އެލިއާގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގައި 250 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ

އެލިއާ ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގެ ތެރެއިން: 250 އަށް ވުރެ ގިނަ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގައި ރަޖިސްޓްރީވި -- ފޮޓޯ/ އެލިއާ

އެލިއާ އިން މިއަދު ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގައި 250 އަށް ވުރެ ގިނަ ފަރާތަކުން ލޭ ހަދިޔާ ކުރުމަށް ރަޖިސްޓްރީ ކޮށްފި އެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހެވެ. އެލިއާ އަށް 50 އަހަރު ފުރުމާ ގުޅިގެން މީގެ ފަސް އަހަރު ކުރިން ފެށިގެން އެ ދުވަހާ ގުޅިގެން އެ ކުންފުނިން އަންނަނީ، ކޮންމެ އަހަރެއްގެ ޖޫން 15 ވަނަ ދުވަހު ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގަމުންނެވެ.

އެގޮތުން މިއަހަރުވެސް އެލިއާ އާއި މޯލްޑިވްސް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އާ ގުޅިގެން މިއަދު އާޓް ގެލެރީގައި ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ. މިއަދު ހެނދުނު މި ހަރަކާތް ފައްޓަވާ ދެއްވީ، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

އެލިއާގެ އެސިސްޓެންޓް މެނޭޖަރ، އޮޕަރޭޝަންސް، ރައުޝަން ޖަލީލު މިރޭ "ސަން" އަށް ވިދާޅުވީ، ހެނދުނު ފެށި ހަރާކާތް ނިންމާލި އިރު، އާންމުންގެ ބޮޑު ތަރުހީބެއް އެ ހަރަކާތަށް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާނަށް 250 އަށް ވުރެ ގިނަ މީހުން ލޭ ހަދިޔާ ކުރުމަށް ރަޖިސްޓްރީވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަހަރު އަޅުގަނޑުމެން މިއަހަރުގެ ހަރަކާތް ޓާގެޓް ކުރީ، ލޭ ދިނުން ރެގިއުލާ ކުރުމަށްތަކައި އެޅިދާނެ ފިޔަވަޅުތަކަށް. އެގޮތުން ފުރަތަމަ ފަހަރަށް ލޭ ދޭ މީހުން އިތުރު ކުރުމަށްޓަކައި ކޮލެޖްތަކާއި ސުކޫލުތަކުގެ ކުދިންނަށް އަމާޒު ކުރީ،"ރައުޝަން ވިދާޅުވި އެވެ.

އެނާ ވިދާޅުވީ، ހަރަކާތުގައި މިފަހަރު ކޮލެޖްތަކާއި ސުކޫލުތަކުން ގިނަ އަދަދަކަށް ދަރިވަރުން ބައިވެރިވި ކަމަށެވެ.

"ފަސްތްޓައިމް ޑޯނާސް މިފަހަރު ވަރަށް ގިނައިން އައި. ހަރަކާތުގައި ކުރިން ލޭ ދިން މީހުންގެ ތަޖުރިބާތައް ވެސް އަލަށް ލޭ ދިން ކުދިންނާ ހިއްސާ ކުރެވިފައި. މީގެ ކުރިން ބައެއް ކުދިން ބިރުގަނޭ ލޭ ދިނުމަށް. އައިސް ބްރޭކް ކުރިން ޓަގެޓަކަށްވީ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އެލިއާ ލޭ ހަދިޔާ ކުރުމުގައި ބައިވެރިވީ، 170 މީހުންނެވެ. މިދިޔަ އަހަރުގެ ހަރަކާތުގެ އަމާޒަކީ، ލޭ ހަދިޔާކުރުމުގެ މުހިންމު ކަމާ ގުޅޭގޮތުންނެވެ. ބުލަޑް ބޭންކްގައި ހަފަތާއަކު 200 މީހުންގެ ޖާގައިގެ ލޭ ރައްކާކުރެއެވެ.

comment ކޮމެންޓް