ފަނޑިޔާރު ހަސަން ނަޖީބުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބު ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި މައްސަލާގައި ވަނީ 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ގއ. އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި އަލީ ޝަމީމަށް ތާއީދު ހޯދުމަށް ހަސަން ނަޖީބު މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

އެއީ ސުލޫކީ މައްސަލައެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ހަސަން ނަޖީބު ހުންނެވީ ގއ. ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓަކަށެވެ. އެއަށްފަހު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އޭނާ ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުއެވެ.

މިއަދު ޖޭއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރު މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށެވެ. ހަމައެހެންމެ އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަ ވެސް ހުށަހެޅިފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ އެ މައްސަލަތައް މާދަމާ އޮންނަ ކޮމިޝަންގެ ޖަލްސާއަށް އެޖެންޑާކުރާނެ ކަމަށެވެ.

comment ކޮމެންޓް