"އަހަރެންނަކީ ރޮޓޭޝަން ކޯޗެއް ނޫން، ގޮތް ކަނޑައަޅާނީ ދައްކާ ކުޅުމަށް"

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ --- ފޮޓޯ/ މާޒިޔާ ފޭސްބުކް ޕޭޖް

ވަކި ކުޅުންތެރިންތަކަކަށް ޖާގަ ދިނުމުގެ ގޮތުން ޓީމު ރޮޓޭޓް ކުރުމަކީ ގެންގުޅޭ ފިލޯސޮފީއެއް ނޫން ކަމަށާއި، އަބަދުވެސް ގޮތް ކަނޑައަޅާނީ ކުޅުންތެރިން މެޗުތަކާއި ފަރިތަކުރުންތަކުގައި ދައްކާ ކުޅުމަށް ބަލައިގެން ކަމަށް މާޒިޔާގެ ކޯޗު މަރްޖާން ސެކެލޮސްކީ ބުނެފި އެވެ.

މީގެ ކުރިން 2017 ވަނަ އަހަރު މާޒިޔާގެ ކޯޗުކަމާ ހަވާލުވެ އެ އަހަރުގެ ލީގު ތަށި އެ ޓީމަށް ކާމިޔާބު ކޮށްދިން ކޯޗު ސެކެލޮސްކީ ވަނީ މި ސީޒަނުގައި އެނބުރި އެ ޓީމަށް އިރުޝާދު ދިނުމާ ހަވާލުވެފަ އެވެ. އެ ޓީމަށް މިދިޔަ ސީޒަނުގައި ކޯޗުކަން ކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) އެ ޓީމު ދޫކޮށްލަން ނިންމީ އޭނަ އުންމީދު ކުރި އަމާޒަށް ޓީމު ގެންދެވިފައި ނުވާ ކަމަށް ބުނެ އެވެ.

މާޒިޔާއިން މިއަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން: އެ މެޗުން ގްރީންސްޓްރީޓްސްގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 1-3 ގެ ނަތީޖާއަކުން --- ފޮޓޯ/ ދިވެހި ޕްރިމިއާ ލީގު

ވޭތުވެ ދިޔަ ސީޒަނުގެ ނާކާމީޔާބީއަށް ފަހު ބަލިކަށިކަމަށް ފާހަގަކުރެވުނު ގިނަ ޕޮސިޝަންތަކަށް މި ސީޒަނަށް ތަޖުރިބާކާރު ގިނަ ކުޅުންތެރިން ތަކެއް ވަނީ މާޒިޔާއަށް ގެންގޮސްފަ އެވެ. އެގޮތުން ޓީސީއާ އެކު މިދިޔަ ސީޒަނުގެ ތަށި އުފުލާލި ތިން ކުޅުންތެރިން ކަމަށްވާ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި އަބްދުﷲ ހަނީފް (ބެންޖޯ)ވެސް ވަނީ ޓީސީ ސްޕޯޓް ކުލަބު ދޫކޮށް މާޒިޔާއަށް ސޮއި ކޮށްފިއެވެ.

މީގެ އިތުރުން މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އަދި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) ވެސް ވަނީ މާޒިޔާއާ މި ސީޒަނުގައި ގުޅިފަ އެވެ. ނަމަވެސް 2017 ވަނަ އަހަރު އޮތް ޓީމާ މިހާރު އޮތް ޓީމާ ދެމެދު އަޅާ ކިޔަން އަދި ވަގުތު ބޭނުންވާ ކަމަށް މާޒިޔާގެ ކޯޗު ވަނީ ބުނެފަ އެވެ.

އޭނާ ބުނީ އެންމެ މެޗެއްގެ ޕާފޯމެންސަށް ބަލައި ކުރިން ޓީމާ ހަވާލުވި އިރު އޮތް ޓީމާ އަޅާ ނުކިޔޭނެ ކަމަށެވެ.

މާޒިޔާގެ ޓީމުގައި އެއް ޕޮސިޝަނަކަށް ކުޅޭ ގިނަ ކުޅުންތެރިން ތަކެއް ތިބި އިރު ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ އެ ޓީމުގެ ކޯޗަށް އޮތް ބޮޑު އިމްތިހާނެކެވެ. އެއް ލެވެލްއެއްގެ ގިނަ ކުޅުންތެރިން ތަކެއް ޓީމުގައި ތިބުމުން ވަކި ކުޅުންތެރިއަކަށް ފުރުސަތު ދިނުމުގައި ބަލަން ޖެހޭނެ ގިނަ ކަން ކަން ހުންނާނެ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.

ނަމަވެސް ޓީމު ކޮންމެ މެޗަކަށް ރޮޓޭޓު ކުރުމުގެ ވިސްނުން ނެތް ކަމަށާއި ޓީމުގެ ފުރަތަމަ އެގާރަ ނަގާނީ ދައްކާ ކުޅުމަށް ބަލާފައި ކަމަށް ސެކޮލަސްކީ ބުންޏެވެ.

"އަހަރެންނަކީ ރޮޓޭޝަންގެ ފިލޯސޮފީ ގެންގުޅޭ ކޯޗެއް ނޫން. އަހަރެން ޓީމަށް ކުޅުންތެރިން ނަގާނީ އެ ކުޅުންތެރިން ދައްކާ ޕާފޯމެންސަށް ބަލައިފަ،"

ސެކޮލެސްކީ ބުނީ ޓީމަށް އަފްޣާނިސްތާނު ކޯޗު ގެނައި ކަމުގައި ވިޔަސް އެ ޓީމުގެ ޑަބަލް ކީޕަރު ހުސައިން ޝަރީފް އަށް ވެސް ފުރުސަތު ދޭނެ ކަމަށެވެ. އެގޮތުން ސީޒަނުގެ 30 އިންސައްތަ ކުޅެން އޭނާއަށް ފުރުސަތު ދޭނެ ކަމަށް ކޯޗު ބުންޏެވެ.

މާޒިޔާ ސްޕޯޓްސް ކުލަބުން މިއަދު ނުކުންނާނީ ނިލަންދޫ އެފްސީއާ ދެކޮޅަށެވެ. މާޒިޔާއިން ލީގަށް އެންމެ ބޮޑަށް ތައްޔާރުވި އިރު ނިލަންދޫ އަކީ ލީގު ފެށެން އެއް ދުވަހަށް ވީ އިރު ވެސް ރެޖިސްޓާ ނުވެ އޮތް ޓީމެކެވެ.

comment ކޮމެންޓް