ހޫތީން ސައުދީގެ އެއާޕޯޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ހޫތީން ދިން ހަމަލާއަށްފަހު ސައުދީގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމެކް --- ފޮޓޯ/ އޭޕީ

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ސައުދީގެ ދެކުނުގެ ޢަސީރު ރީޖަންގެ އަބްހާ ސިޓީގައި ހުންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާ ރާއްޖެއިން ކުއްވެރިކޮށްފިއެވެ.

ޔަމަނުގެ ސައަދާ ކިޔާ ގަވަނޭޓުގެ އުތުރަށް، ސައުދީގެ ޢަސީރު ރީޖަންގައި ހުންނަ ސައުދީގެ އެއާޕޯޓަށް އަމާޒުކޮށް މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާގައި އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވެސް ވިއެވެ.

އެ ހަމަލާ ކުއްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ތިބޭނެ ކަމަށެވެ.

އަދި ޔަމަނާ ސައުދީ ހަނގުރާމައިގައި ދެ ފަރާތުންވެސް ވާހަކަ ދައްކައި ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ހައްލެއް ހޯދުމަށް ރާއްޖެއިން އެއްބާރުލުންދޭނެ ކަމަށެވެ.

ހޫތީން ދިން ހަމަލާގައި މަރުވި މީހާއަށް ތައުޒިޔާ ކިޔައި ފޮރިން މިނިސްޓްރީން ބުނީ އެ ހަމަލާގައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.

"ސައުދީގެ އެއްބަފާ އަހުވަންތަ ރައްޔިތުންގެ ނުތަނަވަސްކަމާމެދު ހަމްދަރުދީވަން" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް ހޫތީން އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް މިސައިްލ ހަމަލާއެއް ދިން އިރު، އެ ހަމަލާގައި 26 މީހަކު ޒަހަމްވިއެވެ.

މިދިޔަ މަހު ހޫތީން ވަނީ ސައުދީގެ ދެ ތެޔޮ ސްޓޭޝަނަކަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. އަދި ސައުދީން ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ކައިރިން ހަތަރު ތެޔޮ ޓޭންކަރަކަށް ހަމަލާ ދިނީ ވެސް ހޫތީން ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ސައުދީގެ ދެ ޓޭންކަރުވެސް ހިމެނުނެވެ.

ހޫތީން ޔަމަނުގެ ވެރިރަށް ހިފައި، އެޖަމާއަތުގެ ވެރިކަމެއް ގާއިމު ކުރީ 2014 ވަނަ އަހަރެވެ. އަދި ސައުދީ ކޯލިޝަނުން އެހަނގުރާމައިގައި ބައިވެރިވީ ހޫތީން ބަލިކޮށް، ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރު ރުޖޫއަ ކުރާނެކަމަށް ބުނެއެވެ.

comment ކޮމެންޓް