ނަދީމްގެ މަރުގެ މައްސަލައިގަ ހިމެނޭ ދެ މީހެއްގެ ބޯ ބާލާފައިވާތީ ދޫކޮށްލަން އެދިއްޖެ

ނަދީމްގެ މަރުގެ މައްސަލައިގެ ހައްޔަރު ކުރި މަފާޒް: އޭނާ ހައްޔަރު ކުރި އިރު އިސްތަށިގަނޑު ވަރަށް ދިގު ނަމަވެސް މިއަދުގެ އަޑުއެހުމަށް ގެނައިއިރު ބޯ ހުރީ ބާލާފައި ---

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބޮލަށް ވަޅި ހަރައި މަރާލި ހއ. ތަކަންދޫ އިބްރާހިމީ ހިޔާ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ދެ މީހެއްގެ ބޯ ބާލާފައިވާތީ އެ ދެ މީހުންގެ ބަންދަށް ލުޔެއް ދިނުމަށް އެދިއްޖެ އެވެ.

ނަދީމްގެ ގަޔަށް ވަޅިހަރައި އޭނާ މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. ދެން ދައުވާ އުފުލާފައިވަނީ ލ. ގަން ވިދާތަރި އަލީ ނިފާޒު އާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

އޭގެތެރެއިން ކުޑަ ކުއްޖާގެ މައްޗަށް ކުރި ދައުވާ ނުބެލޭނެ ކަމަށް ޖުވެނައިލް ކޯޓުން ކުރިން ވަނީ ނިންމާފައެވެ. އެ މައްސަލަ އިސްތިއުނާފު ކުރި ކަމެއް އަދި ނޭނގެއެވެ.

އެ މައްސަލައިގައި މީގެ ކުރިން ބާއްވާފައި ވަނީ އެންމެ އަޑު އެހުމެކެވެ. އެ އަޑުއެހުމަށް ހަތަރު މީހުން ވެސް ދިޔައީ ވަކީލަކު ނުލައެވެ. އެހެން ކަމުން އެ މީހުންގެ އެދުމުގެ މަތިން ވަކީލަކު އައްޔަނު ކުރުމަށް ވަނީ 10 ދުވަސް ދީފަ އެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް އަލުން ފަށާފައި މިވަނީ، އެއް އަހަރާއި ހަތް މަސް ފަހުންނެވެ.

މިއަދުގެ އަޑު އެހުމަށް މުހައްމަދު ކަރަމް ސުހައިލް ފިޔަވައި ދެން ތިބި ތިން މީހުން ވެސް ދިޔައީ ވަކީލުންނާ އެކު އެވެ. މުހައްމަދު މަފާޒު އާއި އަލީ ނިފާޒުގެ ވަކީލަކީ ކްރިމިނަލް ކޯޓުގެ ކުރީގެ ލީގަލް އޮފިސަރ އިބްރާހިމް ޒާހިދެވެ. ހުސައިން ޝާމިންގެ ވަކީލަކީ އައިޝަތު ޝިފާނާ އެވެ.

މިއަދުގެ އަޑު އެހުން ފެށުމާއެކު މުހައްމަދު މަފާޒު އާއި ހުސައިން ޝާމިންގެ ވަކީލުން ވަނީ، މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އެ މީހުންގެ މުވައްކިލުންގެ ބޯ ބާލާފައިވާ ކަން ފާހަގަކުރައްވައި އެ ދެ މީހުންގެ ބަންދަށް ލުޔެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ބޯ ބޭލުމުގެ އިތުރުން ދެން ލިބުނު އެހެން އެއްވެސް އަނިޔާއެއްގެ ތަފްސީލެއް ވަކީލުން ނުދެއްވަ އެވެ. އަދި ލިބުނު އަނިޔާތަކަށް ފަރުވާ ކޮށްފައިވަނީ 48 ގަޑިއިރު ފަހުން ކަން ވަކީލުން ފާހަގަކުރި އެވެ. ދެން ޖަލަށް ގެންދިއުމަށް ފަހު އިތުރު އަނިޔާއެއް ނުކުރާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަން ވެސް ވަކީލުން ފާހަގަކުރި އެވެ.

މަފާޒް އާއި ޝާމިން އަށް އަނިޔާތަކެއް ލިބުނު ކަމަށް ވަކީލުން ފާހަގަ ކުރި ނަމަވެސް ދައުލަތުގެ ވަކީލުން ވަނީ އެ ދެ މީހުންގެ ބަންދަށް ލުޔެއް ދިނުމާ ދެކޮޅު ހައްދަވާފައެވެ. އަދި ޝަރީއަތް ނިމެންދެން އެ މީހުން ހައްޔަރުކޮށްފައި ބެހެއްޓުމަށް އޭރު އަމުރު ކުރި ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަން ވެސް ދައުލަތުގެ ވަކީލް ފާހަގަ ކުރި އެވެ.

މިއަދުގެ އަޑު އެހުމުގައި އެ ދެ މީހުންގެ ބަންދަށް ލުޔެއް ދިނުމަށް ނުނިންމާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި އެވެ. އަދި ބަންދުގައި ތިބޭ މީހުންގެ ސަލަމަތާއި ރައްކާތެރިކަމާއި އެ މީހުން ހާލަތު ދައުލަތުން ކަށަވަރު ކުރަން ޖެހޭނެ ކަމަށާއި، ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތައް މެދުވެރިކޮށް އެކަން ބެލުމަށް ދައުލަތުގެ ވަކީލުންނަށް ގާޒީ ވަނީ އަންގަވާފަ އެވެ. އަދި ދެން އަންނަ އަޑުއެހުމުގައި އެކަމަށް ގޮތެއް ނިންމާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގައި ހިމެނޭ ދެ މީހުންގެ ވަކީލަކަށް، ކުރީގެ ކްރިމިނަލް ކޯޓުގެ މުވައްޒަފެއް ހުރުމުން ދައުލަތުން ވަނީ އެކަން ފާހަގަކޮށް އޭނާއަށް، އެ މައްސަލައިގެ ސިއްރު ލިޔެކިޔުންތަކެއް ލިބިފައި ހުރެދާނެ ކަން ފާހަގަކޮށް އެކަމަށް ގޮތެއް ކަނޑައަޅައިދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް އިބްރާހިމް ޒާހިދު ވިދާޅުވީ އޭނާ ކުރިން މަސައްކަތް ކުރީ އެ މައްސަލަ ބަލާ ސެކްޝަންގައި ނޫން ކަމަށާއި އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް މީގެ ކުރިން ލިބިފައި ނެތް ކަމަށެވެ.

ދައުލަތުން ފާހަގަކުރި އެ ކަން، ކްރިމިނަލް ކޯޓުން ބަލައި ޔަގީން ކުރައްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ. އެ މައްސަލައިގެ ދެން އަޑު އެހުމެއް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކަމަށް އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވި އެވެ.

comment ކޮމެންޓް