އެއްފަހަރާ ތިންފަށްވަރިކުރުން ކުށަކަށް ހަދަން ކޮންގްރެސްއިން ދެކޮޅުހަދައިފި

ތިންފަށް ވަރިއާ ދެކޮޅަށް މުޒާހަރާކުރަނި--

އެއްފަހަރާ ތިންފަށްވަރިކުރުން ކުށަކަށް ހަދަން އިންޑިއާގެ ބީޖޭޕީއިން ޕާލެމަންޓަށް ހުށަހެޅި ބިލާ އެގައުމުގެ އިދިކޮޅު ކޮންގްރެސް ޕާޓީން ދެކޮޅުހަދައިފި އެވެ.

އިސްލާމްދީނުގައި ދެމަފިރިން ވަރިކުރުމަށްފަހު ކައިވެނި ރުޖޫއަކުރެވޭ ނަމަވެސް، ތިން ފަށަށް ވަރި ކުރުމުން ކައިވެނި ރުޖޫއައެއް ނުކުރެވޭނެ އެވެ. ތިންފަށް ވަރި ކުރުމަށްފަހު، ވަރިވި ދެމީހުންނަށް ކައިވެނި ކުރެވޭނީ، ވަރިކުރި އަނބިމީހާ އެހެން ފިރިހެނަކާ ކައިވެނިކޮށް، އޭނާ ކައިރިން ވަރިކުރުމަށްފަހު އެވެ.

އެ ބިލް ޕާލިމަންޓްއަށް ހުށަހެޅުއްވީ ޔޫނިއަން ލޯ މިނިސްޓަރު ރަވީ ޝަންކަރު އެވެ. އެ ބިލް ބަލައިގަތުމަށް 186 މެމްބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް 78 މެމްބަރުން ވޯޓުދެއްވި އެވެ.

އެ ބިލާ ދެކޮޅު ހެއްދެވި ކޮންގްރެސްގެ މެމްބަރު ސަޝީ ތަރޫރު ވިދާޅުވީ މިއީ ވަކި ބަޔަކަށް ޖެއްސުންކުރުމުގެ ގޮތުން ހުށަހަޅާފައިވާ ބިލެއްކަމަށާއި އަދި އޭގައި ނަސްލީ އިމްތިޔާޒްގެ ސިފަތައް ހިމެނޭ ކަަމަށެވެ.

ސަޝީ ވިދާޅުވީ ތިންފަށުން އެއްފަހަރާ ކުރާ ވަރިއަކީ ބާތިލްއެއްޗެއް ސުޕްރީމްކޯޓުން ކަނޑައަޅާފައިވާއިރު އެކަން ޖަލަށް ލާންޖެހޭ ވަރުގެ ކުށަކަށް ހެދުމަކީ މާނައެއް ނެތް ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ބިލްގެ ސަބަބުން މުސްލިމް އަންހެނުންނަށް އެއްވެސް ފައިދާއެއް ނުލިބޭނެ ކަމަށެވެ. އަދި އަނބިމީހާ ދޫކޮށްލުމަކީ ހަމައެކަނި މުސްލިމް ފިރިހެނުން ކުރާ ކަމެއް ނޫން ކަމަށާއި އަދި މިއީ އެހެން ދީންތަކުގެ ފިރިހެނުންވެސް ކޮށްއުޅޭ ކަމެއް ކަމަށެވެ. އެހެންކަމުން ގާނުނު ހަދަން ޖެހޭނީ ހުރިހާ ދީންތަކުގެ އަންހެނުން ހިމާ ހިމާޔަތްކުރުމަށް ކަަމަށް ސަޝީ ވިދާޅުވި އެވެ.

އެ ބިލާ ދެކޮޅު ހެއްދެވި އަކްބަރުއްދީން އޮވައިސީ ވިދާޅުވީ އެ ބިލްގެ ސަބަބުން ފިރިމީހާ ޖަލަށްލުމުން ހުރިހާ ގެއްލުމެއް ލިބޭނީ އަންހެން މީހާއަށް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް