ދަރުމަވަންތަ ހޮސްޕިޓަލް ހިންގަންވީ ކުރިން ރާވާފައި އޮތް ގޮތަށް

ދަރުމަވަންތަ ހޮސްޕިޓަލް. ސެޕްޓެމްބަރު މަހު ބައެއް ޚިދުމަތްތައް ފެށޭވަރުވާނެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސަރުކާރުން ވަރަށް ބޮޑު ޚަރަދެއްކޮށްގެން އިމާރާތް ކުރެވިފައި ހުރި ހޮސްޕިޓަލެކެވެ. ހޮސްޕިޓަލު އިމާރާތް ކުރެވުނީ، ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ވަރަށް އަގު ބޮޑު ކޮށެވެ. އެ ހޮސްޕިޓަލު އިމާރާތް ކުރުމަށް ޚަރަދު ކުރެވުނު ވަރަށް ވުރެ ވަރަށް ބޮޑުތަން އަގު ހެޔޮ ކޮށް އެ ފެންވަރުގައި ހޮސްޕިޓަލެއް އިމާރާތް ކުރެވިދާނެ ކަމުގައި، އެއިރު އޮތް ސަރުކާރުގެ މަސައްކަތަށް ފާޑު ކިއާ ބައެއް މީހުން ބުންޏެވެ. އެ ގޮތަށް ފާޑު ކިއާ ގިނަ މީހުން ވާހަކަ ދައްކަނީ ހޮސްޕިޓަލު އިމާރާތް ކުރުމުގެ ފަރުމާ ކުރުންތަކަށް ބަލާފައެއް ނޫނެވެ. ހޮސްޕިޓަލު އިމާރާތް ކުރުމަށް ދިޔަ ޖުމުލަ ޚަރަދާއި އިމާރާތް ބޭރުން ފެންނަން ހުރި ގޮތަށް ބަލާފަ އެވެ. އެ އިރު ހޮސްޕިޓަލުގެ މަސައްކަތް ނިމިފައި ނުވުމުން ކަމާ ނުބެހޭ ބަޔަކު ހަދަމުންދާ ސަރުކާރުގެ އިމާރާތެއްގެ ތެރެއަށް ވަނުމަށް ހުއްދަ ދިނުމަކީ ދުރު ކަމެކެވެ. ތަނެއްގެ އަގާ ބެހޭ ގޮތުން ސީރިއަސްކޮށް އެއްޗެއް ބުނެވޭނީ ތަނުގެ ކުރެހުން ތަކާއި، ބޭނުންތަކަށް ބަލާފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް ވެސް ކުރިމަތިވީ މިގޮތަށް ނިންމާ ގިނަ އިމާރާތްތަކަށް ކުރިމަތިވާ މައްސަލަ އެވެ. އިމާރާތް ބޭނުން ކުރުމަށް ތައްޔާރުވުމާ އެކު އިމާރާތް ފަރުމާ ކުރުމުގެ ގޯސްތައް ފެންނަން ފެށުމެވެ. އިމާރާތް ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމެވެ. ރާއްޖޭގެ އެންމެ ބޮޑު އޮފީސް އިމާރާތަށް ވެސް މި ބާވަތުގެ މައްސަލައަކާއި ކުރިމަތިވި އެވެ. އިމާރާތް އަލަށް ހުޅުވިގެން އޮފީސްތަކުގެ ޕާޓިޝަންތައް ވެސް ޖަހާފައި ވަނިކޮށް އިމާރާތުގެ އެތެރޭގައި ފެން ބޮޑުވި ކަމަށްވެ އެވެ. އެކަމުގެ ސަބަބުން ބައެއް އޮފީސްތަކުގެ ޕާޓިޝަންތައް ވެސް ހަލާކުވި ކަމުގައިވެ އެވެ. ހުޅުމާލޭގައި އިމާރާތް ކުރެވޭ ފުލެޓްތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން އިމާރާތް ކުރުމުގެ ފެންވަރާއި އިމާރާތާއި ކުރިމަތިވާ މައްސަލަތަކުގެ ވާހަކައިގެ އަޑު އިވުމަކީ ވަރަށް ޢާއްމު ކަމެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި އާ ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ހަވާލު ވުމަށް ފަހު، އެތަނަށް ކުރިމަތި ވެފައި އޮތް ބައެއް ދަތި ތަކާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދެއްކި އެވެ. ކަމާ ބެހޭ ފަރާތުން ފާހަގަ ކުރެވުނު އެއް ކަމަކަށް ވަނީ ހޮސްޕިޓަލުގައި ވަކި ޚާއްޞަ ކަންކަމަށް ތައްޔާރު ކޮށްފައި ހުރި ބައެއް ކޮޓަރިތަކަށް، ބައެއް މެޝިނަރީ ވެއްދެން ނެތުމެވެ. ކޮޓަރިތައް ކުޑަ ކަމުން ނެވެ. މި މަސައްކަތުގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލު ފަރުމާކުރެވިފައި ވަނީ އެންމެ ޒަމާނީ ގޮތަށް، އެންމެ ޒަމާނީ އާލާތު ބޭނުން ކުރާ ގޮތަށެވެ. އެތާގައި ބޭނުން ކުރުމަށް ވިސްނާފައި އޮތީ މި ޒަމާނުގެ އެންމެ ފަހުގެ މެޝިނަރީ އެވެ. އަވައްޓެރި ޤައުމަކުން ހިލޭ އެހީގައި ދޫކުރާ ކުރީ ޒަމާނުގެ މެޝިނަރީ އެތަނަކަށް ނުވެއްދޭނެ އެވެ. ނުވަތަ ކުރީ ޒަމާނުގެ ޑިޒައިނަށް ފަރުމާކޮށް ފައި ހުރި މެޝިނަރީ ވެސް ނުވެއްދި ދާނެ އެވެ. މި ވާހަކާގައި ޙަޤީޤަތެއް އޮވެދާނެ ކަމަށް ޤަބޫލު ކުރެވެ އެވެ. ސަބަބަކީ ބޭރުގެ ތަޖުރިބާ ކާރުންތަކެއް އެހާ ބޮޑު ހޮސްޕިޓަލެއް ފަރުމާ ކުރާ އިރު ސާމާނު ނުވެއްދޭ ވަރުގެ ކުދި ކޮޓަރިތަކެއް ހަދާނެ ކަމަށް ޤަބޫލު ނުކުރެވެނީ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލާ ބެހޭ ގޮތުން މިހާރު ނެރެގެން އުޅޭ އަނެއް ވާހަކަ އަކީ ހޮސްޕިޓަލުގެ ދެތިން ފަންގިފިލާ އެއްގައި ހުރި ކޮޓަރިތަކުގެ އަގު ބޮޑުވާނެ ވާހަކަ އެވެ. ރާއްޖޭގެ ރައްޔިތުންނަށް އެ އަގުގައި ކޮޓަރިތައް ކުއްޔަށް ނުހިފޭނެ ވާހަކަ އެވެ. ހޮސްޕިޓަލު ފަރުމާ ކުރި ފަރާތުގެ ރޭވުމަކަށް ވަނީ އެ ކޮޓަރިތަކަކީ އަތްމަތި ތަނަވަސް މީހުން ނުވަތަ މުއްސަދިން ކުއްޔަށް ހިފުމަށް ތައްޔާރު ކުރެވޭ ކޮޓަރިތައް ކަމުގަ އެވެ. އެ އިރުން އަގު ހެޔޮ ކޮޓަރިތައް ހޯދުމަށް އޮންނަ ކިއޫ ކުޑަ ވާނެ ތީވެ އެވެ. ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ ހެލްތު އިންޝުއަރެންސެއް އޮވެ އެވެ. ކުއްލި އަކަށް ދިމާވާ އެކްސިޑެންޓެއްގައި ހޮސްޕިޓަލަށް އެޑްމިޓު ވުމަށް ބަލި ހާލު މަޖުބޫރު ކޮށްފާނެ އެވެ. އެ މީހުންގެ ބަލި، ދަތުރު ކުރެވޭ ވަރަށް ރަނގަޅު ވާންދެންނެވެ. ބަލިމީހާ އަށް އުދުހުމުގެ ހުއްދަ ޑަކްޓްރު ދީފި ނަމަ، ރާއްޖެ އަށް އަންނަ ބޭރުގެ މިލިނިއަރުން ވެސް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭނެ ކަމަކަށް ނުފެނެ އެވެ. އެ މީހުންގެ އަމިއްލަ ބޯޓާއި އެމްބިއުލެންސް ވަގުތުން ދަތުުރު ކުރުމަށް ހަމަޖެހިފައި އޮންނާނެ ތީވެ އެވެ. މިކަހަލަ ކަންކަމުގައި އަޅުގަނޑު މެން ވިސްނަންވީ ދުރު މުސްތަޤްބަލަށެވެ. ހަމައެކަނި އަދުގެ ޙާލަތަކަށް ނޫނެވެ. ކޮންމެ ބަޔަކު ކުރިއަސް ރަނގަޅަށް ކޮށްފައި އޮތް ކަމެއް ވާނީ ރަނގަޅު ކަމަކަށެވެ. މިހާރު އައިޖީއެމްއެޗުގެ އެގްޒެކެޓިވް ބައިން ކޮޓަރިއެއް ހޯދުން ވަރަށް އުނދަގުލެވެ. ސަރުކާރުގެ ހައިބަތު ހުރި ބޭފުޅަކު އެޑްމިޓް ކުރެވިއްޖެ ނަމަ ބައެއް ފަހަރު އެއް ކޮޓަރި އަށް ވުރެ ގިނަ ކޮޓަރީގެ ބޭނުން ކުރެވެ އެވެ. މިހެންވުމުގެ ސަބަބުން ބަލިވެގެން އެޑްމިޓް ވާނެ ކޮޓަރިއެއް ހޯދުން ވަނީ، އެއްވެސް ގުޅުމެއް ނެތް މީހަކު، ސަރުކާރުން ދޫކުރާ އެޕާރޓުމެންޓެއް މާލެ އިން ހޯދުމަށް ވުރެ ވެސް އުނދަގޫ ކަމަކަށެވެ. އަޅުގަނޑުމެންނަށް މާޒީގައި ތަޖުރިބާ ކުރެވުނު ކަންތައް ތަކުން ޢިބުރަތެއް ޙާޞިލު ކުރަން ވީ އެވެ. މިސާލަކަށް ކުރީގެ ރިޔާސީ ގަނޑުވަރު ނަންގަވާށެވެ.

އާ ޤާނޫނު އަސާސީގެ ދަށުން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބުގައި، ރައީސް ކަމާ ވާދަ ކުރެއްވި ބައެއް ކެންޑިޑޭޓުން އެންމެ އަޑު ހަރުކޮށް ދެއްކެވި އެއް ވާހަކަ އަކީ ރިޔާސީ ގަނޑުވަރަށް ހަދާނެ ގޮތަކާ މެދު ގަ އެވެ. ބައެއް ބޭފުޅުން ޚިޔާލު ކުރެއްވީ އެ ތަން ޔުނިވަރސިޓީ އަކަށް ހެދުމަށެވެ. ރިޔާސީ ގަނޑުވަރު އިމާރާތް ކުރުމަށް ކުރެވުނު ބޮޑު ޚަރަދާ ބެހޭ ގޮތުން ވާހަކަ ދެކެވުނެވެ. އަދި ރިޔާސީ ގަނޑުވަރުގެ ފާޚަނާގައި ހުންނަނީ ރަން އިސްކުރު ކަމަށް ވެސް ބައެއް މީހުން ވާހަކަ ދެއްކި އެވެ. ތެދުފުޅެކެވެ. ރިޔާސީ ގަނޑުވަރު އިމާރާތް ކުރެވިފައި ވަނީ އެތައް މިލިއަން ޑޮލަރެއް ޚަރަދު ކޮށްގެން ނެވެ. އެކަމަކު އެ ތަނަކީ ރާއްޖޭގެ ރައްޔިތުންގެ ތަނެކެވެ. އެ ގަނޑުވަރުގައި އުޅުއްވާ ބޭފުޅަކު އެ މަޤާމުން ވަކިވުމުން ގަނޑުވަރާ އެކު ގެއަށް ވަޑައެއް ނުގެންނެވޭނެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ހުންނަވާ ގެ މުލީއާގެ ވެސް އެ ގެ އިމާރާތް ކުރި ޒަމާނުގައި އިމާރާތް ކުރެވޭނީ ރާއްޖޭގެ ބައިތުލްމާލުން ވަރަށް ބޮޑު ހޭދަ އެއް ކޮށްގެންނެވެ. ކުރީގައި ވެރިކަމުގައި އޮތް ސަރުކާރު ގެ ފަހު އަހަރުގައި މުލީއާގެ ތަޅާލާފައި އެ ބިމުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާނެ ރަސްމީ ގެއެއް އިމާރާތް ކުރާ ވާހަކައިގެ އަޑު ވަރަށް ބޮޑަށް ފެތުރުނެވެ. ދަންނަވަން މިއުޅޭ އެއްޗަކީ ފުރިހަމަ ރިޔާސީ ގަނޑުވަރެއް ނެތުމުގެ އިޙްސާސް ފުރަތަމަ ދުވަހުން ފެށިގެން ވެރިކަމުގައި ތިއްބެވި ބޭފުޅުން ކުރައްވަން ފެެއްޓެވި ވާހަކަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގިފިލާ އެއްގެ އަގު ބޮޑު ކޮޓަރިތަކަށް ދިމާވެގެން މިއުޅެނީ ރިޔާސީ ގަނޑުވަރަށް ދިމާވި ކަހަލަ މައްސަލަ އެކެވެ. އަޅުގަނޑުމެން ނަށް މާޒީގެ ތަޖުރިބާ އިން ޢިބްރަތެއް ޙާސިލު ކުރެވޭނީ ކޮން އިރަކުން ބާވަ އެވެ؟ ދަރުމަވަންތަ ހޮސްޕިޓަލުގެ އެގްޒެކެޓިވް ފަންގިފިލާތަކުގައި ހުރި ކޮޓަރިތައް ކުރީގެ ސަރުކާރުން ރާވާފައި އޮތް ގޮތަށް ކުރިއަށް ގެންދިއުމަށް ބަހައްޓަން ވީ އެވެ. އެ ގޮތަށް ހިންގައިގެން ކާމިޔާބު ނުވެއްޖެ ނަމަ ފަހުން ބަދަލު ކުރުމުގެ ފުރުޞަތު ވެސް އޮންނާނެ އެވެ. ކުރީގެ ސަރުކާރުން ކޮށްފައި ހުރި ބައެއް ކަންތައް ރަނގަޅު ކަމަށް މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ވިދާޅުވަމުން އެބަ ގެންދަވަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލު ކިތަންމެ އަގު ބޮޑުކޮށް އިމާރާތް ކުރެވުނު ކަމުގައި ވިޔަސް ރާއްޖޭގެ ގިނަ ރައްޔިތުން، މިހާރު ދެކެނީ އެ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަކީ ކުރީގެ ސަރުކާރުގެ ރަނގަޅު ނިންމުމެއް ކަމުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް