ކައުންސިލް އިންތިހާބަށް އާބާދީ ގުނާނެ ގޮތް ކަނޑައަޅައިފި

އިލެކްޝަން ކޮމިޝަނުގެ މެންބަރުން: ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި ރަށްތަކުން އިންތިހާބްކުރާ ކައުންސިލަރުންގެ އަދަދު ކަނޑައަޅަން އާބާދީ ގުނާނެ ގޮތް އީސީން ވަނީ ކަނޑައަޅާފައި -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި ރަށްތަކުން އިންތިހާބްކުރާ ކައުންސިލަރުންގެ އަދަދު ކަނޑައަޅަން އާބާދީ ގުނާނެ ގޮތް އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ބޭނުންވާ އާބާދީ ކަނޑައަޅާނީ މި އަހަރުގެ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ 31 ގެ ނިޔަލަށް ކަމަށެވެ.

އާބާދީގައި 3000 ހަމަނުވާ ރަށްރަށުގެ ކައުންސިލުތަކަށް ތިން މެމްބަރުން އައްޔަން ކުރަން ޖެހޭ ގޮތަށް ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް ރައްޔިތުން މަޖިލީހުން އިސްލާހު ގެނައިސްފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ރަޖިސްޓްރީވެފައިވާ އާބާދީގެ 3000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގައި ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެމްބަރުން ކަމަށެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ރަޖިސްޓްރީވެފައިވާ އާބާދީގެ 10،000 މީހުންނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ނުވަ މެމްބަރުން ކަމަށެވެ. ނަމަވެސް ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެމްބަރުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް