ޓެރަރިސްޓް ލުތުފީއަށް ސަރުކާރުގެ "ހިމާޔަތް"! ކީއްވެ؟

ފިލައިގެން އުޅޭތާ ނުވަ އަހަރު ވެފައިވާ އަބްދުﷲ ލުތުފީ: އެމްބަސީގެ ހިމާޔަތުގައި ހުންނަތާ މަހަކަށް ވުރެ ގިނަ ދުވަސް -- ފޮޓޯ/ ޕޮލިސް

މިފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ، ތިނެއް ނޮވެމްބަރު ހަމަލާގެ މައި ސިކުނޑި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭހަށް ފުރިފަހުން ސިލޯނުގައި ފިލައިގެން އުޅޭތާ ނުވަ އަހަރުވީ އެވެ. ލުތުފީގެ ބޮލަށް 10،000 ޑޮލަރުގެ އިނާމެއް ކަނޑައަޅައިގެން ވެސް އޭނާ ފެނޭތޯ މުޅި ލަންކާގައި އަތް ފުނާ އެޅި ނަމަވެސް، އޭރު އޭނާ އަތުވާ ގޮތެއްނުވި އެވެ.

ސްރީލަންކާގެ ކޮޅުބަށް ދިން އީސްޓް ސަންޑޭ ޓެރަރިސްޓް ހަމަލާތަކަށް ފަހު، އެ ގައުމުގެ ސިފައިން އޮޮޕަރޭޝަންތަކެއް ހިންގަން ފެށުމާ އެކު ލުތުފީ ޖެހުނީ އެ ނޫން ގޮތެއް ނެތިގެން، ދިވެހި ސަރުކާރުގެ އުގަށް ވެއްޓޭށެވެ. ލަންކާ ސިފައިންގެ އަތްދަށު ނުވާން، މިދިޔަ މޭ 1 ވަނަ ދުވަހު އޭނާ ދިވެހި އެމްބަސީއަށް ވަދެ ހިމާޔަތް ހޯދި ނަމަވެސް، އޭނާ އަދިވެސް ހުރީ ފުލުހުން "ބަލަހައްޓާ" މީހެއްގެ ގޮތުގަ އެވެ. އިންޓަޕޯލުން ރެޑްނޯޓިސްއެއް ޖަހައި އޭނާ ހޯދަން އިއުލާންކޮށްފައި ވިޔަސް، އެމްބަސީގެ ހިމާޔަތުގައި ހުންނަތާ މަހެއްވީ އިރުވެސް ހައްޔަރުކޮށް ރާއްޖެ ނުގެނެވެ އެވެ.

މިވަރުގެ ބޮޑު ކުށްވެރިއަކަށް ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންއަކުން ހިމާޔަތް ލިބުނީ ކީއްވެ ހެއްޔެވެ؟ މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އޭނާ އެމްބަސީގެ ތެރޭގައި ދިރިއުޅެމުން ދާއިރު އޭނާ ހައްޔަރުކޮށް ރާއްޖެ ނުގެނައީ ކީއްވެ ހެއްޔެވެ؟ މިހިރީ ހައްތަހާ ވެސް ސުވާލެވެ.

ނޮވެމްބަރު 3 ގެ ހަމަލާޔަށް ފަހު ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ.

ރާއްޖޭގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާ ޑިޕްލޮމެޓިކް މިޝަންއެއްގައި ލުތުފީ މަހެއްހާ ދުވަހު ބިރެއް ނެތި ދިރިއުޅެމުން އައިއިރު ސަރުކާރުން އެކަން ސިއްރުކުރީ އެވެ. ނުރައްކާތެރި ޓެރަރިސްޓެއް ޑިޕްލޮމެޓިކް، އިޖުރާއަތްތަކުގެ ތެރެއަށް ވަދެ، ފިލާ އޮވެވުނީ ކޮން ސަބަބެއް އޮތީމާ ހެއްޔެވެ؟

މޭ 1 ވަނަ ދުވަހު ލުތުފީ އެމްބަސީގެ ތެރެއަށް ވަތް ކަމަށް ފުލުހުން ރޭ އިއުތިރާފުވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިދިޔަ އާދިއްތަ ދުވަހުން އެކަން ފަޅާއަރުވާލިފަހުން އެވެ. އެކަމަކު ލުތުފީ އެމްބަސީގައި ހުރިކަން ފުލުހުންނަށް އެންގީ ކޮން އިރަކު ކަމެއް އަދި ފުލުހުން ލުތުފީއާ ހަވާލުވީ ކޮން އިރަކު ކަމެއް ވެސް ފުލުހުން އަދިވެސް ސާފުކޮށެއް ނުދެ އެވެ.

މިހާ ގިނަ ދުވަހު ފުލުހުންނާއި ފޮރިން މިނިސްޓްރީ އަދި ލަންކާ އެމްބަސީ ވެސް ހިމޭނުން އޮތީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ މި ހުރިހާ ސުވާލުތަކެއް ވަށައި ޖެއްސީމާ އުފަންވާ ބޮޑު ސުވާލަކީ؛ ސަރުކާރުން ގަސްތުގައި ލުތުފީއަށް ހިމާޔަތް ދިނީ ނޫން ހެއްޔެވެ؟

އެ ސުވާލުތަކަށް ކޮންމެވެސް ވަރެއްގެ ޖަވާބު ލިބެނީ، ގައުމަށް ހިޔާނާތްވުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައިވާ ލުތުފީ 2010 ވަނަ އަހަރު ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރުވާލި ހިސާބުން އުފެދުނި ޝައްކުތަކާއި ބަހުސްތަކުގެ ތެރެއިން އެވެ. އޭރު ވެސް ތުހުމަތަކަށްވީ ލުތުފީ ގަސްތުގައި އެމްޑީޕީ ސަރުކާރުން ފިލުވީ ކަމަށެވެ. އެ ތުހުމަތުގެ ސަބަބަކަށްވީ، ލުތުފީއަކީ ލަންކާ ހިތުދަސް، ސިންހަޅަ ބަހަށް ވެސް ފަރިތަ ލަންކާ ވެސް މީހަކަށްވާއިރު، ފުލުުހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނާ ވެސް ނުލައި، ލުތުފީ ލަންކާއަށް ދޫކޮށްލާއިރުވެސް ފިލާނެކަން އެއީ ޔަގީން ކުރެވޭ ކަމަކަށް ވެފައި އޮތީމަ އެވެ. އޭރު އެ މައްސަލަ ބެލި މަޖިލީހުގެ ކޮމިޓީތަކުގެ ޔައުމިއްޔާތައް ބެލީމާ ވެސް އެކަން ވަރަށް ރަނގަޅަށް ސާފުވާނެ އެވެ. ކަންވީވެސް އެހެނެވެ! ލުތުފީ ލަންކާގެ މިނިވަން ޖައްވުގެ ތެރެއަށް "ޒާން"ގެ ނަމުގައި ދޫވެ މިނިވަން މީހަކަށްވީ އެވެ. މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީތަކުގައި މެންބަރުން އޭރު ތުހުމަތު ކުރެއްވީ އެމްޑީޕީގެ އެތެރޭގެ ނުފޫޒުގަދަ ބާރުތަކަކުން ލުތުފީ ފިލުވީ ކަމަށެވެ.

ފިލައިގެން އުޅޭތާ ނުވަ އަހަރު ވެފައިވާ އަބްދުﷲ ލުތުފީ: އެމްބަސީގެ ހިމާޔަތުގައި ހުންނަތާ މަހަކަށް ވުރެ ގިނަ ދުވަސް --

އޭގެ ފަހުން ނުވަ އަހަރަށް ފަހު އެމްޑީޕީއަށް އަނެއްކާ ވެސް ބާރު ލިބުމާ އެކު ލުތުފީގެ މި ސިލްސިލާ ވާހަކަތައް ފަށަން މި ޖެހުނީ އެ ތުހުމަތުތަކަށް ބާރު ލިބޭ ގޮތަށެވެ. ކަންވީ ގޮތުން، ލުތުފީ މިފަހަރު ސަރުކާރުން ފިލުވައިގެން ގެންގުޅުނީ ކަމަށް ބެލިދާނެ އެވެ.

ލުތުފީ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު "ސަން"އަށް ވިދާޅުވީ ލުތުފީ އެމްބަސީއަށް ދިޔައީ ލަންކާގައި މިހާރު ހިންގާ އޮޕަރޭޝަންތަކަށް ފިލުމަށް ކަމަށް ސާފުވާ ކަމަށެވެ. އަދި މިވަރުގެ ބޮޑު ކުށްވެރިއެއް ފިލުމަށް އެހީތެރިވެ، މިހާ ގިނަ ދުވަހު އެމްބަސީން އެކަން ސިއްރު ކުރުމަކީ، ވަރަށް ބޮޑު ގޯހެއް ކަމަށް އުމަރު ވިދާޅުވި އެވެ.

"ލުތުފީ އެމްބަސީއަށް އައި ސަބަބަކީ، މިދުވަސްކޮޅު ލަންކާ ފުލުހުން ދަނީ، ވިސާ ނެތް މީހުންނާއި ގަވައިދާ ހިލާފަށް އުޅޭ މީހުން ބަލައި ފާސް ކުރުމުން. ވަރަށް ބޮޑަށް ހަންޓުގައި ލަންކާ ފުލުހުން ތިބީ،" އުމަރު ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ލުތުފީ މަޖުބޫރުވެގެން އެމްބަސީގެ އެހީއަށް އެދުމުން އޭނާއަށް ހިމާޔަތް ދިނީ، ލަންކާ މަސްރަހު ފިނިވެ ހަމަޖެހުމުން އަނެއްކާ ވެސް ދޫކޮށްލާ ގޮތަށެވެ. އުމަރު ވިދާޅުވި ގޮތުގައި، ކަން ހިނގި ގޮތުން ލުތުފީ ހައްޔަރުކޮށް ރާއްޖެ ގެނައުމުގެ ހެޔޮ ނިޔަތެއް ސަރުކާރުގައި ނެތީ އެވެ.

"އަޅުގަނޑު މިވާހަކަ ނުދެއްނެވި ނަމަ، ލުތުފީ އަދިވެސް ހުންނާނެ އެމްބަސީގައި،" އުމަރު ވިދާޅުވި އެވެ.

ޑިޕްލޮމެޓިކް ހިމާޔަތް ބޭނުންކޮށްގެން ބޮޑު ކުށްވެރިއަކު ފިލުވުމަކީ މިނިވަން ދައުލަތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ. އެކަމުގައި ޒިންމާވާ އެންމެން ހޯދައި ދައުވާ އުފުލަން ޖެހޭ ކަމަށް އުމަރު ގަބޫލު ކުރައްވަ އެވެ. އަދި އެއީ، ޑިޕްލޮމެޓިކް އިނާޔަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

ލުތުފީ ކަނު ބަދެގެން ޝަރީއަތަށް ހާޒިރުކޮށްފައި --

"މިހާ ބޮޑު ކުއްވެރިޔަކު އަމިއްލަ އެމްބަސީއާ ހަވާލުވުމުން އޭނާ ރާއްޖެ ރިޓާން ކުރަން ޖެހޭ. އެއް ދުވަސް ތެރޭ ގެނެވެން ޖެހޭނެ. އެމްބަސީއާ ހަވާލުވެ ހުރި އެންމެ އިސްމީހަކަށް ދައުވާ ކުރެވޭނެ. ކުއްވެރިޔަކު ފިލުމަށް އެހީތެރިވުމަކީ ގަނޫނީ ކުށެއް." އުމަރު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގެ 536 ވަނަ މާއްދާގައިވާ ގޮތުން ފިލައިގެން އުޅޭ މީހާއަށް އެހީތެރިވެދިނުން ނުވަތަ އޭނާ ފޮރުވައިދިނުމަކީ ވެސް ގާނޫނީ ކުށެކެވެ. އެއީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމެވެ.

ބޮޑު ކުށްވެރިއަކު ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފުރިހަމަ ހިމާޔަތުގައި މަހަކަށް ވުރެ ގިނަ ދުވަހު އުޅުނުކަން ފަޅާއެރުމުން ވެސް ފޮރިން މިނިސްޓްރީ ވެސް އަދި ލަންކާގައި ހުންނަ ދިވެހި އެމްބަސެޑަރުވެސް އަދި ހުންނެވީ އެއްޗެއް ވިދާޅުނުވެ އެވެ. ސަރުކާރު ވެސް އަދި އޮތީ މަޑު ނިދީގަ އެވެ. މިއީ ކުޑަ މައްސަލައެއް ނޫނެވެ. ނަވާރަ ދިވެހިން ޝަހީދުވެގެން ދިޔަ ނުރައްކާތެރި ހަމަލާގެ މައި ސިކުނޑ،ި ލުތުފީ ފިލަން ސަރުކާރުން އެހީވެގެން ނުވާނެ އެވެ. އެކަން ޖަސްޓިފައިއެއް ކުރެވޭނެ ހަމައެއް ނޯންނާނެ އެވެ. ދެން ސުވާލަކީ، މި ހުރިހާ ދުވަހު ލުތުފީއަށް ފިލައިގެން އުޅެވުނީ ވެސް ނުފޫޒުގަދަ ބައެއްގެ ބާރުގައި ހެއްޔެވެ؟ އޭނާ ގަސްތުގައި ފިލުވީމާ ހެއްޔެވެ؟ މި ހުރިހާ ސުވާލުތަކާ އެކު މި ކުރެހެނީ އެ މަންޒަރެއް ނޫންް ހެއްޔެވެ؟

comment ކޮމެންޓް