ކުރިކެޓު މެޗާ ދިމާކޮށް ޕާކިސްތާނުން އިންޑިއާގެ ޕައިލެޓަށް މަލާމަތްކޮށް ރުޅިއަރުވާލައިފި

އިންޑިއާގެ ލަޝްކަރީ ޕައިލަޓާއި އޭނަ ވައްތަރު އެހެން މީހެއް --- ފޮޓޯ/ބީބީސީ

މިހާރު ކުރިއަށްދާ ކުރިކެޓު ވޯލްޑް ކަޕުގެ ފޯރި މުޅި ދުނިޔޭގައި ހިތްޕާލާފައިވާ އިރު އިންޑިއާއާއި އެ ގައުމާއި އެންމެ ވާދަވެރި ޕާކިސްތާން ބައްދަލު ކުރާ މެޗު ކުރިއަށް އޮއްވާ ޕާކިސްތާނުން އިންޑިއާގެ ޕައިލަޓަށް މަލާމަތް ކުރުމުގެ ގޮތުން އިސްތިހާރެއް އާއްމު ކޮށްފި އެވެ.

ދާދި ފަހުން އިންޑިއާއާއި ޕާކިސްތާނާ ދެމެދު ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ އެތައް ބައެއްގެ ފުރާނަ ވެސް ދުއްވާލައިފަ އެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި އިންޑިއާގެ ލަޝްކަރީ މަތިންދާ ބޯޓެއް ވެސް ޕާކިސްތާނުން ވަނީ ހަމަލާދީ ވައްޓާލައިފަ އެވެ. އެއަށް ފަހު އެ ބޯޓު ދުއްވަން އިން ޕައިލެޓު ކަމަށްވާ އަބިނަންދަމް ވަރްތަމަން ވަނީ ރަހީނުކޮށްފައެވެ.

ނަމަވެސް ދެ ގައުމުގެ މެދުގައި ހިނގި ހަމަނުޖެހުން ސުލްހަ ކުރުމުގެ ގޮތުން ޕާކިސްތާނުން ވަނީ އިންޑިއާގެ ޕައިލެޓް މިނިވަންކަމާ އެކު ދޫކޮށްލާފަ އެވެ. އަދި އެއަށްފަހު ދެ ގައުމުގެ ގުޅުން އާއްމު ހާލަތަށް އައި އިރު އަނެއްކާ ވެސް މިވަނީ ދެ ގައުމުގެ ދެމެދުގައި ވާދަވެރިކަން އުފެދިފަ އެވެ. ނަމަވެސް މިފަހަރު އެ ވާދަވެރިކަމަކީ ކުޅިވަރުގެ ރޫހުގެ ސަބަބުން އުފެދިފައިވާ ވާދަވެރި ކަމެކެވެ.

މި ދެ ޓީމުގެ ކުރިމަތިލުން މި މަހުގެ 16 ވަނަ ދުވަހު އޮތް އިރު ދެ ގައުމުން ވެސް ދަނީ އެއްބަޔަކު އަނެއް ބަޔަކަށް ކުރިކެޓުގެ ފޯރި އިތުރު ކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ. އެގޮތުން ޕާކިސްތާނުން ވަނީ އިންޑިއާގެ ޕައިލެޓް އަބިނަންދަމްގެ ސިފައަށް އެހެން މީހެއް ބޭނުން ކޮށްގެން އިސްތިހާރެއް ކުޅެފަ އެވެ.

ނަމަވެސް އިންޑިއާގެ ގިނަ ބަޔަކު މި އިޝްތިހާރުގެ ސަބަބުން ރުޅި ގަދަވެފައިވާ އިރު ޕާކިސްތާނުން ބުނީ އެއީ އިންޑިއާއަށް މަލާމަތް ކުރުމަށް ހެދި އިސްތިހާރެއް ނޫން ކަމަށެވެ.

މި އިޝްތިހާރުގައި ޕައިލެޓުގެ ސިފައިގައި ހުރި މީހާ ހުންނަނީ ޕާކިސްތާނު ގައުމީ ކުރިކެޓް ޓީމުގެ ޖާޒީއެއް ލައިގެންނެވެ. އަދި އަބިނަންދަމް ޕާކިސްތާނުން ރަހީނު ކޮށްފައި ހުރި އިރު އޭނާއަށް އިންޑިއާއާއި މުއާމަލާތު ކުރަން ދިން ފުރުސަތުގައި ކަންތައް ކުރި ގޮތަށް މި އިސްތިހާރުގައި ވަނީ ޖޯކް ޖަހައިފަ އެވެ.

އިންޑިއާއިން މިކަމުގެ ރައްދުގައި އަދި ކަމެއް ކުރި ކަމެއް ނޭނގެ އެވެ. ނަމަވެސް އެ ގައުމުގެ ބައެއް މީހުން ދަނީ ޕާކިސްތާނުން މި ހިންގި އަމަލު ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ.

comment ކޮމެންޓް