަރެން ރިޝްފާގެ ސަލާމަތަށް އެއްގައުމުން އަނެއްޤައުމުން ނުދުވާނެ. އެހެންނޫންނަމަ އަހަރެންނާ އަހަރެންގެ ދަރިފުޅު އަދި ރިޝްފާ މިއަދު އުޅޭނީ ވަރަށް އުފަލުން. އަމިއްލަ އެދުމުން ފޯވެފަ، ދުނިޔޭގެ ލޯ މައްޗަށް ފެންނަން ޖެހޭ ހަޤީގަތެއް ފޮރުވަން ވެގެން ބައެއް ކުޅޭ ކުޅިވަރުގެ ޝިކާރައަކަށް ރިޝްފާ ވާން ޖެހުނީ ކީއްވެ؟ ފަސޭހަކަމެއްނޫން މިއީ. އެއްގޮތަކަށްވެސް ފަސޭހަ ކަމެއްނޫން. އަމިއްލަ ދަރިފުޅު މަންމަގެ ލޯބިން މަހްރޫމްވެއްޖެ. އެހެންމީހެއް މަންމަ ކަމުގައި އާލް ބަލަން ފަށައިފި. ފަހަރެއްގައިވެސް އަހަރެން ބޭނުންވި ގޮތެއް ނޫނޭ މިއީ ޒާރާ... މަޖުބޫރީ ހާލަތު ތަންނުދިނުމުން އަހަރެންނަށް އުޅެން ޖެހިފައިވާ ހާލު މީ." ވިސާމް ހީވީ އޭނާގެ ހިތުގެ އުދާސްތައް އަހަރެން ކުރިމަތީގައި ބަންޑުން ކޮށްލިހެންނެވެ.

"އެ ކީއްވެ؟"

ވިސާމްއައިސް އިށީނީ ސޯފާގައެވެ. އަހަރެން ބޭނުންވަނީ ސަބަބު އޮޅުން ފިލުވާށެވެ.

"އެ އާއިލާތެރޭގައި އަލްމަޢިއްޔާ ކުރި ވިޔާނުދާ އަމަލެއް ރިޝްފާއަށް ފެނުނީ!."

"ކޮންކަމެއް؟" އަވަސް އަވަހަށް އަހަރެން އަހާލީމެވެ.

"އަލްމަޢިއްޔާ އެގޭގަ ގެންގުޅުނު ނޯކަރު ކުއްޖަކު މަރާލިކަމަށްވަނީ އަމަންގެ ބައްޕައާއި ދެ އަތްބަށް އިންނަން އުޅުމުން. އޭނަ ވަރަށް ލޯބިވާނެ އެ ދެ ފިރިހެންދަރިންދެކެ. އޭނަ ދެކޭގޮތުގަ އެ ކައިވެނި ކުރެވިއްޖެނަމަ އެއީ އެ އާއިލާއަށް ހުރި ބޮޑު ހުތުރެއް. އެހެންކަމުން އެކަން ހުއްޓުވަން އޭނަ އަތުކުރި އޮޅާލީ..... ފަރުދާގެ ފުރަގަހުގައި ހިނގަމުން ދިޔަ އެއްވެސް ކަމެއް އިތުރު މީހަކަށް ނޭނގޭ. ހަމަ އެކަނި އަލްމަޢިއްޔާ އަށް އެކަނި އެނގުނީ އަމަންގެ ބައްޕަ އެފަދަ ކަމެއް ކުރަމުން ދާކަމަށް. އެންމެ ފަހުން އަލްމަޢިއްޔާ ދިމާކުރީ މި ބުނާ ނޯކަރު ކުއްޖައާ..... އެކުއްޖާ ހުރީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން... ވީ ގޮތަކީ އަސްލު މި ކުއްޖާވެސް އުޅުނީ ފައިސާއާއި މުދަލައިގެން.... އަލްމަޢިއްޔާ އެ ނޯކަރު ކުއްޖާއާ ޒުވާބުކުރީ ދަންވަރު ޓެރެސްމަތީގައި... އެ ކުއްޖާ ވައްޓާލީވެސް އަލްމަޢިއްޔާ! އިއްތިފާގުން އެރޭ ޓެރެސްމައްޗަށް ރިޝްފާއަށް އެރުނީ. އެތަން ފެނުނީ ރިޝްފާއަށް! އޭރު އަހަރެމެންގެ ގުޅުން އެނގި އަލްމަޢިއްޔާ އޮތީ އެކަމާ ނުރުހި ރިޝްފާގެ ކައިވެންޏަށް މީހަކުވެސް ހޯދާ ނިންމާފަ. އެކަމާ ރިޝްފާ ދެކޮޅު ހެދުމުންނާ، އަލްމަޢިއްޔާ ރިޝްފާ އާ ދެކޮޅު ވެފަ ހުރި ދަނޑިވަޅެއްގަ އެފަދަކަމެއް ފަޅާ އެރުމުން އޭނާ ރިޝްފާގެ އަނގަ ބަންދުކުރުމަށް ނިންމީ. އަލްމަޢިއްޔާ ހަތިޔާރަކަށް ބޭނުންކުރީ އަހަރެން. އަހަރެންނަށް ގެއްލުން ދޭނެކަމަށްބުނުމުން ރިޝްފާ މަޑުން ހުރީ..... އޭގެފަހުން އަލްމަޢިއްޔާއާއި ރިޝްފާއާއި ދެމެދު ހިނގި ދެބަސްވުމެއްގެ ސަބަބުން ރިޝްފާ ގޭން ނެރިލީ އަލްމަޢިއްޔާ. ރިޝްފާ އަހަރެންނާ ކައިވެނި ކޮށްގެން އުޅެނިކޮށް އެކްސިޑެންޓް ކުރުވާ ރިޝްފާ މަރާލަން މަސައްކަތް ކުރީ އަލްމަޢިއްޔާ. ރިޝްފާ މަރުނުވެ ކޯމާއަކަށް ދިޔުމުން އެކަމާ އެންމެ އުފާ ފާޅު ކުރީވެސް އަލްމަޢިއްޔާ. އޭނަ އަހަރެންގެ އަނގަ ބަންދުކުރިވީ ރިޝްފާއަށް ގެއްލުން ދޭނެކަމަށް ބުނެ. ރިޝްފާ ސަލާމަތް ކުރަން ބޭނުމިއްޔާ ހުރިހާ ކަމެއް ސިއްރުކުރަން އިންޒާރުދިން. ދެން އޭނަ ކަންތައް ކުރީ އަހަރެން ހީވެސް ނުކުރާ ގޮތަކަށް. ރިޝްފާ މަރުވިކަމަށް އާއިލާގެ ތެރޭގައި އަޑު ފެތުރީ. އެންމެންގެ ހިތުގައި އަހަރެންނާ މެދު ނަފްރަތު އުފައްދާ ރިޝްފާ ގެ މަރުގެ ޒިންމާ އަހަރެންގެ ބޮލުގައި އަޅުވަން މަސައްކަތް ކުރި. އަހަރެން ރިޝްފާ ގޮވައިގެން ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރީ. އެވަރުންވެސް އަލްމަޢިއްޔާގެ ރާޑަރުން ބޭރަށް އެރޭ ގޮތެއް ނުވި..... އެދުވަސްކޮޅު އަހަރެން ދިޔައީ ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަމުން. ރިޝްފާ ގޮވައިގެން ބޭރަށް ބަދަލުވީ ލޯނެއް ނަގައިގެން... އެންމެ ފުރަތަމަ އަހަރެން ދިޔަ ގައުމުންވެސް ރިޝްފާގެ ފުރާނަ ދުއްވާލަން ބަޔަކު މަސައްކަތް ކުރި. ފަހުން އެނގުނު އެއީވެސް އެ ނުލަފާ އަންހެނާގެ ކަމެއްކަން... އެހެންކަމުން އަނެއްކާވެސް އަހަރެން އެހެން ގައުމަކަށް ބަދަލުވިން. އަލްމަޢިއްޔާ ހީކުރީ އަހަރެން ދެން ދުވަހަކުވެސް ރާއްޖެ ނާންނާނެކަމަށް. އަހަރެން އެހެން ބުނެފަ އޮތީމަ. އެކަމަކު ކިޔަވާ ނިންމާފަ އަހަރެން ވެސް ރާއްޖެ ބަދަލުވާން ނިންމީ. އެނގޭނަމަ މިހާރުވެސް އަލްމަޢިއްޔާގެ އުނދަގޫ އަހަންނަށް ފޯރާނެކަން ޔަގީން. ރިޝްފާ އެކްސިޑެންޓް ކޮށްލިއިރު ރިޝްފާ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެ. އެންމެއަށް މަހުގައި ދަރިފުޅު ނަގަން ޖެހުނީ. ރިޝްފާ ކޯމާއަކަށް ދާން ޖެހުނު ސަބަބަކީ އެ އެކްސިޑެންޓް... އަހަރެން ރިޝްފާ ސަލާމަތް ކުރުމަށް ދުނިޔޭގެ ލޯމައްޗަށް ރިޝްފާ ފޮރުވާ ސަބަބަކީ އަލްމަޢިއްޔާ ރިޝްފާއަށް ދީފާނެ ހަމަލާއަކުން ސަލާމަތް ކުރުން. އަމަންއަށްވެސް ނޭނގޭނެ އަދި ރިޝްފާ މަރުނުވާކަމެއް. އެއްވެސް މީހަކަށް ނޭނގޭނެ. އަލްމަޢިއްޔާ ފިޔަވާ. " ފުރަތަމަ ފަހަރަށް އޭނާގެ ހަޔާތުގެ ސިއްރުތައް ވިސާމް އަހަންނާ ހިއްސާކުރިއެވެ. އެއާއެކު އަހަރެންގެ ބަސްހުއްޓުނެވެ.

"ދެން ކީއްވެ އަހަރެން ގާތު އެހެން އެހީ؟" އަހަރެން ސުވާލުކޮށްލީމެވެ.

"ކީކޭ؟ އެވާހަކަ ދޯ!. ރިޝްފާ ބޭނުންވީ އަހަރެން އާލްގެ ހައްގުގަ ނަމަވެސް އެހެންމީހަކާ ކައިވެނި ކުރަން.އެކްސިޑެންޓަށް ފަހު ހޮސްޕިޓަލަށް ގެނެވުނު އިރު އޭނާއަށް އަހަރެންގެ އަތުގައި ހިފައިގެން އިނދެ އެހެން ބުނެވުނީ ކިރިޔާ..... ރިޝްފާގެ ހަބަރު ހުސްވީ.... ޒާރާ އާއި އާލް ދޯޅަ ކަމުން އާލް އެންމެ ރަނގަޅަށް ބެލޭނީ ޒާރާއަށް ކަން ޔަގީން ކުރެވުނީމަ އަހަރެން އެހެން ބުނީ. ތިން އަހަރު ވަންދެންވެސް މަޑުކޮށްގެން ހުރީ އަމިއްލަ ހިތަށް ރިޝްފާއަށް ބޭވަފާތެރި ވެވެނީކަމަށް ވިސްނައިދީގެން. އެކަމަކު އެންމެ ފަހުން ނިންމީ އާލް މަންމައެއްގެ ލޯބިން މަހްރޫމް ނުކުރުމަށް. އެހެންވެ ޒާރާ ގާތު އެހީ. އަހަންނަށް އެކަމަށް މާފުކޮށްދީ!" ވިސާމް އަހަރެންގެ ސުވާލަށް ޖަވާބުދިނެވެ.

"އަމަން ގަބޫލެއް ނުކުރާނެތަ ތި ވާހަކަތަކެއް؟" އަހަރެން ސުވާލުކޮށްލީމެވެ.

"ނޭނގެ. މީން އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ކިޔައިދޭކަށް ބޭނުމެއްނޫން. އަދިވެސް އަމަން ޒާރާދެކެ ލޯބިވާހެން އަހަންނަށް ހީވޭ. އެކަމަކު އޭނަ މާމަގެ ބަސް ނާހާ ޒާރާ ގާތަށް ނުވެސް އަންނާނެ. އެ އާއިލާތެރޭގައި ހުރި އުސޫލުތަކުގެ ސަބަބުން އެއްވެސް މީހަކަށް އަމިއްލަ މިނިވަންކަމެއް ނޯވޭ. ހާއްސަކޮށް އަލްމަޢިއްޔާ ގެ ސަބަބުން. އޭނާ އަކީ ވަރަށް ޝާހީކޮށް އުޅެން ބޭނުންވާ މީހެއް. މަޖްހޫދު އާއި އަލްމަޢިއްޔާ އާ ވެގެން ދަރިންގެ ކަންތައްތަކުގައިވެސް ގޮތް ނިންމާނީ. ރިޝްފާ ދެކޮޅު ހަދާފައި އައި ނަމަވެސް އަމަންއަކަށް ނުކެރޭނެ އެހެންކަންތައް ކުރާކަށް. އަމަންގެ އެ ހިތްވަރެއް ނުހުންނާނެ. އެގޭގައި ކިރިޔާ އަލްމަޢިއްޔާ އާ ދިމާލަށް އެއްޗެއް ބުންޏަސް ބުނަންކެރޭ ހުންނާނީ އެންމެ މީހެއް. އެއީ ޖުނާން. އޭނަ ބައެއް ކަންތައް ތަކުގަ އެހެން ދެކޮޅަށް އެއްޗެއް ބުނެފާނެ. އެކަމަކު އަމަން އަކީ އެއާ އިދިކޮޅު. " ވިސާމް އިތުރު ވާހަކަތަށްވެސް އަހަރެންނަށް ކިޔައިދިނެވެ. އެރޭ ރިޝްފާ ގާތު ތިބެލާފައި އަހަރެމެން ދެމީހުން ގެއަށް ދިޔައީމެވެ.

އަލްމަޢިއްޔާއަށް އަހަރެންގެ ހިތުގައި ނަފްރަތު އުފެދެމުން ދިޔައެވެ. އަމަންގެ ފިނޑިކަމާ ހެދި ހައިރާންވެސް ވިއެވެ. ހަޔާތުގައި އަމިއްލައަށް ނިންމަން ޖެހޭ ނިންމުންތައް ނިންމުމުގެ ގާބިލްކަން އަމަންގެ ގައިގައި ނެތީބާއޭ ވެސް ހިތަށް އެރިއެވެ.

އޭގެ ފަހުން އަހަރެންނަށް އަމަން ނުފެނި މަހެއްހާދުވަސް ފާއިތުވެއްޖެއެވެ. އަމަންގެ ހަނދާންތައް ސިކުނޑިން ފަނޑުވާ ގޮތް ނުވިނަމަވެސް އަމަން ގެއަށް ނާންނާތީ ހަމަޖެހުމެއް ލިބިފައިވިއެވެ. އަހަރެން ކައްކާ ނިންމާލާފައި އާލްއަށް ބޭސްދީފައި ނިންދެވީ ކުޑަކޮށް ހުންވައްތަރު ވެފައި ހުރުމުންނެވެ. އެހެންކަމުން އަހަރެން އާލް ސުކޫލަކަށްވެސް ނުގެންދަމެވެ.

އަމަންގެއަށް އައީ އަނެއްކާވެސް އެދުވަހުއެވެ. އެހެންނަމަވެސް މިއަދު އަމަން އައީ ވިސާމްއާއެކުގައި ކަމަށްވުމާއެކު ހައިރާންވެސް ވިއެވެ. އަމަންގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނުނުއިރު އެ ދެލޯ ހިސާބަކަށް ރަތްވެފައި ހުރީތީ އަހަރެން ދުށީމެވެ. ސުވާލުކުރަން ކިތަންމެ ބޭނުންވިނަމަވެސް އެފަދަ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އަމަންގެ ނަޒަރު އަހަރެންނަށް ހުއްޓުމާއެކު ދެފައިން ވާގި ދޫވިހެން ހީވެ މަޑު ތުރު ތުރު އެޅުމެއް މުޅި ހަށިގަނޑުގައި އުފެދިގެން ދިޔައެވެ. އަމަން މަޑު މަޑުން އަހަރެންނާ ގާތަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ވިސާމް ފުންނޭވާއެއް ލަމުން ދުރު ބަލާލިތަން ފެނުނެވެ. އަމަން އައިސް އަހަރެންނާ ދާދި ގާތަށް ހުއްޓުނެވެ. އަހަރެން އިސްޖަހާލީމެވެ. ހަދާނެ ގޮތެއް ކުރާނެކަމެއް ނޭނގުނެވެ. އަމަން އަހަރެންނަށް ބަލަން ހުރިކަން އެނގުނެވެ.

"ޒާރާ. އަހަރެންނާ ކައިވެނި ކޮށްފާނަންތަ؟" އަމަންގެ ސުވާލެއް އަހަރެންނަށް އަމާޒުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެ ސުވާލުގެ އަޑު އަހާފައި އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނުއިރު ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ކުޑަ ވަގުތު ކޮޅަކަށް ހުއްޓުނީ އިވުނު އަޑު ޤަބޫލުކުރަން ދަތިވެފައިވާ ފަދައަކުންނެވެ.

"ކީކޭ؟" އަހަރެންނަށް އަހާލެވުނެވެ. އެއާއެކު އަމަން އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލިއެވެ.

"އަމަން ކީކޭތަ ތި ކިޔަނީ؟ އަމަންގެ އެބަހުއްޓޭ ހަޔާތުގެ ބައިވެރިއެއް" އަހަރެން ބުނެލީމެވެ. އަދި ފަހަތަށް ފިޔަވަޅެއް އަޅައިލީމެވެ. އެއާއެކު އަމަން އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

"އަހަރެންނަށް ހަތަރު އަނބިންވެސް ހުއްދައޭ ޒާރާ." އަމަން މަޑުމަޑުން ބުނެލިއެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ.

"އަހަރެން އަނޫޝާ ވަރިކޮށްފިން. އަދިވެސް އަހަރެންނާ ނީންނާނަންތަ؟" އަމަން ބުނެލި ޖުމްލައިން އަހަރެންނަށް އަމަންއަށް ބަލާލެވުނީ ސިހިފައެވެ.

"އަހަރެން ނޫޅެން. ކައިވެނި ކޮށްފަ މާދަން ނޫންކަމެއް ނޭނގެ އަމަން އަހަރެން ދޫކޮށްލާނީ. އަލްމަޢިއްޔާގެ އެދުމަށް" އަހަރެން ދޫދޭކަށް ބޭނުމެއްނުވިއިވެ.

އަމަންގެ މޫނުމަތިން ފެނުނީ ހިތްދަތި އަސަރެކެވެ. އަހަރެންގެ ދެލޮލުން ނަޒަރު ވަކިކޮށްލަމުން ދުރުބަލާލިއިރު އޭނާގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވަމުން ދިޔަތަން އަހަރެން ދުށީމެވެ. އަމަން އެހެން ހުންނަން ފެށުމުން އަހަރެންވެސް ކަންބޮޑުވިއެވެ.

"ޒާރާ ވިޔަސް އެހެންމީހަކު ނަމަވެސް ބުނާނީ ހަމަ ތިހެން ދޯ. އަހަރެންގެ ފިނޑިކަމުންނެއްނު މިހުރިހާކަމެއް މިވީ" އަމަން އޭނާގެ ކުށް ގަބޫލުކޮށް އިސްޖަހާލިއެވެ. އަމަންގެ ލޯތްބަށްޓަކާ އަހަރެން ހުރީ ފެން ބޮވައިގަނެފައި ނަމަވެސް އެހާ ފަސޭހައިން އާބަސް ބުނާކަށްވެސް ބޭނުމެއް ނުވިއެވެ.

"އަހަރެންނަށް ކޮން ޔަގީންކަމެއް އޮތީ އަމަން އަހަރެން ދޫނުކޮށްލާނެކަމުގެ. އަމަން އަނޫޝާވެސް ވަރި ކުރީ. އަހަރެންނާ އެކު ވެސް ނޭނގެއެއްނު ކިހާ ދުވަހަކު ކަމެއް އަމަންއަށް އުޅެވޭނީ" އަހަރެން އުޒުރަކަށްފަހު އުޒުރެއް އަމަންއަށް ދެއްކީމެވެ.

"ސަބަބު ތައް ކިޔައިދޭންވީތަ؟ ކިޔައިދޭން ފަށައިފިއްޔާ ހުސްނުވާހާ ސަބަބު އެބަހުރި. އަހަރެންނަށް ޔަގީންކަން އެބައޮތް އަނޫޝާ ގޮތަށް ޒާރާ އެހެން ފިރިހެނުންފަހަތުން ނުދުވާނެކަމަށް. ޔަގީންކަން އެބައޮތް މީހެއްގެ އަންބެއްގެ މަގާމުގައި އިނދެ އެހެން ފިރިހެނެއްގެ ދަރިއަކަށް ބަލިވެ ނީންނާނެކަމަށް. ޔަގީންކަން އޮބައޮތް އަހަރެން ފަޟީހަތްވާނެ ފަދަ ގޮތަކަށް މީސް މީހުން ގާތުގައި ވާހަކަ ނުދައްކާނެކަމަށް. އަދި ވެސް ކިޔައިދޭންވީތަ؟ ޒާރާ އަކީ އަހަރެންގެ ހަޔާތަށް އަންނަން އެންމެ އެކަށޭނެ ކުއްޖާކަމަށް އަހަރެންނަށް އަމިއްލައަށް ގަބޫލުކުރެވޭތީ. މާމަގެ ކުށް މާމަ ގަބޫލުކުރަންޖެހޭ ވަގުތު ޖެއްހިއްޖެ ކަމަށް އަހަންނަށް ފެނުނީމަ. މާމަގެ ނުފޫޒު ބޭނުންކޮށްގެން ނިންމާ ހުރިހާ ނިންމުމަކީ އަހަރެމެން އެންމެނަށް ފައިދާވާ ގޮތަކަށް ނިންމާ ނިންމުން ތަކަކަށް ނުވީމަ. " އަމަންގެ ޖަވާބުން އަހަރެންނަށް އަމަންއަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އިތުރަށް ބޯ ޖަހާލަމުން އަމަން ވިސާމްއަށްވެސް ބަލާލިއެވެ. އަހަރެންނަށް ޔަގީންކަން ދިނުމުގެ ގޮތުންނެވެ.

އަހަރެންނަށްވެސް ވިސާމްއަށް ބަލާލެވުނެވެ. އަމަންއަށް ހުރިހާ ހަގީގަތެއް އެނގުނީބާއޭ ހިތަށް އަރަމުން ދިޔައެވެ. ޔަގީންވީ ވިސާމް ބޯ ޖަހާލީމައެވެ.

އަހަރެންނަށް ރިޝްފާގެ ނަން ނުކިޔުމާއެކު އަތުން އިޝާރާތް ކޮށްލެވުނެވެ.

"ރިޝްފާގެ ކަންތައްވެސް އަމަންއަށް މިހާރު އެނގޭނެ. އަމަން މިހާރު އެއީ އަހަރެމެންގެ މީހެއް. ރިޝްފާއަށް އިންސާފު ހޯދައިދޭން އަމަން މަސައްކަތް ކުރާނެ. " ވިސާމް ޔަގީންކަން ދިނެވެ.

ފުންނޭވާއެއް ހަށިގަނޑުގެ ތެރެއަށް ދަމާލުމުން ނަފްސަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެރޭ އަމަން އަހަރެންނާއެކު އެކަނި ވަގުތު ކޮޅެއް ހޭދަކޮށްލަން ބޭނުންވުމުން ވިސާމް ކޮޓަރިއަށް ވަނެވެ.

ވިސާމް ދިޔުމާއެކު އަމަން އަނެއްކާވެސް ފެށީ ކައިވެނީގެ ވާހަކައެވެ.

"ދޮންތަ ގެއިން ނެރިލުމަށްފަހު އަހަރެމެން އެންމެނަށްވެސް އަންގާފަ އޮތީ އެއީ އަހަރެމެންގެ އާއިލާގެ މީހެއް ނޫންކަމުގައި، އެހެންކަމުން އެކަކުވެސް ދޮންތަގެ ވާހަކައެއް ނުދައްކާނެ. އަދި އަމްދުން ދޮންތަ ދުނިޔެ ދޫކުރިކަން އެނގުނުފަހުން.....އޭރު އެ ވާހަކަ މާމަ އަށް އެނގުނީ ކިހިނެތްކަން އަހަން މުހިންމެއްނުވި..... އެހެންވެ މާމަ ބުނާ އެއްޗެއް ގަބޫލުކޮށްގެން އެންމެން ތިބީ..... އާއިލާއަށް އުފަންނުވާ މީހަކަށް ދޮންތަ ހަދާފައި އަލްމަޢިއްޔާ ވަނީ. މާމަ އޭ ކިޔަންވެސް ލަދުގަނޭ. ހިތަށް ނާރާ އޭނައަށް އެ މުއްސަނދިކަން ލިބުނީ ކާފަގެ ފަރާތުންނޭ. މާމައާއި ކާފަގެ އެއްގޮތް ސިފަތަކެއް ހުއްޓަސް ކާފައެއް އެހާ ދަށު ދަރަޖައަކަށް ނުވެއްޓޭނެ. އެވަރުގެ ޔަގީންކަން އަހަރެންނަށް އޮބައޮތް. މައްސަލައަކީ އަހަރެންގެ އަތުގައި އެއްވެސް ހެއްކެއް ނެތީތީ. އެހެންނޫނީ މިރޭ ވެސް އަލްމަޢިއްޔާ ދާން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ދަށަށް. އެހާ ގޮތެއް ނެތް އަންހެނެއް އަހަރެން ހަޔާތުގަވެސް ނުދެކެން. މިހުރިހާ ދުވަހު އޭނާއަށް ޓަކައި އަހަރެންގެ ހިތުގައި ވި އިޙްތިރާމާއި ގަދަރުވެރިކަން އެކީ ފުނޑު ފުނޑު ވެއްޖެ. އަހަރެން ބަދަލު ހިފާނަން. އެއީ ދުނިޔޭގެ އާދަކާދައަށް ގޮސް ގެއްލި ހުސްވެފައި ހުރި މީހެއް. ދަހިވެތިކަމުގައި އޭނަ އެވަނީ ހެވާ ނުބައި ވަކި ނުކުރެވޭހާ ހިސާބަށް ގޮސް. މީހެއްގެ ފުރާނަ ނަގައިލަން ޖެހިލުން ނުވި މީހަކު ނުކުރާނީ ކޮންފަދަ ކަމެއް. އަހަރެންނަށް އަނޫޝާ ގެ އުޅުން ފަޅާ އަރާ ވަރިކުރުމުން އެކަމާވެސް ނުރުހުނު. އެކަމަކު ވިސާމްގެ ވާހަކަތަކަށްފަހު އަހަރެން އޭނާ އިތުރަށް އަހަރެންގެ ހަޔާތުގައި ބަހައްޓާކަށް ބޭނުމެއްނޫން. އަނޫޝާއަކީ މުއްސަނދި އާއިލާއެއްގައި ހުރި ހަމައެކަނި ދަރިފުޅު. އަލްމަޢިއްޔާ ގަބޫލު ކުރަނީ އަހަރެމެންނާ އެކަށީގެންވަނީ ހަމައެކަނި އެހާ ގަދަރުވެރި މީހުންކަމަށް" އަމަން ގެ ވާހަކަތައް ނިންމާލަމުން އަހަރެންނަށް ބަލާލިއެވެ. އޭރު އަދި އަހަރެންނަށް ނޭނގުނު ކަމަކީ އަމަން އަނޫޝާ ވަރި ކުރިނަމަވެސް އަނޫޝާގެ ކުޅިވަރު ނުނިމޭކަމެވެ.

އަމަން އަހަރެންގާތު ކައިވެންޏަށް އެހިފަހުން ހަފްތާއެއްހާ ދުވަސް ވަންދެން އަހަރެން ވިސްނީމެވެ. އެންމެ ފަހުން އަހަރެން ޖަވާބެއް ދޭން ނިންމީއެވެ. އަމަން ގާތު ބައްދަލު ކުރަން ބުނީ ރޭގަނޑުގެ ވަގުތެއްގައެވެ. ވިސާމްވެސް އާލްގެ ސްކޫލުގެ ކަމަކު ގޮސް ވުމުން ގޭތެރޭގައި އެކަކުވެސް ނެތެވެ. އަމަން އައުމާއެކު ސޯފާ ދައްކާފައި އަހަރެން އައީ ޖޫސްތައްޓެއް ހިފައިގެންނެވެ. އޭގައި ހިފަމުން ކޯވަރެއް ދަމާލުމާއެކު އޭނާ ތަށި މޭޒުމަތީގައި ބަހައްޓާފައި އަހަރެންނަށް ބަލާލާ ބުމަ އަރުވާލިއެވެ. އެވަގުތު އަހަރެންގެ ނޭވާއަވަސްވެގެން ދިޔައެވެ. ލަދުވެތިކަމެއް ވެރިވީ އަމަންއަށް އަހަރެން ދޭން މިއުޅޭ ޖަވާބުގެ ސަބަބުންނެވެ. އަމަން ސުވާލުކޮށްލުމާއެކު އަހަރެން އާބަސް ދިނީމެވެ. އަނެއްކާވެސް އަލުން އަމަންއަށް ފުރުސަތު ދިނީމެވެ. ފުރިހަމަ އިތުބާރާ އެކުގައެވެ. އަލްމަޢިއްޔާގެ ފަރާތުން ފެނުނު އަމަލުތަކަށް ރައްދުދެވޭނޭ އެންމެ ރަނގަޅު ގޮތަކީ ކައިވެނިކޮށްގެން އެގެއަށް ދިޔުންކަން ހުދު އަހަރެންނަށްވެސް ވިސްނެއެވެ. ދެމީހުން ވާހަކަ ދައްކާފައި ކައިވެނި ކުރަން ނިންމީ ސިއްރުންނެވެ.

ބަރާބަރު ހަފްތާއެއްތެރޭ ކައިވެނީގެ ކަންތައްތައް ހަމަޖެހި ކައިވެނި ވެސްކުރެވުނެވެ. އެތަނުގައި ތިބީ ވަރަށް މަދު ބަޔެކެވެ. ގާޒީގެ އިތުރުން ހެކިވެރިންނާއި ވިސާމް އެވެ. ދެން އާލްއެވެ. އާލް އައިސް އަހަރެންގެ ގައިގައި ބައްދައިގަތްގޮތުން ދެރަވި ނަމަވެސް އަހަރެން ހިތްވަރުކުރީމެވެ. ވިސާމްއަށް ބަލާލީމެވެ. އަހަރެން ނެތި އާލްއަށް އުޅެން ކިހާ އުނދަގޫވާނެ ހެއްޔޭ ބުނެވުނެވެ. އެހެންނަމަވެސް ވިސާމް ބޯ ޖަހާލީ ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށޭ ބުނަމުންނެވެ. އަހަރެން އެރޭ ލީ ރަތްކުލައިގެ ހެދުމެކެވެ. އެއީ ކައިވެނީގެ ހަދިޔާއަކަށް ވިސާމް އަހަރެންނަށް ގަނެދިން ހެދުމެކެވެ. އަތްދިގު އެ ހެދުމަކީ ވިދާ އެސްތަކުން ރީތިގޮތަކަށް ޖަރީކޮށްފައިވާ ހެދުމެކެވެ. އަހަރެންގެ އާއިލާގެ އެއްވެސް މީހެއް އަހަރެންނަށް ނޭނގޭތީ ކައިވެނި ކުރެވުނީ ގާޒީ ވަލީ ދީގެންނެވެ.

އެތައް ދުވަހަކަށްފަހު އަމަންގެ އަންބެއްގެ މަގާމަށް އަހަރެންނަށް އާދެވުނެވެ. އެއާއެކު އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. އެހެންނަމަވެސް ކުރިމަތިވާން އުޅޭ ކޮޅުގަނޑުގެ އެއްވެސް ހިލަމެއް އަހަރެންނަކަށް އޭރަކު ނުވެއެވެ. އަހަރެން ހީކުރީ އަހަރެންނަށް ކުރިމަތި ވާނީ އަލްމަޢިއްޔާގެ އުނދަގޫ އެކަނި ކަމަށެވެ.

ކައިވެނި ކުރެވުނީ ރޭގަނޑުގެ ވަގުތެއްގައި ކަމުން އަހަރެން އަމަން އާއެކު އެގެއަށް ދާން ނިންމީ އަނެއްދުވަހު ހެނދުނެވެ. އަމަން ދިޔުމާއެކު އާލް ނިންދަވާފައި އަހަރެންވެސް ނުކުމެލީ ބެލްކަންޏަށެވެ. ޖެހެމުންދިޔަ ވައިރޯޅިތައް މަޑުމަޑުން އަހަރެންގެ ހަށިގަނޑުގައި ފިރުމަމުން ދިޔައީ އަހަރެންގެ ހިތުގެ އުދާސްތަކަށް ލުޔެއް ހޯދައި ދިނުމުގެ ބޭނުމުގައި ކަންނޭގެއެވެ. އަނެއްކާވެސް އަލްމަޢިއްޔާ އާ ކުރިމަތިލާން ޖެހެނީއެވެ. އެހެންކަމުން ނުތަނަވަސް ކަމުން އަހަރެންގެ ހިތް ރޫރޫ އަޅަމުން ދިޔައެވެ.

ޖެހިގެން އައި ދުވަހު އަމަން އަހަރެން ބަލާއައުމާއެކު އަހަރެން އަމަން އާއެކު ކާރުގައި އަމަންމެން ގެއަށް ދާން ނައްޓާލީމެވެ. އޭރު ހަމަ ރަނގަޅަށްވެސް އަހަރެންގެ ހިތް ހީވަނީ މޭ ފަޅާލާފައި ނުކުންނަން އުޅެނީ ހެންނެވެ. އަމަން އަހަރެންގެ އަތުގައި ހިފާ ބާރުކޮށްލަމުން ހިތްވަރުދިނެވެ. އަހަރެމެން ދެމީހުން އެކުގައި ގެއަށް ވަންނަ މަންޒަރު ފެނުމުން އަލްމަޢިއްޔާއަށް ވަރުގަދަ ޝޮކެއް ލިބޭނެއެވެ. އަންނަ ރުޅީގައި މަރުނުވީއާ ދެރައެވެ. ހިތަށް އަރަމުން ދިޔަ މޮޔަ ހިޔާލުތަކުން އަމިއްލައަށްވެސް ހިނިތުންވެވުނެވެ. ނުތަނަވަސްކަމާއި ހިސާބެއްގެ ޖެހިލުން ވުމެއްގެ އިތުރުން ހިންހަމަޖެހުމެއްގެ އަސަރު އެ ހިނިތުންވުމުގައި ފޮރުވިފައި ވާކަން ހުދު އަހަރެންނަށްވެސް ދެނެގަނެވުނެވެ.

ގޭގެ ގޭޓުން ކާރު ވައްދާލާފައި ގޮސް ކާރު މަޑުކޮށްލާފައި ފުރަތަމަ ނުކުތީ އަމަންއެވެ. ކާރު ތެރޭގައި ކިތަންމެ ގަދަ ވެފައި އިނަސް އަނެއްކާވެސް އެގޭގެ ގޯތި ތެރެއަށް ވަދެވުމާއެކު މީހާ ފިނިވެގެން ދިޔައެވެ. އަމަން އަހަރެން އިން ފަރާތު ދޮރުފަތް ހުޅުވާލަ ދިނުމާއެކު މަޑުމަޑުން އެ އަތުގައި ހިފަމުން އަހަރެން ފޭބީމެވެ. އެ ގެއަށް އަހަރެން ބަލާލީ ހާސްކަމާއެކުގައެވެ. މީގެ ތިން އަހަރު ކުރިން އަހަރެން މަގުމައްޗަށް ނެރެ އެއްލާލި މަންޒަރު ސިފަ ވުމާއެކު ދެލޯ މަރާ ބާރުވެސް ކޮށްލެވުނެވެ. އެހެންނަމަވެސް އެވަގުތުވެސް އަހަރެންނަށް ހިތްވަރުދޭން އެންމެ ގާތުގައި ހުރީ އަމަންއެވެ. އަހަރެންގެ ކޮނޑުގައި އަތް ޖައްސާލާ އަމަންއާ ކައިރިކޮށްލަމުން ހާސްނުވުމަށް ބުންޏެވެ. އަމަން އަބަދުވެސް ހުންނާނީ އަހަރެންނާއެކުކަކަށް ބުނެ ވައުދުވިއެވެ. އަމަން ހުއްޓާ އަލްމަޢިއްޔާއަށް އަހަރެންގެ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލެވޭނެޔޭ ބުންޏެވެ. އަމަންގެ އަޑުގައި ހުރި އޯގާތެރިކަމުން އަހަރެންގެ ހިތް ވަގުތުން ވިރިގެން އައިސް އާދަޔާ ހިލާފް ހިންހަމަ ޖެހުމެއް އަހަރެންނަށް ލިބިގެން ދިޔައެވެ. އަމަންއާއެކު ކުރިއަށް އަހަރެން ފިޔަވަޅެއް އަޅާލީމެވެ. އެގޮތުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ދިޔައީ ނަފްސަށް އިތުބާރުކުރަން ހަނދާންކޮށްދޭ ހާލުގައެވެ. ގާތުގައި އަމަން ހުރުމަކީ އަހަރެންނަށް ލިބޭ އެންމެ ބޮޑު ހިންހަމަޖެހުމެވެ.

ގޭގެ ދޮރުމައްޗަށް އެރުމާއެކު އަހަރެންނަށް އަމަންއަށް ބަލާލެވުނެވެ. އަމަންގެ އެދުމާއެކު އޮޅިގަނޑު ގިރާކޮށްލުމަށްފަހު އަހަރެމެން ދެމީހުން އެތެރެއަށް ވަނީ އެކަކު އަނެކަކުގެ އަތަށް ބާރުކޮށްލަމުންނެވެ. އަހަރެމެން ވަތް ވަގުތަކީ އަލްމަޢިއްޔާއަށް އަހަރެމެންނާ ދިމާލަށް ބަލާލެވުނު ވަގުތެވެ. އަހަރެން ފެނިގެން އޭނާގެ މޫނުމައްޗަށް ވެރިވި ހައިރާންކަން ވަގުތުން ފޮރުވާލާ ނިކަން އަވަސް އަވަހަށް ތެދުވީ ރުޅިވެރިމޫނެއް ދައްކާލަމުންނެވެ. އޭނާގެ ފަހަތުން ތެދުވި އަނޫޝާ ފެނުނީ ދެނެވެ. ރުޅިވެރިކަމުން ފުރިގެންވީ މޫނަކާއެކު އަލްމަޢިއްޔާ އަހަރެންނާ ދިމާލަށް ހިނގާފައި އައި ގޮތުން އަމަންގެ އަތަށް ބާރުކޮށްލުމާއެކު ކުޑަކޮށް އަމަންގެ ފުރަގަހަށް ވަދެ ނިވާވެވުނީ ބިރުގަތްވަރުންނެވެ.

(ނުނިމޭ...)

https://sun.mv/120701

comment ކޮމެންޓް