ބެލެނިވެރިކަމާއި ފަހު ބަސް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --

ނަވާރަސައްތަ އައްޑިހަޔާއި ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި އަޅުގަނޑުމެން ބޮޑެތި ވެގެން އައި އިރު، އަޅުގަނޑުމެންނަށް ފެނުނީ ދައުލަތުގެ ބާރުތަކާއި އިދާރާތަކުގެ ވެރިން، އެއް ބަޔަކު އަނެއް ބަޔަކާ މެދު ވާހަކަ ދެއްކުމާއި މުއާމަލާތު ކުރުމުގައި ވަރަށް ބޮޑު އިހުތިރާމަކާއި ރިވެތި އަޚްލާގެއް ގެންގުޅުއްވި ސަގާފަތެކެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ ދައުލަތުގެ އެއް ބާރުގެ އިއްޒަތްތެރިން، އަނެއް ބާރަކާ މެދު ބާޒާރުމަތީ ބަހުރުވައިން، ވަކަރުގޭ ބަސްމަގު ގެންގުޅުއްވާ މަންޒަރެވެ. މިއީ ތަހުޒީބުތޯއެވެ؟ ސުލޫކާއި އަޚްލާގުގެ މަގަކީ މިއީތޯއެވެ؟ މި ފެންނަނީ ގިޔާމަތް ކައިރި ވުމުން، އެއްވެސް ގޮތަކުން ކުފޫ ހަމަ ނުވާ މީހުން، ގައުމުތަކުގެ އިސް މަގާމުތަކަށް އަންނާނެކަމަށް ކީރިތި ނަބިއްޔާ ދެއްވި ހިތާމަވެރި ޚަބަރުގެ ހިތި ހަގީގަތް ނޫންތޯއެވެ؟ ކޮންމެއަކަސް، މި ދެންނެވި ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު "ސައިޒު ކުރާން" ގޮވައިލާ ނާތަހުޒީބު އަދި ބަރުބަރީ ގޮވެލީގެ އަޑު ވެސް އަޅުގަނޑުމެންނަށް އިވިއްޖެއެވެ. ގެންދަވާނީ ދައްކަވާން ހުރި ތަނެއް ދައްކަވައިފައިތާއެވެ!

މި ދެންނެވި ބޭއިހުތިރާމާއި މައްލަވަ ކުރުމުގެ ސަގާފަތުގެ ތެރެއިން، ތަކުރާރުކޮށް އިވޭ އެއް އަޑަކީ ގާނޫނުއަސާސީގެ ބެލެނިވެރި ފަރާތަކީ ސުޕްރީމް ކޯޓާއި ޖުޑީޝަރީއޭ، އަދި ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި އެންމެ ފަހުބަސް ބުނާ ފަރާތަކީ އެންމެ މަތީ ކޯޓުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓޭ ބުނާ ބުނުމާ މެދު، ހުތުރު ބަހުރުވައިން ރައްދު ދެމުންދާ އަޑެވެ.

މި ކަމުގެ ހަގީގަތަށް ވާސިލު ވެވޭތޯ ބަލަމާ ހިންގަވާށެވެ.

ފެޑްރަލިސްޓް ޕޭޕަރޒް

އަސުރު ތަންވީރު ނުވަތަ "އޭޖް އޮފް އެންލައިޓްންމަންޓް"ގެ ނަމުން މަޝްހޫރު ވެފައި ވާ ޒަމާނުގައި، ޔޫރަޕުގެ ބޮޑެތި ގާނޫނީ އަދި ސިޔާސީ ފަލްސަފާވެރިން ނެރުއްވި ފިކުރުތަކުގެ މައްޗަށް ބިނާކޮށް، ޖުމްހޫރިއްޔަތުގެ އުސޫލުތަކާއި ގާނޫނުން މަހުދޫދު ކުރެވޭ ހުކޫމަތެއްގެ ނިޒާމު ޒަމާނީ ދުސްތޫރެއްގެ ސިފައިގައި ގާއިމު ކުރި ފުރަތަމަ ގައުމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ. އެމެރިކާގެ ފުރަތަމަ ގާނޫނުއަސާސީއަކީ މީލާދީ ސަނަތުން 1781ގައި އިއުލާން ކުރެވުނު އާރޓިކަލްސް އޮފް ކޮންފެޑެރޭޝަނެވެ. އޭގެ ދަށުން ދައުލަތް ހިނގާތާ ހައެއްކަ އަހަރު ވެގެން ދިޔަ ފަހުން، ދައުލަތް އެކުލަވައިލެވިފައި އޮތީ ރަނގަޅަށް ނޫންކަމާއި އައު ގާނޫނުއަސާސީއެއްގެ ޒަރޫރަތްތެރިކަން ބޮޑު ކަމަށް އެމެރިކާގެ ސިޔާސީ އެތައް ލީޑަރުންނަށް ގަބޫލު ކުރެއްވުނެވެ. މި ޚިޔާލާއިގެން ފުރަތަމަ ތެދު ވެވަޑައިގަތީ ނިއު ޔޯރކްގެ މަޝްހޫރު ގާނޫނީ އިލްމުވެރިޔާ އަދި ސިޔާސީ ލީޑަރު އެލެގްޒޭންޑަރ ހެމިލްޓަނެވެ. ހެމިލްޓަން ފަދަ ބޭފުޅުންގެ ޚިޔާލުފުޅާ މެދު 1787 ގެ ކޮންފެޑެރޭޝަން ކޮންގްރެސްގައި މަޝްވަރާ ކުރެވި، އައު ގާނޫނުއަސާސީއެއްގެ މަސައްކަތް ފެށުމަށް ނިންމުނެވެ. އަދި އެއިރު އެމެރިކާގައި އޮތް ތޭރަ ސްޓޭޓުގެ މަންދޫބުން ފިލަޑެލްފިޔާއަށް ޖަމާ ވެވަޑައިގެން، އެމެރިކާގެ ތާރީޚުގައި މަޝްހޫރު ދުސްތޫރީ މޫތަމަރު ބޭއްވުނެވެ. މި މަސައްކަތުގެ ކުރު ތާރީޚެއް މި ލިންކު ބައްލަވައިލެއްވޭނެއެވެ.

ފިލަޑެލްފިޔާގެ ދުސްތޫރީ މޫތަމަރުގައި ލިޔެވުނު ގާނޫނުއަސާސީ ކޮންފެޑެރޭޝަން ކޮންގްރެހަށް ހުށައެޅުނު އިރު، އެ ގާނޫނުއަސާސީއާ މެދު އެމެރިކާގެ ލީޑަރުންނާއި އާއްމުންގެ ވިސްނުން އޮތީ ދެ ބައި ވެފައެވެ. ގައުމުގެ އެންމެ ހިކުމަތްތެރި، އެންމެ ވަރުގަދަ، އެންމެ ގާބިލު ލީޑަރުންގެ ތެރެއިން ގިނަ ބޭފުޅުން އެ ގާނޫނުއަސާސީ ބަލައިގަތުމަށް ވަކާލާތު ކުރެއްވި އިރު، ގިނަ އަދަދެއްގެ ބަޔަކު އެ ގާނޫނުއަސާސީއާ މެދު ބެލީ ޝައްކުގެ ނަޒަރަކުންނެވެ. އައު ގާނޫނުއަސާސީއަށް ތާއީދު ކުރެއްވި ބޭފުޅުން، އެޔާ ދެކޮޅަށް ކުރެވުނު އިއުތިރާޒުތަކަށް ޖަވާބު ދެއްވީ "ދަ ފެޑްރަލިސްޓް" މި ނަމުގައި ޝާއިއު ކުރެވުނު އިލްމީ މަޒުމޫނު ސިލްސިލާޔަކުންނެވެ. އެލެގްޒޭންޑަރ ހެމިލްޓަނާއި، ޖޭމްސް މެޑިސަނާއި، ޖޯން ޖެއި ލިޔުއްވައި ޝާއިއު ކުރެއްވި ޖުމުލަ 85 މަޒުމޫނު ހިމެނޭ މި ސިލްސިލާގައި ވަނީ، އައު ގާނޫނުއަސާސީގެ ފަލްސަފީ އަދި އިލްމީ އަސާސުތައް ޝަރަހަ ކޮށްދެއްވައިފައެވެ. ގާނޫނުއަސާސީ ހެދިފައި އޮތް ގޮތް ރަނގަޅުކަން ސާބިތު ކުރެއްވުމަށް ޓަކައި ވަކާލާތު ކުރައްވައިފައެވެ. އެ މަޒުމޫނުތަކުގެ އިލްމީ ބާރުން، އެމެރިކާގެ ރައްޔިތުންގެ ސިކުނޑިތައް ފަތަހަ ކުރިއެވެ. އައު ގާނޫނުއަސާސީ ފާސް ކުރެވި، އޭގެ މައްޗަށް އަމަލު ކުރާން ފެށުނީ މީލާދީން 1789 ގައެވެ. ފެޑްރަލިސްޓް މަޒުމޫނުތަކާ ބެހޭ އިތުރު މައުލޫމާތު މި ސަފުހާއިންނާއި، މި ސަފުހާއިން ބައްލަވައިލައްވާށެވެ.

އެމެރިކާގެ ގާނޫނުއަސާސީ އިއުލާން ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ވެސް އެ ގާނޫނުއަސާސީއާ މެދުގައި ބެލެވެނީ، ގާނޫނުގެ ހުކުމް ރައްކައުތެރިކޮށް، ސިޔާސީ ބާރުވެރިކަން ކަނޑައެޅި ބަޔާން ވެގެންވާ އިންތަކެއްގެ ތެރޭގައި އަދި އުސޫލުތަކެއްގެ ތެރޭގައި ހިފަހައްޓައި މަހުދޫދު ކޮށް، ސިޔާސީ ނުފޫޒާއި ބާރުގެ ދަށުން މިނިވަން ވެގެންވާ ފަނޑިޔާރުގެއަކުން އެންމެތަކުންނަށް ހަމަހަމަ ވެގެންވާ ގޮތެއްގައި އަދުލުއިންސާފު ކަށަވަރު ކޮށްދިނުމުގެ ނިޒާމު މި ޒަމާނުގެ ދައުލަތްތަކުގައި ގާއިމު ކުރުމަށް އެންމެ އެކަށޭނަ ދުސްތޫރީ ފޯމިޔުލާ އަކީ އެ ގާނޫނުއަސާސީގެ ފޯމިޔުލާ ކަމުގައެވެ. އެހެންކަމުން ދުނިޔޭގެ ގިނަ ދައުލަތްތަކުގައި ވަނީ އެ ފޯމިޔުލާ ބަލައިގެންފައެވެ. ހަމައެހެންމެ، ފެޑްރަލިސްޓް މަޒުމޫނުތަކަށް، ދުސްތޫރީ އިލްމުގެ މަޖިލިސްތަކުގައި ލިބިފައި ވާ ގަދަރާއި އިތުބާރަށް ދުވަހަކުވެސް ފަނޑުކަމެއް އައިސްފައެއް ނުވެއެވެ. މިސާލުތަކެއް ދަންނަވާ ނަމަ، އެމެރިކާގެ ތިންވަނަ ރައީސް ތޯމަސް ޖެފަރސަން ވިދާޅުވެފައި ވަނީ ފެޑްރަލިސްޓް މަޒުމޫނުތަކަކީ "ދުނިޔޭގެ ތާރީޚުގައި ވެސް، ދައުލަތެއްގެ ވެރިކަމުގެ ނިޒާމު ހިންގުމުގެ އުސޫލުތަކާއި ހަމަތަކާ ބެހޭގޮތުން ލިޔެވުނު އެންމެ ފުރިހަމަ ޝަރަހަ" ކަމުގައެވެ. އިނގިރޭސި ފަލްސަފާވެރިޔާ އަދި ކްލެސިކަލް ލިބަރަލިޒަމާއި ޔުޓިލިޓޭރިއަން ފަލްސަފާގެ އެންމެ މުހިއްމު އެއް މުފައްކިރު ޖޯން ސްޓުއަރޓް މިލް ވިދާޅުވަނީ ފެޑްރަލިސްޓް މަޒުމޫނުތަކަކީ "ފެޑްރަލް އުސޫލުން ވެރިކަން ހިންގުމާ ބެހޭގޮތުން ލިޔެވިފައި ވާ އެންމެ ފުރިހަމަ އިރުޝާދުތައް ހިމެނޭ އިލްމީ ލިޔުންތައް" ކަމުގައެވެ. ފަރަންސޭސި ވިލާތުގެ މަޝްހޫރު ފަލްސަފާވެރިޔާ އެލެކްސި ޑި ޓޮކްވިލް ވިދާޅުވީ ފެޑްރަލިސްޓް މަޒުމޫނުތަކަކީ "ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ސިޔާސީ މުދައްބިރުންނާއި ލީޑަރުން އެ ލިޔުންތަކަކަށް އަހުލުވެރި ވެވަޑައިގަންނަވާން ޖެހޭ، ފުރިހަމަކަމުގެ އެންމެ މަތީ ދަރަޖައިގެ ލިޔުންތަކެއް" ކަމުގައެވެ.

މި މަގާމުގައި އަޅުގަނޑުމެން ފެޑްރަލިސްޓް ޕޭޕަރޒްގެ ވާހަކަޔާއި، އެ މަޒުމޫނުތަކުގެ މޮޅު ވާހަކަ ދައްކާންވީ ކީއްވެގެން ހެއްޔޭ، ހިތްޕުޅަށް އަރާތޯއެވެ؟ ޖަވާބު އައްސަވާށެވެ! މާތްވެގެންވާ އިސްލާމް ދީނުގެ ފުރިހަމަ ޝަރީޢަތާއި އިސްލާމީ ދުސްތޫރީ އުސޫލުތަކަށް ފަހު، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އެ ފިކުރަކުން އެންމެ ބޮޑަށް ބައްޓަން ވެފައިވާ ފިކުރަކީ ފެޑްރަލިސްޓް މަޒުމޫނުތަކުގައި ހުރި ދުސްތޫރީ ފިކުރެވެ. ކުރުކޮށް ދަންނަވާ ނަމަ، ދިވެހި ގާނޫނުއަސާސީއަކީ އިސްލާމީ ޝަރީޢަތާއި، އެމެރިކާގެ ފެޑްރަލިސްޓް ގާނޫނުއަސާސީގެ ފޯމިޔުލާޔަށް، އެ މޮޑެލަށް ހަދައިފައި އޮތް ގާނޫނުއަސާސީއެކެވެ. އެހެންކަމުން، ރާއްޖޭގެ ގާނޫނުއަސާސީގައި ހުރި ދުސްތޫރީ އެތައް މަބްދައުތަކެއް ފުރިހަމަޔަށް ދޭހަ ވުމަށް ޓަކައި ދިރާސާ ކޮށް ބަލާން ޖެހޭ އެންމެ މުހިއްމު އެއް މަސްދަރަކީ ފެޑްރަލިސްޓް މަޒުމޫނުތަކެވެ.

އުނި ކަންތައްތަކަކާއި، ގޯސް ނިޔަތުގައި ގޯސްކޮށް ލިޔެފައި ހުރި އެތައް މާއްދާތަކަކާ އެކުގައިމެ، ޖުމުލަ ގޮތެއްގައި ހަރުދަނާ ދުސްތޫރީ އަސާސްތަކެއްގެ މައްޗަށް އަޅުގަނޑުމެންގެ ފެހި ގާނޫނުއަސާސީ ލިޔެވި އިއުލާން ކުރެވުނުތާ ދިހަ އަހަރު ވެގެން ދިޔަ އިރު، ގައުމުގެ ދުސްތޫރީ ހަޔާތުން އަޅުގަނޑުމެންނަށް މި ފެންނަނީ "ދި އެގްސޯރސިސްޓް" އަށް ދޫ ނުކުރާވަރުގެ ބިރުވެރި ފިލްމެކޭ ދެންނެވުން ގޯހަކަށް ނުވާނެއެވެ. މިއަދު ފެންނަމުން މިދަނީ ފެހި ގާނޫނުއަސާސީ އައުމުގެ ކުރިން އޮތް ގޮތަށް، ދިވެހި ފަނޑިޔާރުގެއަކީ އެއިރަކު ބާރުވެރިކަމުގައި ތިބި ސިޔާސީންގެ ފީކުދާނެއް ނުވަތަ ގޮނޑިކޮއްކޮއަކަށް ހެދުމަށް ކުރެވޭ ބިރުވެރި، ނުރައްކައުތެރި، ހިތާމަވެރި މަސައްކަތެވެ. ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި، ހުތުރުކަން ބޮޑު ގޮތެއްގައި ފަނޑިޔާރުންނަށް ބުލީ ކޮށް، ބިރު ދައްކައި، ނިކަމެތި ކުރަމުން ދާތަނެވެ. ފެށުނީއްސުރެ ސިޔާސީ މީހުން ހިންގަމުން އައި ނުފޫޒު ފޯރުވުމާއި ބިރު ދެއްކުމާއި ނިކަމެތި ކުރުމުގެ އަމަލުތަކުގެ ސަބަބުން ފަނޑިޔާރުގެއަށް ލިބުނު ނިކަމެތިކަމުގެ ޒިންމާ ވެސް ފަނޑިޔާރުގޭގެ ބޮލުގައި އެކަނި އަޅުވާ ތަނެވެ. މިފަދަ ހާލަތެއްގައި، ދެކެވެމުންދާ އެއްވެސް އަސްލެއް ނެތް، މަކަރުވެރި އަދި ދޮގުވެރި ވާހަކަތަކުގެ ތެރެއިން އެއް ވާހަކަޔަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ގާނޫނުއަސާސީގެ ބެލެނިވެރިޔާ ކަމުގައި އެ ކޯޓުން އަމިއްލަޔަށް ހެދިގެން އުޅެނީޔޭ، އެއީ އަސްލު އެ ކޯޓަށް އޮންނާނެ ހައިސިއްޔަތެއް ނޫނޭ، އަދި ގާނޫނުއަސާސީ އާއި ގާނޫނުތައް މާނަ ކުރުމާއި ޝަރުއީ ނުވަތަ ގާނޫނީ ކަންކަމުގައި އެންމެ ފަހުބަސް ބުނާ ފަރާތެއްގެ ހައިސިއްޔަތު ވެސް ސުޕްރީމް ކޯޓުން ނިގުޅައިގަންނާން ވިއްޔޭ ކިޔައިގެން ދައްކާ ވާހަކަތަކެކެވެ.

ގާނޫނުއަސާސީގެ ބެލެނިވެރިޔާ

ދިވެހިރާއްޖޭގެ ޖުޑީޝަރީގެ ބާރު ކަނޑުވައިލައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސިޔާދަތީ ބާރާއި ދުސްތޫރީ ހައިސިއްޔަތު ނިގުޅައިގަތުމުގެ ކެހިވެރި މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކުރަމުންދާ ދަނޑިވަޅެއްގައި، ތާރީޚުގެ ފޮތުގެ ސަފުހާތަކަކަށް ބަލައިލުމުން ފެންނަނީ އިނގިރޭސި ބަހުން "އައިރަނީ" އޭ މި ކިޔާ ކަހަލަ ކަމެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބެލެނިވެރިކަމުގެ މަސްއޫލިއްޔަތު ހަވާލު ވެވިގެންވާ ކޯޓެއް ކަމަށް އެ ކޯޓުގެ ހުކުމެއްގައި އެންމެ ފުރަތަމަ ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ބާރު ކަނޑުވައިލާން ދައުލަތުގެ ތަންފީޒީ ބާރުން ކުރި މަސައްކަތެއް ހުއްޓުވައި، ރައްޔިތުންގެ މަޖިލިހުގެ ސިޔާދަތީ ބާރާއި ހައިސިއްޔަތު ރައްކައުތެރި ކޮށްދިން ހުކުމެއްގައެވެ. ހަމަ ރަނގަޅަށް ވެސް "އައިރަނީއެއް" އެހެން ނޫންތޯއެވެ؟ މި ދަންނަވާ ހުކުމަކީ 09 ޑިސެންބަރު 2010 ގައި ސުޕްރީމް ކޯޓުން، އެ ކޯޓުގެ ނަންބަރު 2010/SC-C/25 ގަޒިއްޔާ އާއި، ނަންބަރު 2010/SC-C/26 ގަޒިއްޔާ އެއް ނިންމުމަކުން ނިންމި އިރު ކުރެއްވި ހުކުމެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރުންނަށް މަޖިލިހުން ރުހުން ދީގެން މެނުވީ ޝަރުއިއްޔަތު ލިބިވަޑައިނުގަންނަވާނެކަމަށް ކަނޑައެޅި ހުކުމެވެ.

ކުރީގެ ކޮލަމެއްގައި އަޅުގަނޑު ދެންނެވި ފަދައިން، ދިވެހިރާއްޖެޔަކީ ދުސްތޫރީ ސިޔާދަތުގެ މަބްދައު އޮންނަ ދައުލަތެކެވެ. ދުސްތޫރީ ސިޔާދަތު އޮންނަ ތަންތަނުގައި، އެ މަބްދައާ އެކު އޮންނަ އެންމެ މުހިއްމު އުސޫލަކީ ގާނޫނުއަސާސީގެ ބެލެނިވެރިފަރާތެއްގެ ގޮތުގައި ދުސްތޫރީ ކޯޓެއް ނުވަތަ ސުޕްރީމް ކޯޓެއް ހުރުމެވެ.

ޚާއްސަ ގޮތެއްގައި ސުޕްރީމް ކޯޓު ނުވަތަ ކޮންސްޓިޓިޔުޝަނަލް ކޯޓަކީ، އަދި އާއްމު ގޮތެއްގައި މިނިވަން ފަނޑިޔާރުގެޔަކީ ގާނޫނުއަސާސީގެ ބެލެނިވެރިޔާ ކަމަށް ބުނަނީ މައިގަނޑު ތިން ސަބަބަކަށް ޓަކައެވެ. ވަރަށް ކުރު ގޮތަކަށް ދަންނަވާ ނަމަ، އޭގެ ތެރެއިން ފުރަތަމަ ސަބަބަކީ ގާނޫނުއަސާސީ މާނަ ކުރުމުގައި ފަހުބަސް ނުވަތަ އެންމެ ފަހުގެ ނިޔާ އިއްވާ ފަރާތަކީ ސުޕްރީމް ކޯޓު ނުވަތަ ކޮންސްޓިޓިޔުޝަނަލް ކޯޓު ކަމަށް ވާވުމެވެ. ދެވަނަ ސަބަބަކީ، ދައުލަތުގެ އަނެއް ދެ ބާރުގެ ތެރެއިން ބާރަކުން ވިޔަސް، އަދި މިނިވަން މުއައްސަސާއަކުން ވިޔަސް ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކޮށްފި ނަމަ، ޖުޑީޝަލް ރިވިޔު ފަދަ އުސޫލުތަކުގެ ތެރެއިން އެކަން ބަލައި، ދައުލަތުގެ އެންމެހައި ފަރާތްތައް ގާނޫނުއަސާސީގެ މަހުދޫދީ އިންތަކުގެ ތެރޭގައި ހިފެހެއްޓުމުގެ ދުސްތޫރީ ޒިންމާ ސުޕްރީމް ކޯޓަށް ނުވަތަ ކޮންސްޓިޓިޔުޝަނަލް ކޯޓަށް އޮންނައޮތުމެވެ. ތިންވަނަ ސަބަބަކީ، ދުސްތޫރުން ރައްކައުތެރި ކޮށްދެވޭ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން "ލެޖިސްލޭޓިވް އެންކްރޯޗްމަންޓްތަކުން" ނާއި "އެގްޒެކެޓިވް އެންކްރޯޗްމަންޓްތަކުން" ރައްކައުތެރި ކޮށްދީ، ގާނޫނު ހަދާ މަޖިލިހުން ހަދާ ގާނޫނުތަކާއި، ތަންފީޒީ ބާރުން ނިންމާ ނިންމުންތަކުން ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލިގެން ދާ ހާލަތުގައި، އެ ދެ ބާރު ދުސްތޫރަށް ޖަވާބުދާރީ ކުރުވައި، ރައްޔިތުން ރައްކައުތެރި ކޮށްދިނުމުގެ މުހިއްމު އަދި ޚުތޫރަތްތެރި ވާޖިބު އަދާ ކުރުމަކީ ފަނޑިޔާރުގޭގެ މަސްއޫލިއްޔަތަކަށް ވުމެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ފަދަ އެންމެހައި ދައުލަތްތަކުގައި ސުޕްރީމް ކޯޓަކީ ގާނޫނުއަސާސީގެ ބެލެނިވެރި ފަރާތް ކަމަށް ބަލައިގަނެވިފައި އޮންނަނީ މި ދެންނެވި ސަބަބުތަކަށް ޓަކައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ދަށުން ހިނގާ ބިޔުރޯ އޮފް އިންޓަރނޭޝަނަލް އިންފޮރމޭޝަން ޕްރޮގްރާމްސްގެ ސައިޓުގައި އެމެރިކާގެ ސުޕްރީމް ކޯޓަކީ އެ ގައުމުގެ ގާނޫނުއަސާސީގެ ބެލެނިވެރި ފަރާތް ކަމުގައި ސަރީހަ އިބާރާތުން ބަޔާން ކޮށްފައި ވާތަން މި ލިންކުން ބައްލަވައިލައްވާށެވެ. އިނގިރޭސި ވިލާތުގެ ސުޕްރީމް ކޯޓުގެ ރައީސް ލޭޑީ ބްރެންޑާ ހޭލް، 2016 ވަނަ އަހަރު ދެއްވި ސުލްތާން އަޒްލާން ޝާހް ލެކްޗަރގައި ސަރީހަ އިބާރާތުން ވިދާޅުވެފައި ވަނީ، ލިޔެވިގެންވާ ދުސްތޫރެއް އޮންނަ ދައުލަތްތަކުގައި، ސުޕްރީމް ނުވަތަ ދުސްތޫރީ ކޯޓަކީ ދުސްތޫރުގެ ބެލެނިވެރި ފަރާތް ކަމުގައި ހަގީގަތުގައި ވެސް ބެލެވޭނެ ކަމަށެވެ. އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކުގެ ތެރެއިން އިންޑިޔާގެ ޖުރިސްޕްރޫޑެންސްގައި ވެސް ސުޕްރީމް ކޯޓަކީ ގާނޫނުއަސާސީގެ ބެލެނިވެރި ފަރާތް ކަމުގައި ބަލައިގެންފައި ވާކަމާއި، އެއީ ކީއްވެގެންކަން ކުރު ގޮތަކަށް ބަޔާން ކޮށްފައިވާ ގޮތް ބައްލަވައިލެއްވުމަށް ޓަކައި މި މަޒުމޫނު ވިދާޅުވެލައްވާށެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި އެ ކޯޓުގެ ތާރީޚާ ބެހޭގޮތުން ލިޔެފައި ވާ ކުރު ބަޔާނުގެ ފުރަތަމަ ޕެރެގްރާފުގެ ފަހު ޖުމުލައިގައި، އެ ކޯޓަކީ ގައުމުގެ ގާނޫނުއަސާސީގެ ބެލެނިވެރިޔާ ކަމަށް ސަރީހަ އިބާރާތުން ލިޔެފައި އޮވެއެވެ.

ދުސްތޫރީ އިލްމުގެ ތާރީޚަށް ބަލައިލާ އިރު، ޚާއްސަކޮށް ސުޕްރީމް ކޯޓަކީ، އަދި އާއްމުކޮށް ޖުޑީޝަރީ އަކީ ސިޔާދަތު ލިބިގެންވާ ގާނޫނުއަސާސީގެ ބެލެނިވެރިޔާކަމުގެ ފިކުރު އުފެދިގެން އަންނަނީ، ކުރިން އެ މަޒުމޫނުތަކެއްގެ ވާހަކަ އަޅުގަނޑު ދެންނެވި ފެޑްރަލިސްޓް މަޒުމޫނުތަކުން، އެލެގްޒޭންޑަރ ހެމިލްޓަންގެ ލިޔުއްވުންތަކުންނެވެ. ބަލާޣާތްތެރި އިބާރާތްތަކަކުން ފެޑްރަލިސްޓް 78 ވަނަ މަޒުމޫނުގައި ހެމިލްޓަން ހާމަ ކޮށްދެއްވި އެއް ހަގީގަތަކީ "ގާނޫނު ހަދާ މަޖިލިހަކީ އަދުލުއިންސާފުގެ ފައްވާރާޔަށް ސިޔާސީ ބައިބައިވުމުގެ ތެރެއިން އަންނަ ބަލިމަޑުކަން ގެނުވަނިވި އަދި މުޑުދާރު ނޭވާގެ ވިހަ" އެ ތަނެއްގެ ތެރޭގައި އައުން އެންމެ ގާތް ތަން ކަމުގައެވެ. މި މޭރުމުން ލިޔުއްވަމުން، ހެމިލްޓަން ވިދާޅުވެފައި ވަނީ އިނގިރޭސި ވިލާތުގައި އޮންނަ ފަދައިން އަދާލަތުގެ ކޯޓުތަކުގެ ނިޔާގެ މައްޗަށް ބަރުލަމާނުގެ މެޖޯރިޓީ ވޯޓުގެ ބާރު ހިނގުމަކީ ގާނޫނުގެ ހުކުމުގެ އުސޫލާ ޚިލާފު، ގޯސް ގޮތެއް ކަމަށާއި، "ގާނޫނު ހަދާ މަޖިލިހުން އެ މަޖިލިހުގެ ބާރުތަކުގެ އިމުން ބޭރު ވެގެން ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާ ގޮތަށް ކުރާ އަމަލުތަކުން، ސިޔާސީ ބާރުވެރިކަން މަހުދޫދު ކުރާ ގާނޫނުއަސާސީ ހިމާޔަތް ކޮށްދޭ އެންމެ ވަރުގަދަ ދިފާއީ ފާރަކީ އަދުލުއިންސާފުގެ ކޯޓުތައް" ކަމުގައެވެ. މަޒުމޫނުގެ ސަތާރަވަނަ ޕެރެގުރާފު ފައްޓަވަމުން ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަމަކީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް "ގާރޑް" ކުރުމަށް ޓަކައި ޒަރޫރީ ކަމެއް ކަމަށް ވިދާޅުވުމަށް ފަހު، އެ ޕެރެގްރާފު ނިންމަވައިލައްވައިފައި ވަނީ ފަނޑިޔާރުންނަކީ "ގާނޫނުއަސާސީގެ އަމާނާތްތެރި ބެލެނިވެރިން" ކަމުގައި ސަރީހަ އިބާރާތުން ވިދާޅުވަމުންނެވެ.

މި ހަގީގަތް އިލްމީ ގޮތުން މިހައި ސާފުކޮށް ފެންނާން އޮންނަ އިރު ވެސް، އަޅުގަނޑުމެންގެ ތެރެއިން އިވެނީ "ފުންނާބު އުސް" ގާނޫނީ ވަކީލުންނާއި، ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ފަދަ ބޭފުޅުން ވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން "ގާނޫނުއަސާސީގެ ބެލެނިވެރިޔާކަމަށް ހެދިގަނެގެން އުޅެނީޔޭ" ވިދާޅުވާ އަޑެވެ. ފެންނަނީ ސުޕްރީމް ކޯޓުގެ ހުކުމްތަކާއި އަމުރުތަކާއި ބަޔާންތަކުގައި އެހެން ބުނެފައި އޮންނާތީ ހީނ މަލާމާތް ކޮށް އެއްޗެތި ގޮވައި ހަދާ ތަނެވެ. ތޯމަސް ހޯބްސް ފަދަ ބޭފުޅުން ދެއްކެވީ "ޕްރީ-ޕޮލިޓިކަލް ސްޓޭޓް އޮފް ނޭޗަރ"ގައި އުފެދޭ ފިތުނަފަސާދައިގެ ތެރޭގައި، މުޖުތަމައު މުޅީން ހަލާކު ވެގެން ހިނގައިދާނެ ވާހަކައެވެ. އަޅުގަނޑުމެންގެ ތެރޭގައި މިހާރު ކަންކަން ހިނގަމުން މިދަނީ ޖަންގަލީގެ އުސޫލު ފެތުރި، ތަހުޒީބު ނުވާ ބަނާނާ ރިޕަބްލިކެއްގެ ހާލަތަށް ދުސްތޫރީ އަދި ގާނޫނީ ނިޒާމު ވެއްޓި، "ޕޯސްޓް-ޕޮލިޓިކަލް ސްޓޭޓް އޮފް ނޭޗަރ" އެއްގެ އަނދިރި ފައިތަޅާޔަށް ގައުމު މިސްރާބު ޖަހައިފައިވާ މަންޒަރެވެ.

ހިތާމައިގެ ކޮޅެއް ވެސް ނެތެވެ.

އެންމެ ފަހުބަސް

ދެން އޮތީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ މަޝްހޫރު 145 ވަނަ މާއްދާގެ (ނ) ގައި އޮންނަ އުސޫލާ ގުޅިގެން ދައްކާން ޖެހޭ ވާހަކަތަކެވެ. އެ މާއްދާގައި އޮންނަނީ "ގާނޫނުއަސާސީ އާއި، ގާނޫނު މާނަ ކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި، ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން" ކަމުގައެވެ.

ގައުމުގެ ކަންކަން އިސްލާހުގެ މަގުން ހިންގެވުމަށް މާތްރަސްކަލާނގެ ގަންދެއްވައި ހުވައި ކުރެއްވުމަށް ފަހު، ތިމައުރެންގެ ފައިދޮށުގައި ކުޑަކަކޫ ނުޖެހި ކޮންމެ ބަޔަކު "ސައިޒު ކުރައްވާން" ދިމާ ކުރައްވައިގެން ތިއްބެވި ބޭފުޅުންނަށް މި އުސޫލު ވެސް މިއަދު ކަމުދާ އުސޫލަކަށް ނުވިއެވެ. ހަގީގަތުގައި މި އުސޫލަކީ ޚުދުމުޚްތާރިއްޔަތު ހުއްޓުވުމަށް ޓަކައި ތިން ބާރު ވަކި ކުރާކުރުމުގެ އެންމެ މުހިއްމު އެއް ގަރަންޓީއެވެ. ގާނޫނުގެ ހުކުމުގެ އެއް ބުންޔާދެވެ. "ގަވަރންމަންޓް އޮފް މެން"ގެ ބަދަލުގައި "ގަވަރންމަންޓް އޮފް ލޯވ" ގާއިމު ކުރާ ނިޒާމުގެ މައިބަދައެވެ. ސިޔާސީ ނުފޫޒުން އެއްކިބާ ވެ، އެންމެތަކުންނަށް ހަމަހަމަކަމާ އެކު އަދުލުއިންސާފު ފޯރުކޮށްދޭނެ ފަނޑިޔާރުގެއެއް މި އުސޫލާ ނުލައި ހަމަހިލާ ނުއުފެއްދޭނެއެވެ. އެހެން ނަމަވެސް، އެ ބޭފުޅުންގެ އަމިއްލަ އެޖެންޑާތަކާ ޖެހުނީމާ، އެއްވެސް އުސޫލެއް، އެއްވެސް ފޮތެއް، އެއްވެސް ގޮތެއް، އެއްވެސް ހަމައެއް އޮންނަ ކަމަކަށެއް ނުވެއެވެ.

ސަތޭކަ ސާޅީސް ފަސް ވަނަ މާއްދާގެ (ނ)ގެ އުސޫލުގެ މައްޗަށް ވެސް ތަހުގީގީ ނަޒަރަކުން ބަލައިލަމާ ހިންގަވާށެވެ.

ރައްޔިތުންނަށް ލިބިގެންވާ ސިޔާދަތީ ބާރު، އަމާނާތެއްގެ ގޮތުގައި ދައުލަތުގެ ހުކޫމަތުގެ ސަލްތާތަކާ ހަވާލު ކުރަނީ ތޯމަސް ޕެއިން ވިދާޅުވެފައިވާ ފަދައިން ރައްޔިތުންނެވެ. ރައްޔިތުން ލިޔާ ގާނޫނުއަސާސީގެ ވަސީލަތުންނެވެ. މިގޮތުން ބާރު ދިނުމުގައި، މިނިވަން ފަނޑިޔާރުގެއަށް ދެނީ ގާނޫނުއަސާސީގެ ބެލެނިވެރިކަމުގެ ބާރާއި، ގާނޫނުއަސާސީ ނަގަހައްޓައިގެން ގާނޫނުގެ ހުކުމް ހިމާޔަތް ކުރުމާއި، އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރެވެ. އެހެންކަމުން، އެ ކަމަކަށް ގާނޫނު ތަދުބީގު ކުރެވޭ ކޮންމެ ކަމެއްގައި، އަދި ގާނޫނު ތަދުބީގު ކޮށްގެން ހައްލު ކުރާން ޖެހޭ ކޮންމެ މައްސަލައެއްގައި، ޤަޟާއީ އިޖުރާއާތުތަކުގެ ތެރެއިން ނިންމާ ނިންމުންތަކުން ހައްލު ހޯދައިދިނުމަކީ ކޯޓުތަކުގެ "ޕްރޮވިންސް" ކަމަށް ދުސްތޫރީ އަދި ގާނޫނީ އިލްމުވެރިން ވަނީ އިއްތިފާގު ވެވަޑައިގެންފައެވެ. މި އުސޫލުގެ ވާހަކަ ބަޔާން ކުރައްވަމުން، ފެޑްރަލިސްޓް 78 ވަނަ މަޒުމޫނުގެ އެގާރަވަނަ ޕެރެގުރާފުގައި އެލެގްޒޭންޑަރ ހެމިލްޓަން ވިދާޅުވެފައި އޮންނަނީ "ގާނޫނު މާނަ ކުރުމަކީ، ރަނގަޅު އަދި ހެޔޮ ހަމަތަކާއި އުސޫލުތައް ނިޔާ ކުރާ ގޮތުގެ މަތިން، ހަމައެކަނި ޝަރުއީ ކޯޓުތަކުގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް" ކަމުގައެވެ. އޭނާ ވިދާޅުވެފައި ވަނީ ގާނޫނުއަސާސީ އަކީ ވެސް ގާނޫނު ކަމަށް ވާތީ، ގާނޫނުއަސާސީ މާނަ ކުރުމަކީ ވެސް ފަނޑިޔާރުންނާ މަތި ކުރެވިފައި އޮންނާން ވާނެ ކަމެއް ކަމުގައެވެ. ގާނޫނު ހަދާ މަޖިލިހުން ގާނޫނު ހަދާނީއެވެ. ތަންފީޒީ ބާރުން ގާނޫނު ހިންގާނީއެވެ. ގާނޫނު މާނަ ކުރާނީ، އަދި ޚުސޫމަތުތަކަށް ގާނޫނު ތަދުބީގު ކުރާނީ، އަދި ގާނޫނުގެ ހުކުމާއި ނިޔާ އިއްވާނީ މިނިވަން ފަނޑިޔާރުގެއިންނެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދުސްތޫރީ ގާނޫނުގެ މައިގަނޑު އުސޫލުތައް ކަނޑައެޅި އެންމެ މުހިއްމު އެއް ގަޒިއްޔާ ކަމުގައިވާ މާރބެރީ ވަރސަސް މެޑިސަން (1803) ގައި، ފެޑްރަލް ސުޕްރީމް ކޯޓުން އުއްތަމަ ފަނޑިޔާރު ޖޯން މާރޝަލް އިއްވެވި ހުކުމުގައި އޮންނަނީ "އެއްވެސް ބަހުސަކަށް އަދި އޮޅުމަކަށް ޖާގައެއް ނެތް ފަދައިން، އަދި އެކަކަށް ވެސް އިންކާރު ނުކުރެވޭނެ ފަދައިން، ގާނޫނު މާނަ ކޮށް ގާނޫނުގައި އޮތީ ކީކޭކަން ކަނޑައެޅުމުގެ ނިޔާ އިއްވުމަކީ ފަނޑިޔާރުގޭގެ މަސްއޫލިއްޔަތުތަކުގެ ދާއިރާގައި ހިމެނޭ ކަމެއް" ކަމުގައެވެ.

މި މަހުގެ 19 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން، މަޖިލިހުގެ އިއްޒަތްތެރި މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނީ "ސުޕްރީމް ކޯޓަކީ ރާއްޖޭގައި ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފަހުބަސް ބުނާން އޮންނަ ތަން ނޫން" ކަމުގައެވެ. އެއީ ވަރަށް ބޮޑު ތެދުފުޅެކެވެ. ހަގީގަތުގައި ވެސް ގައުމެއްގައި ދިމާވާ ހުރިހާ ކަމެއްގައި އެންމެ ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން ނުވަތަ ފަނޑިޔާރުގެއަކުން ނޫނެވެ. ދުސްތޫރީ ގާނޫނުގެ އިލްމާއި ދުސްތޫރީ ޖުރިސްޕްރޫޑެންސްގެ ތެރޭގައި މިކަމާ ބެހޭ މުހިއްމު ދެ މަފްހޫމެއް އޮވެއެވެ. އޭގެ ތެރެއިން އެއް މަފްހޫމަކީ "ޕޮލިޓިކަލް ކުއެޝްޗަން"ގެ މަފްހޫމެވެ. އަނެއް މަފްހޫމަކީ "ޖަސްޓިޝިއެބިލިޓީ" ގެ މަފްހޫމެވެ.

ކުރިން އަޅުގަނޑު އެ ގަޒިއްޔާއެއްގެ ވާހަކަ ބަޔާން ކުރި މާރބެރީ ވަރސަސް މެޑިސަންގެ ހުކުމުގައި މި ދެ މަފްހޫމުގެ ވެސް އަސާސީ އުސޫލުތައް ޤަޟާއީ ގޮތުން އެކަށައަޅައިފައި ވެއެވެ. އެ އުސޫލުތަކުގެ ދަށުން، ފަނޑިޔާރުގެއިން ބެލޭނީ "ޖަސްޓިޝިއެބަލް" މައްސަލަތަކެވެ. މާނައަކީ، ގާނޫނުއަސާސީ އާއި ގާނޫނުތައް ތަދުބީގު ކޮށްގެން، ގާނޫނީ ހައްލަކުން ހައްލު ހޯދާން ޖެހޭ މައްސަލަތަކެވެ. "ޕޮލިޓިކަލް ކުއެޝްޗަން" ތަކުގައި ފަނޑިޔާރުގެއަކަށް މައްސަލައެއް ނުބެލޭނެއެވެ. ގޮތެއް ވެސް ކަނޑައެއްނޭޅޭނެއެވެ. "ޕޮލިޓިކަލް ކުއެޝްޗަން" ތަކުގައި ހައްލު ނެރޭނީ ތަންފީޒީ ބާރުން، ނުވަތަ ގާނޫނު ހަދާ މަޖިލިހުން، ނުވަތަ އެ ދެ ފަރާތް އެއްބަސް ވާ ގޮތަކަށެވެ. މި ދެ މަބްދައާ ބެހޭގޮތުން ކުރު ގޮތަކަށް ލިޔެފައިވާ ލިޔުމެއް އެމެރިކާގެ ލައިބްރަރީ އޮފް ކޮންގްރެސްގެ ވެބްސައިޓުގެ މި ސަފުހާއިން ވެސް ފެނިވަޑައިގަންނަވާނެއެވެ.

"ޖަސްޓިޝިއެބަލް" ނޫން، ނުވަތަ ފަނޑިޔާރުގެއަށް ނުބެލޭނެ ކަންކަމުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ބައެއް ކަންކަމުގެ މިސާލުތަކަށް ބަލައިލަމާ ހިންގަވާށެވެ. ދައުލަތުގެ ދިފާއުގައި ހަނގުރާމަ އިއުލާން ކުރުމާއި، ކުރަމުންދާ ހަނގުރާމައެއް ހުއްޓައިލައި ސުލްހައިގެ އެއްބަސްވުންތަކުގައި ސޮއި ކުރުމާއި، ގައުމުގެ ދިފާއުގައި ގެންގުޅޭ އަސްކަރީ އިސްތިރާޖުތަކަކީ ކޮބައިކަން ކަނޑައެޅުމެވެ. ޑިޕްލޮމެސީގެ ދާއިރާގެ ތެރެއިން ގުޅުން އުފައްދާނީ ކޮން ދައުލަތްތަކަކާތޯ ކަނޑައެޅުމާއި، ބައިވެރި ވާނީ ބައިނަލްއަގުވާމީ ކޮން ޖަމްއިއްޔާތަކެއްގައިކަން ކަނޑައެޅުމެވެ. ކެބިނެޓުގައި ހިމަނުއްވާނީ ކޮން ވުޒާރާތަކެއްތޯ އާއި، ގާނޫނުއަސާސީގެ ދަށުން ޝަރުތު ހަމަވާ މީހުންގެ ތެރެއިން ވަޒީރުކަމަށް ލައްވަވާނީ ކޮން ބެއިބެއިފުޅުންނެއްތޯ، މިފަދަ ކަންކަމެވެ. ވަޒީރުން ވަކި ކުރުމެވެ. މީހުން ދިރިއުޅޭނީ ކޮން ރަށްރަށެއްގައިތޯ ކަނޑައެޅުމެވެ. ދައުލަތުގެ ކުންފުނިތައް އުފެއްދެވުމަށް ނުވަތަ ކުންފުނިތައް އުވައިލެއްވުމަށް ނިންމާ ނިންމުންތަކެވެ. ހަގީގީ މިސާލުތަކެއް ދަންނަވާ ނަމަ، ކުރީގެ ރައީސް އޮނަރަބްލް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖެ ކޮމަންވެލްތުން ވަކި ވާން ނިންމެވި ނިންމެވުމާއި، މިހާރުގެ ރައީސް އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން، އަލުން ކޮމަންވެލްތާ ގުޅޭން ނިންމެވި ނިންމެވުންތަކަކީ ޕޮލިޓިކަލް ކުއެޝްޗަންގެ މަބްދައުގެ ދަށުން، އެ ނިންމެވުންތަކުގެ ސައްހަކަން ބެލުމުގެ އިޚްތިސާސު ފަނޑިޔާރުގެއަށް ލިބިގެން ނުވާ ކަންކަމެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޤަޠަރާއި އީރާނާ ގުޅުން ކަނޑައިލުމަށް ނިންމެވި ނިންމެވުންތަކެވެ.

ރައްޔިތުންގެ މަޖިލިހުން ކުރައްވާ ކަންކަމުގެ ތެރެއިން، "ޖަސްޓިޝިއެބިލިޓީ" އާއި "ޕޮލިޓިކަލް ކުއެޝްޗަން"ގެ އުސޫލުތަކުގެ ދަށުން، ފަނޑިޔާރުގެއަށް ނުބެލޭނެ ކަންކަމުގެ ތެރޭގައި ހިމެނެނީ މަޖިލިހުގެ އިދާރީ ނިޒާމާއި، މަޖިލިހުގެ މަސައްކަތް ކުރުމުގައި ގެންގުޅޭ އިޖުރާއާތުތައް ފަދަ، މަޖިލިހުގެ އެތެރޭގެ އެންމެހައި ކަންކަމެވެ. މި އުސޫލު ދިވެހި ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ)ގައި ސަރީހަ ގޮތެއްގައި އެކަށައަޅައިފައި ވެސް ވެއެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލިހުގެ އިދާރީ ކަންކަން އެ މަޖިލިހުން ކަނޑައަޅާ ގޮތްތަކާއި، މަޖިލިހުގެ ސަބްސްޓޭންޓިވް މަސައްކަތުގެ ތެރެއިން، މަޖިލިހުގެ ޖަލްސާތައް ބާއްވާނެ ދުވަސްތައް ކަނޑައެޅުމާއި، މަޖިލިހުގެ ޖަލްސާތަކުގެ ދިގުމިނާއި، މެންބަރުންނަށް ބަހުސުގައި ބައިވެރި ވާން ފުރުސަތު ދެވޭނެ އުސޫލުތައް ފަދަ ކަންކަމުގައި، މަޖިލިހުން އަމަލު ކުރާ ގޮތެއް ސައްހަތޯ ނުވަތަ ނޫންތޯ ބެލުމަށް އެއްވެސް ކޯޓެއްގައި ޤަޟާއީ ޕްރޮސެސްއެއް ނުހިންގޭނެއެވެ. މަޖިލިހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތައް ތަންފީޒު ކުރުމުގެ ގޮތުން، މަޖިލިހުގެ ގަވާއިދުގެ ތެރެއިން މެންބަރުންނާއި މުއައްޒަފުންނާ މެދު އެކަށައަޅާ ކަންކަމާއި ނިންމާ ނިންމުންތަކާއި އަޅާ ފިޔަވަޅުތައް ފަދަ ކަންކަން ވެސް ހަމަ އެ އުސޫލުން ކޯޓަކަށް ނުހުށައެޅޭނެއެވެ. ގާނޫނުތައް ފާސް ކުރުމުގައި މަޖިލިހުން ހިންގާ އިޖުރާއާތުތަކާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ފަދަ ކަންކަމުގައި، މަޖިލހުން ހިންގާ އިޖުރާއާތުތަކަކީ ވެސް ހަމަ މި އުސޫލުން، "ނޮންޖަސްޓިޝިއެބަލް" ކަންކަމެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލިހުގެ އިޖުރާއާތުތައް ހިންގުމުގައި ވެސް، ގާނޫނުއަސާސީއާ ޚިލާފު ކަންތައްތަކެއް ކޮށްފި ނަމަ، އެ ކަންކަން ކޯޓުތަކުން ބެލިދާނެކަމަށް ބައެއް އިލްމުވެރިން ވިދާޅުވާކަން ފާހަގަ ކޮށްލާން ޖެހެއެވެ. މި މަޒުމޫނުން އެކަން ސާފު ވެވަޑައިގަންނަވާނެއެވެ. ހަމައެހެންމެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 13 ޖަނަވަރީ 2009 ގައި، ނަންބަރު 2009/SC-C/02 ގަޒިއްޔާގައި ނިންމެވި ނިންމެވުމުގައި ވެސް ވަނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލިހުގެ އިދާރީ ނިޒާމުގެ ތެރޭގައި ކަންކަން ހިނގާ ގޮތުގެ ސައްހަކަން ކަނޑައެޅުމަށް ޓަކައި ކޯޓަކުން މައްސަލައެއް ނުބެލޭނެކަމަށް އޮންނަ އޮތުމަކީ، އެ މަޖިލިހުގެ ކަންކަން ގާނޫނުއަސާސީއާ ޚިލާފަށް ކުރުން ހުއްދަ ކުރާކުރުމެއް ނޫންކަން ކަނޑައަޅައިފައެވެ.

އުސޫލު ނިކަން ސާފު ނޫންތޯއެވެ!

"ނޮންޖަސްޓިޝިއެބަލް" ކަންކަމުގެ ކެޓަގަރީއަށް ލެވިފައި ހުންނަ މަދު ކަންތައްތަކެއް ފިޔަވައި، ގާނޫނު ހަދާ މަޖިލިހުން ވިޔަސް، ތަންފީޒީ ބާރުން ވިޔަސް، އަދި މިނިވަން މުއައްސަސާޔަކުން ވިޔަސް، ކުރާ ހަމަ ކޮންމެ ކަމެއް، ޖުޑީޝަލް ރިވިޔުގެ މަބްދައުގެ ދަށުން އަދުލުއިންސާފުގެ ކޯޓުތަކަށް ބެލޭނެއެވެ. އޭގެ ތެރެއިން ގާނޫނުއަސާސީއާ ޚިލާފު ކަންކަމާއި، ގާނޫނާ ޚިލާފު ކަންކަން ބާތިލު ކަމަށް ކަނޑައެޅޭނެއެވެ. އަނެއްކާ، މީގައި ސިޔާސީންނަށް ދެރަ ތަންކޮޅަކީ، ކަމެއް "ޖަސްޓިޝިއެބަލް"ތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ޚުސޫމަތެއް އުފެދިއްޖެ ނަމަ، އެ ކަމުގައި ފަހުބަސް ބުނާނީ ވެސް ހަމަ ފަނޑިޔާރުގެއިން ކަމެވެ. ކުރާނީ ކީއްތޯއެވެ؟ ހަމަ ގާނޫނުގެ ހުކުމޭ މި ކިޔާ އުސޫލުގެ ވިޔާނުދާކަމެވެ. މި ކަމަކަށް އޮންނާނެ ހަމައެކަނި ހައްލަކީ ޚުދުމުޚްތާރިއްޔަތެވެ.

"ޖަސްޓިޝިއެބަލް" އެއްވެސް މައްސަލައެއް ކޯޓުތަކުން ބެލުމަށް ހުރަހެއް ނެތް އިރު، އެފަދަ މައްސަލަތަކުގައި ކޯޓުން ނިންމާ ނިންމުމަކީ ދައުލަތުގެ އަނެއް ދެ ބާރާއި، މިނިވަން މުއައްސަސާތަކާއި، ސަލާމަތީ ބާރުތައް ފަދަ ހުރިހާ ފަރާތްތަކަކާއި، އެންމެހައި ރައްޔިތުން އެއަށް ތަބައަ ވުން ވާޖިބު އެއްޗެއް ކަމާއި، އެފަދަ ނިންމުމަކަށް ޗެލެންޖު ކޮށް، ރުޅިވެރިކަން ފައުޅު ކޮށް، އެ ނިންމުން ނިންމީތީ ކޯޓަށް ބިރު ދައްކައި، ފަނޑިޔާރުން ބުލީ ކޮށް، އިންޒާރު ދީ ހެދުމަކީ ޣައިރުދުސްތޫރީ އަދި ޣައިރުގާނޫނީ އަމަލެއް ކަމާއި، އެއީ ނާތަހުޒީބުގެ އިންތިހާ ދަރަޖަކަމާއި، އެފަދަ އަމަލުތައް ކުރާ މީހުންނަކީ ދައުލަތުގެ ޝަރަފުވެރި އެއްވެސް މަގާމެއްގައި ތިބުން ހެޔޮ ނުވާނެ ބައެއްކަން، މިއީ ދިވެހިރާއްޖެ ފިޔަވައި އަޅުގަނޑު ދަންނަ ހުރިހާ ގައުމެއްގައި ބަލައިގެންފައިވާ އުސޫލެވެ.

ބައެއް ގައުމުތަކުގައި "ޖަސްޓިޝިއެބަލް" މައްސަލައެއް ކޯޓަށް ބެލޭނީ، ކޮންމެވެސް ފަރާތަކުން އެ މައްސަލަ ކޯޓަށް ގެނައުމުންނެވެ. މިސާލަކަށް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސުޕްރީމް ކޯޓަށް މައްސަލައެއް ބެލެނީ މި އުސޫލުންނެވެ. ޚުސޫމަތެއް އުފެދި، އެ ޚުސޫމަތު، ކަމާބެހޭ ފަރާތަކުން ކޯޓަށް ހުށައެޅުމުންނެވެ. ނަމަވެސް ބައެއް ގައުމުތަކުގައި، ކޯޓުތަކަށް އަމިއްލަ އިސް ނެގުމުގައި ވެސް، ގާނޫނުއަސާސީއާ ޚިލާފު ވުން ފަދަ ސީރިޔަސް މައްސަލަތައް ބެލެއެވެ. މިސާލަކީ އިންޑިޔާ އާއި ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ސުއޯ މޯޓޯ އުސޫލުގެ ދަށުން މައްސަލަތައް ބަލާބެލުމެވެ. ޚުދު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި ވެސް، ހިނގަމުން ދިޔަ މައްސަލައެއްގައި، ސުއޯ މޯޓޯ އުސޫލުން، ފެޑްރަލް ޖުޑީޝަރީގެ ފިފްތް ސަރކިޓްގެ ކޯރޓް އޮފް އެޕީލުން ވަނީ އިޖުރާއީ ނުކުތާއެއް ނަގައި، އެ ނުކުތާގައި ގޮތް ނިންމައިފައެވެ. މި މައްސަލަ އެމެރިކާގެ ފެޑްރަލް ސުޕްރީމް ކޯޓާ ހަމަޔަށް ދިޔުމުން، ކޯޓުން ވަނީ ސުއޯ މޯޓޯ އުސޫލުން އެ މައްސަލަ ނެގުމަކީ ކޯޓަށް ލާޒިމު ކަމެއް ނޫން ކަމަށް ބުނެފައިމެ، އެއީ ނުކުރެވޭނެ ކަމެއް ކަމަށް ކަނޑަނާޅައި ދޫކޮށްލައިފައެވެ. މި ދަންނަވާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޖަސްޓިސް ބްރިޔަރ އިއްވެވި ކޯޓުގެ ރައުޔު މި ސަފުހާއިން ބައްލަވައިލެއްވޭނެއެވެ.

މި ދެންނެވި ނުކުތާތަކުން ސާފު ވެގެންދާ ގޮތުގައި، ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި، ނުވަތަ "ޖަސްޓިޝިއެބިލިޓީ" އޮންނަ މައްސަލައެއްގައި، ސުޕްރީމް ކޯޓުގެ ނިންމުން ފަހުގެ ނިންމުމަށް، އަދި އެ ކޯޓުގެ ބަސް ފަހުބަހަށް ވުމަކީ ދިވެހިރާއްޖޭގެ ދުސްތޫރުގައި އޮތް އަސްލެއް، ފަސްލެއް ނެތް މާއްދާއެއް ނޫނެވެ. އެއީ މަބްދައުއް ދުސްތޫރިއްޔަތުގެ ދަށުން ގާނޫނުގެ ހުކުމް ހިނގާ، ތަހުޒީބީ މުޖުތަމައުތަކުގައި ބަލައިގެންފައިވާ އާލަމީ މަބްދައެކެވެ. ކުރީންވެސް އަޅުގަނޑު ދެންނެވި ފަދައިން، އެ މަބްދައު ނެތި، ދައުލަތުގެ ސިޔާސީ ބާރުތައް މަހުދޫދު ކުރުމަށް ޓަކައި ތިން ބާރު ވަތްކެއް ނުކުރެވޭނެއެވެ. ގާނޫނުގެ ހުކުމް ގާއިމެއް ނުކުރެވޭނެއެވެ. "ގަވަރންމަންޓް އޮފް ލޯވ" އެއް ނުހިންގޭނެއެވެ. މިނިވަން އަދުލުއިންސާފުގެ ނިޒާމެއް ބިނައެއް ނުކުރެވޭނެއެވެ. ޚުދުމުޚްތާރިއްޔަތު ނުހުއްޓުވޭނެއެވެ. ވިސްނަވާށެވެ! ފަހުބަސް ބުނަނީ ގާނޫނުއަސާސީގެ ބާރު ނަގަހައްޓާ ޝަރުއީ ކޯޓަކުން ކަމުގައި ނުވަނީ ނަމަ، ދެން އެބަސް އިއްވާނީ ގާނޫނުގެ ހުކުމް އެ މީހެއްގެ މައްޗަށް ނުހިނގާ ޚުދުމުޚްތާރު ޑިކްޓޭޓަރެކެވެ. ދިވެހި ފަނޑިޔާރުގޭގައި ހުރި މައްސަލަތައް ހައްލު ކުރާން ޖެހެއެވެ. ފަނޑިޔާރުގެ ކޮރަޕްޝަނުގެ ވަބާއިން ސަލާމަތް ކުރާން ޖެހެއެވެ. ނާގާބިލު ފަނޑިޔާރުން ވަކި ކުރާން ވެސް ޖެހެއެވެ. ނަމަވެސް ދިވެހި ރައްޔިތުން މިއަދު ބުއްދީގެ ލޯތައް ހުޅުވައިގެން ދެކެ، ދެނެގަންނާން ޖެހޭ ހަގީގަތަކީ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި ކުޅެވެމުން މިދަނީ މުޑުދާރު ވެގެންވާ ކުޅިގަނޑެއްކަމެވެ. ފަނޑިޔާރުގޭގެ މައްޗަށް ސިޔާސީ ނުފޫޒު އިހުނަށް ވުރެވެސް ބޮޑަށް ފޯރުވައި، މިނިވަން ފަނޑިޔާރުގެއާއި، ބާރުތައް ވަކި ކުރުމުގެ އުސޫލާއި، ސިޔާސީންގެ މައްޗަށް ވެސް ގާނޫނުގެ ހުކުމް ހިންގުމުގެ މަތިވެރި އުސޫލު ނުރައްކަލުގެ ތެރެޔަށް ވެއްޓިފައި ވާކަމެވެ. އެ އަމަލުތަކަކީ ގާނޫނުއަސާސީގެ މައްޗަށް ކުރެވޭ ބަޣާވާތެއްކަމާއި، އެއީ ގައުމަށް ޚިޔާނާތްތެރިވުމުގެ އަމަލުތަކެއްކަމެވެ. މިނިވަން ފަނޑިޔާރުގެ ކަތިލައި، ފަނޑިޔާރުގޭގެ ލޭ ސިޔާސީންގެ ފައިދޮށަށް އޮހޮރައިލާން ކުރާ މަސައްކަތް މިއަދު ކާމިޔާބު ވެއްޖެ ނަމަ، ދެން ޒަމާނެއްގެ ކޮޅުން ވެސް ހެޔޮ ދުސްތޫރީ ނިޒާމެއް މި ގައުމަށް އަލުން ގެނައުމަކީ އުނދަގޫ ކަމަކަށް ވުން ގާތެވެ. އަޅުގަނޑުމެން ބޭނުން ވަނީ ހެޔޮ ޑިމޮކްރަސީއެއް ނޫންތޯއެވެ؟ ހެޔޮ ޑިމޮކްރަސީ އަކީ ޖަންގަލީގެ ގާނޫނުގެ ކަޅުވިލާތަކުގެ ދަށުގައި، އެކި ފަހަރު އެކި ކޮޅުކޮޅުން ޖެހޭ ތޫފާނީ ވަޔެއް ނޫނެވެ. ހެޔޮ ޑިމޮކްރަސީ އަކީ ސިޔާސީން ވެސް ގާނޫނުގެ ހުކުމުގެ ދަށުގައި ބައިތިއްބައިގެން އަދި ގާނޫނަށް ޖަވާބުދާރީ ކުރުވައިގެން ކުރެވޭ ރައްޔިތުންގެ ވެރިކަމެވެ. ހެޔޮ ޑިމޮކްރަސީއެއްގެ ދިފާއީ ކިއްލާޔަކީ، އަދި ގާނޫނުއަސާސީ އާއި ގާނޫނުއަސާސީން ހިންގާ ގާނޫނުގެ ވެރިކަމުގެ ހިމާޔަތުގެ އައްޑަނަޔަކީ މިނިވަން ފަނޑިޔާރުގެއެވެ.

comment ކޮމެންޓް