ރާއްޖޭގެ ކުރިކެޓަށް އެހީތެރިވެދޭތީ ސަޗިންގެ ތައުރީފު މޯދީއަށް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ކުރިކެޓު ބެޓެއް ހަދިޔާ ކުރައްވަނީ --- ފޮޓޯ/މޯދީގެ ޓްވިޓާ

މިހާރު ކުރިއަށްދާ ކުރިކެޓު ވޯލްޑް ކަޕާއި ދިމާކޮށް އެ ކުޅިވަރު ޕްރޮމޯޓްކޮށް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާތީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް އެ ގައުމުގެ ކުރީގެ ބެޓްސްމަން އަދި އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސަޗިން ޓެންޑުލްކާ ތައުރީފު ކޮށްފި އެވެ.

މޯދީ ދާދި ފަހުން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ހަދިޔާ ކުރެއްވި ކުރިކެޓު ބެޓަކާ އެކު ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ވަނީ އައިސްފަ އެވެ. ކުރިކެޓު ވޯލްޑް ކަޕުގައި ވާދަ ކުރަމުން އަންނަ އިންޑިއާގެ ގައުމީ ޓީމު ކުޅުންތެރިން ސޮއެ ކޮށްފައިވާ މި ބެޓުގެ ސަބަބުން ކުރިކެޓު ރާއްޖޭގައި ކުރި އެރުވުމަށް އިންޑިއާއިން ފުރިހަމަ އެހީތެރިކަން ދޭނެ ކަން ވަނީ ޔަގީން ވެފަ އެވެ.

ކުރިކެޓު ބެޓު ރައީސް ސޯލިހުއަށް ހަދިޔާ ކުރައްވަމުން މޯދީ ކުރެއްވި ޓްވީޓާ އެކު ގިނަ ބައެއްގެ ތައުރީފު ވަނީ އިންޑިއާގެ ބޮޑު ވަޒީރަށް ލިބިވަޑައިގެންފަ އެވެ. އެގޮތުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބެޓްސްމަން ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ އިންޑިއާގެ ކުރީގެ ކެޕްޓަން ސަޗިން ޓެންޑުލްކާ ވެސް މޯދީއަށް ތައުރީފު ކޮށް ޓްވީޓެއް ކޮށްފަ އެވެ.

އެ ޓްވީޓްގައި ސައްޗިން ބުނީ ކުރިކެޓު ވޯލްޑް ކަޕާއި ދިމާކޮށް އެ ކުޅިވަރު ކުރިއެރުވުމަށް މޯދީ ކުރައްވަމުންދާ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ދުނިޔޭގެ ކުރިކެޓު ޗާޓުން ދިވެހި ރާއްޖެ ވަރަށް އަވަހަށް ފެންނާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

ރާއްޖޭގައި ކުރިކެޓު ކުރިއެރުވުމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަނީ ބޮޑެތި މަސައްކަތްފުޅުތަކެއް ކުރައްވަމުންނެވެ. އެގޮތުން އިންޑިއާގެ އެންމެ ބޮޑު ކުރިކެޓު މުބާރާތުގެ ފައިނަލް ބައްލަވާލަން ގޮސް އެގައުމުގެ ކުރިކެޓުގެ ބޮޑުންނާއި ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި އެއަށްފަހު އެ ގަައުމުގެ ކުރިކެޓު ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް ވެސް ވަނީ ރާއްޖެ ގެނެސް ރާއްޖޭގެ ގައުމީ ޓީމާ އެކު މެޗެއް ވެސް ކުޅެފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ކުރިކެޓު އެސޯސިއޭޝަން ގެ ވަފުދެއް ވެސް ވަނީ ދާދި ފަހުން ރާއްޖެ އައިސް ކުރިކެޓަށް ބޭނުންވާ ކަންކަން ދިރާސާ ކުރައްވާފަ އެވެ.

comment ކޮމެންޓް