ދިވެހިންގެ ރަސްމީ ހެދުމަކީ ކޮބާ؟

މިނިވަން ދުވަހުގެ ޕްރޮގްރާމެއް ހުށަހެޅުމަށް ޕްރެޒެންޓަރުންތަކެއް ގައުމީ ހެދުމުގައި --- ސަން ފޮޓޯ

ރާއްޖޭގެ ރަސްމީ ހެދުމަކީ ކޮން ހެދުމެއް ކަން ރަސްމީ ކޮށް އެގިފައި އޮތުމަކީ ބޭނުންތެރި ކަމެކެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގެ މީހުން އާދަވެގެން ބޭނުން ނުކުރާ ހެދުމެއް ރަސްމީ ހެދުމަކަށް ހަދައިފި ނަމަ އެ ހެދުން ބޭނުން ކުރުން ޢާޢްމު ވެގެން ދިއުމަކީ ދުރުކަމެކެވެ. ރައީސް މައުމޫނުގެ ދިގު ވެރިކަމުގައި ދިވެހިން ރަސްމީ ކަންތައްތަކުގައި ލާ ހެދުމަށް ޤައުމީ ކުލައެއް ޖައްސާ ލެއްވޭތޯ މަސައްކަތެއް ކުރެއްވި އެވެ. އެހެންނަމަވެސް އެ މަސައްކަތްވީ ފެޝަން ޝޯއެއް ބޭއްވުން ކަހަލަ މަސައްކަތަަކަށެވެ. އިހު ޒަމާނުގައި ދިވެހިން ބޭނުން ކުރި ހެދުންތަކުގެ ސްޓައިލަށް ކުދި ކުދި ބަދަލުތައް ގެނައުމަށް ފަހު ޑިޒައިނަރުންގެ ދައްކާލުމެއް ވެސް ބޭއްވުނެވެ. އެހެންނަމަވެސް މި ފަރުމާކުރުންތައް ރީތި ކަމުގައި ވިޔަސް ވައިގައި ހިފާ ގޮތެއް ނުވި އެވެ. ލަފާ ކުރެވޭ ގޮތުގައި މި ކަމުގައި އެންމެން ނަށް ކަމުދާ ގޮތެއް ހޯދަން އެންމެ އުނދަގޫވީ އަންހެނުން ބޭނުން ކުރާނެ ހެދުމެއް ކަނޑައެޅުމުގަ އެވެ.

ކުރީ ޒަމާނު ގައި، ރާއްޖޭގައި އަންހެނުން ތަފާތު ގޮތް ގޮތަށް ހެދުން ލާ ފައިވެ އެވެ. އެ ޒަމާނުގައި ހެދުމަށް އަންނަ ބަދަލުތަކުގައި ތަފާތު ކަންކަން ގުޅިފައިވެ އެވެ. އެ ބައެއްގެ މާލީ ތަނަވަސް ކަމާއި އެބައެއް ދިރިއުޅޭ ސަރަހައްދަކުން ވެސް ހެދުން ލުމަށް ބަދަލު އައިސް ފައިވެ އެވެ. ރާއްޖޭގެ އަންހެނުން ބޭނުން ކޮށްފައި ވަނީ ކަސަބު ބޯވަޅާއި ފޮތި ބޯވަޅު އެޅި ލިބާހާއި ކަނޑިކި އެވެ. އެ ހެދުން މުޅިން ރަސްމީ ވާ އިރު ތިބެނީ ފޭލި އަންދެފަ އެވެ. މާލީ ގޮތުން ތަނަވަސް ނޫން މީހުން ނުވަތަ ބައެއް ޒުވާން އަންހެނުން ބޯވަޅަކާ އި ނުލައި ވެސް ލިބާސް ލިއެވެ. ތިރީގައި ހުންނަނީ ކަނޑިކި އަނދެފަ އެވެ. އުތުރުގެ އަތޮޅުތަކުގެ އަންހެނުން ޢާއްމުކޮށް ލައި އުޅުނީ ފޮތި ބޯވަޅު ލީ ލިބާހެވެ. ހެދުމުގެ ތިރީގައި ކަނޑިކި އެެވެ. ކަނޑިިިކި ފެހުމަށް ޢާޢްމުކޮށް ބޭނުން ކޮށް އުޅުނީ ކަޅު ކުލައިގެ އަލްޕަކާ ފޮއްޗެވެ. މަރުޙޫމު މުޙައްމަދު އަމީނު ދީދީ އަންހެނުންގެ ހެދުމަށް ވަރަށް ބޮޑު ބަދަލެއް ގެންނެވި އެވެ. ފާސްކުރި ހެދުން ރާއްޖެ އަށް ތަޢާރަފް ކުރައްވައިގެން ނެވެ. ފާސްކުރި ހެދުމަކީ މިހާރު އަޅުގަނޑުމެން މި ކިޔާ ދިގު ހެދުމެވެ. ދިގު ހެދުމާއި ވަރަށް ވައްތަރު ކޮށް ފަހާފައި ހުންނަ ހެދުމެއް، އިންޑިއާގައި ސޭޓުން (ސޭޓުން ނަކީ ފިހާރާގައި ތިބޭ ވައްތަރުގެ ސޭޓުން ނެއް ނޫނެވެ. ވަކި ދަރިކޮޅެއް ގެ ބަޔެކެވެ). ނޭ ކިޔާ ދަރިކޮޅެއްގެެ ބައެއް އަންހެނުން ލައެވެ. އެ ހެދުން ލާފައި ތިބޭ މީހުންނަށް ބައެއް ދިމާލުން ބަލާލީމާ ހީ ވަނީ ދިގު ހެދުން ލާފައި ތިބޭ ހެންނެވެ. ރާއްޖޭގެ އަންހެނުންގެ ޤައުމީ ހެދުމެއް ނުވަތަ ރަސްމީ ހެދުމަކީ ވަކި ހެދުމެއްކަން އިޢްލާނު ކުރެވިފައި އޮތް ކަމެއް އެގިފައެއް ނެތެވެ. ފާސްކުރި ހެދުމަކީ، އެ ހެދުން ލާން މަޖުބޫރުވެގެން ލާ ބައެއް އަންހެނުން ބުނާ ގޮތުގައި ވަރަށް އުނދަގޫ ހެދުމެކެވެ. އެހެންނަމަވެސް އެ ހެދުމަކީ ކޮންމެ އަންހެނަކު ލިއަސް ރީތި ހެދުމެއް ކަމަށް ވަރަށް ގިނަ މީހުން އެއްބަސް ވެ އެވެ.

ކުރީ ޒަމާނުގައި ރާއްޖޭގެ ފިރިހެނުން ބޭނުން ކުރީ މުންޑާއި ގަމީހެވެ. ރަސްމީ ތަންތަނަށް ދިއުމަށް ލިބާސް ކިޔާ ގަމީހެކެވެ. ގިރުވާން ފުޅާ ގަމީހެކެވެ. އެ ގަމީސް ވައްތަރު ވަނީ ކުރީގެ ޒަމާނުގައި ފަރަންސޭސި ވިލާތުގެ ބައެއް މީހުން ލީ ވައްތަރުގެ ގަމީހަކާ އެވެ. ނުވަތަ ލިބާހަކާ އެވެ. މަތީ މަޤާމް ތަކުގައި ތިއްބަވާ ވަކި ފެންވަރެއްގެ ވެރިން ރަސްމީ ތަންތަނަށް ވަޑައިގަންނަވާ އިރު، އެ ބޭފުޅުންގެ ލިބާސްކޮޅުގައި ކިނާރި އަޅާ ފައި ހުރެ އެވެ. ވަޒީރު ބޭފުޅުން ނާއި އަތޮޅުވެރިން ނާއި އަދި ވެސް އެފެންވަރުގެ އެހެން ބޭފުޅުންގެ އެވެ. އެބޭފުޅުންގެ ދަރަޖަ އެ ޒަމާނުގެ މީހުންނަށް ލިބާސްކޮޅުގައި އަޅާފައި ހުންނަ ކިނާރި ފަށުން އެގޭނެ އެވެ. މިހާރު ވެސް މެލޭޝިއާގެ ބައެއް ހިސާބުތަކުގައި ރަސްމީ ހެދުމުގައި ކިނާރި ބޭނުން ކުރެ އެވެ.

މި ޒަމާނުގައި ތަފާތު ރަސްމިއްޔާތުތަކަށް ދިއުމަށް ލާންޖެހޭ ހެދުން ދަޢުވަތު ކާޑުގައި ލިޔެފައި އޮވެ އެވެ. ގިނަފަހަރަށް ފިރިހެނުން ކޯޓު ފަޓުލޫނުގައި، ނުވަތަ ގަމީހާ އާއި ޓައީ އާއި ފަޓުލޫނު ގަ އެވެ. ފަހަކަށް އައިސް އަންހެނުން ހަވީރީ ހެދުމެއްގަ އެވެ. ވަރަށް ފަހަކާ ޖެހެންދެން އެންމެ ބޮޑެތި ރަސްމިއްޔާތުތަކަށް ދިއުމަށް އަންހެނުން ލުމަށް އޮންނަނީ ދިގު ހެދުމެވެ. މިހެންވުމާ އެކު ބޮޑެތި ރަސްމިއްޔާތުތަކުގައި އަންހެން ބޭފުޅުން ފެނިގެން ދާނީ ދިގު ހެދުން ނުވަތަ ފާސްކުރި ހެދުމުގަ އެވެ. ޤައުމު ތަމްސީލު ކުރާ ހަފުލާތަކާއި ހުވާކުރުން ކަހަލަ ރަސްމިއްޔާތު ތަކުގައި އަންހެން ބޭފުޅުން ތުރުކުރައްވަނީ ދިގު ހެދުމެވެ. އާދައިގެ ހަފްލާތަކުގައި ހަވީރީ ހެދުމެކެވެ. ސަރުކާރުން ހެދުން ލުމާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑަ ނާޅާ ނަމަ ރާއްޖެ ތަމްސީލު ކުރަން ޖެހޭ ބައެއް ތަންތާގައި ވެސް ބައެއް އިސްވެރިން ނަށް ރާއްޖޭގެ ސަގާފަތާއި ބީރައްޓެހި ހެދުމެއް ލައިގެން ދިއުމުގެ ފުރުޞަތު އެބައޮތެވެ. މިކަަހަލަ ކަންތައްތަކުގައި މާ ބޮޑު މައްސަލަ އެއް އޮންނަނީ އެއް ނޫނެވެ. އަޅުގަނޑުމެން ކަހަލަ، ދިވެހިން، ދިވެހި ވާން ވާނެ ކަމަށް ޤަބޫލު ކުރާ މީހުންނަށް ބަލައިގަންނަން އުނދަގޫވަނީ އެވެ.

ހެދުންލުމުގައި ފަހަކަށް އައިސް ފެންނަ ބަދަލަކީ ވިސްނައިގަންނަން އުނދަގޫ ބަދަލެކެވެ. ޖަލަށް ލެވޭ ސިޔާސީ ބޭފުޅުން ޖަލުން ޝަރުޢީ ކޯޓުތަކަށް ވަޑައިގަންނަވާ އިރު ތިއްބަވަނީ ކޯޓުފަޓްލޫނު ގަ އެވެ. ޖަލާއި ކޯޓާއި ދޭތެރޭގައި ކޯޓު ފަޓުލޫނު ލައްވަން ޖެހޭ ސަބަބެއް ނޭނގެ އެވެ. ކޯޓު ފަޓްލޫނު ލުމަކީ އަޅުގަނޑުމެންގެ ސަގާފަތެއް ވެސް ނޫނެވެ. ކޯޓު ފަޓުލޫނުގައި އެބޭފުޅުން ވަޑައިގަންނަވަން ޖެހެނީ ކޯޓުން އަންގަަވައިގެން ކަމުގައި ވަނީ ނަމަ އެއީ މައްސަލަ އެކެވެ. އެ ބޭފުޅުން ކޯޓު ފަޓްލޫނުގައި ވަޑައިގަންނަވަން ޖެހެނީ ޖަލު ބަލަހައްޓާ މީހުންގެ އެންގުމަކަށް ކަމުގައި ވަނީ ނަމަ އެއީ ވެސް ވަރަށް ބޮޑު މައްސަލަ އެެކެވެ. އެބޭފުޅުން ކޯޓު ފަޓުލޫނުގައި ވަޑައިގަންނަވާ ގޮތަށް ހަމަޖައްސާ ފައި، ވަނީ ޖަލުގެ ބަންދުގައި ތިބި އެހެން ޤައިދީންނާ ޚިލާފަށް ކަމުގައި ވަނީ ނަމަ އެއީ ވެސް ވަރަށް ބޮޑު މައްސަލަ އެކެވެ. ސިޔާސީ ލީޑަރަކަށް ވީތީވެ، އެހެން ޤައިދީން ނާއި ތަފާތު ގޮތަކަށް ކަންތައް ކުރެވޭ ކަމަށް ބެލެވިދާނެ ތީ ވެ އެވެ. ހޫނު ގަދަ އިރު ކޯޓު ފަޓް ލޫނު ލައްވައިގެން ޖަލު ލޯންޗުގައި ނުވަތަ ފުލުސް ލޯންޏުގައި ކޯޓާއި ޖަލާ ދޭތެރޭގައި ލީޑަރުން ދަތުރު ކުރައްވާ ގޮތަށް ހަމަޖެއްސުމަކީ އަޅުގަނޑުގެ ނަޒަރުގައި އެ ބޭފުޅުންނަށް ދޭ އިތުުރު އަދަބެކެވެ.

ކޯޓު ފަޓްލޫނު ލުމުގެ ކަންތައް މިހާރު މިއޮތީ ރައްޔިތުންގެ މަޖިލީހާއި ހަމައަށް ވެސް ގޮސްފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ރިޔާސަތު ބަލަހައްޓަވާ ބޭފުޅުން ކޯޓު ފަޓުލޫނުގައި ތިއްބަވާ ގޮތަށް ހަމަޖެއްސެވީ ފާއިތުވި މަޖިލީހުގެ ފަހު ކޮޅުގަ އެވެ. ރިޔާސަތު ބަލަހައްޓާ މީހެއްގެ ހައިބަތު ދެއްކުމަށް ކަމަށް ވެދާނެ އެވެ. މީހެއްގެ ހައިބަތު ދައްކަނީ ހަމައެކަނި ކޯޓު ފަޓުލޫނުން ބާވަ އެވެ. ދާދި ފަހުން ރަސްމީ ދަތުރުފުޅެއް ނިންމަވާ ލެއްވި އިންޑިއާގެ ބޮޑުވަޒީރު ހުންނެވީ ކޯޓު ފަޓުލޫނަކު ނޫނެވެ. އެކަމަކު އަޅުގަނޑަށް އެ މަނިކުފާނު ފެނުނީ ވަރަށް ހައިބަތު ހުރި ބޭފުޅެއްގެ ގޮތުގަ އެވެ. އެ ދަތުރުފުޅަށް ފަހު ދަތުރުފުޅެއް ނިންމަވާ ލެއްވި ސްރީލަންކާގެ ކުރީގެ ރައީސްގެ ދަރިކަލުން ވެސް ހުންނެވީ ކޯޓު ފަޓުލޫނަކު ނޫނެވެ. އެކަމަކު އެ މަނިކުފާނު ވެސް އަޅުގަނޑަށް ފެނުނީ ވަރަށް ހައިބަތު ހުރި ބޭފުޅެއްގެ ގޮތުގަ އެވެ.

ހުޅަގާ ގުޅޭ ކޮންމެ ކަމެއްގައި ހައިބަތު ބޮޑުކަމަށް އަޅުގަނޑުމެންނަށް ފެންނަނީ ކީއްވެ ބާވަ އެވެ؟ ކޮން ލޮލަކުން ބެލީމާ ބާވަ އެވެ؟

comment ކޮމެންޓް