ޓެރަރިޒަމާ ދެކޮޅަށް އިންޑިއާ، ރާއްޖެ، ލަންކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ: ރަނިލް

ކޮލަމްބޯގެ އެއާޕޯޓުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ވިދާޅުވީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ -- ފޮޓޯ: ޓުވިޓާ

ކޮލަމްބޯ (ޖޫން 11): މިސަރަހައްދުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް އިންޑިއާ، ރާއްޖެ އަދި ސްރީލަންކާއިން ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ބޮޑުވަޒީރު އެފަދައިން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އާދިއްތަ ދުވަހު ލަންކާއަށް ވަޑައިގެންނެވި ފަހުންނެވެ.

ރަނިލް ވިދާޅުވި ގޮތުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މިސަރަހައްދުގެ ސަލާމަތަށްޓަކައި އިންޑިއާ، ރާއްޖެ އަދި ލަންކާއިން ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ. އަދި އޭނާ ވަނީ އިންޑިއާއިން ލަންކާގެ ފައުޖުތަކަށް ކައުންޓާ ޓެރަރިޒަމް ޓްރެއިނިން އާއި ލޮޖިސްޓިކަލް އެހީ ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

"އެދަތުރުފުޅުގައި އަޅުގަނޑުމެން ވަނީ ލަންކާ، އިންޑިއާ އަދި ރާއްޖެއިން ވާހަކަދައްކައިގެން މިސަރަހައްދުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ. އަދި އަޅުގަނޑު ވަނީ އިންޑިއާއިން ލަންކާގެ ސަލާމަތީ ފައުޖުތަކާ އެކު މަސައްކަތްކޮށް، ކައުންޓާ ޓެރަރިޒަމް ޓްރެއިނިން އާއި ލޮޖިސްޓިކަލް އެހީ ފޯރުކޮށްދިނުމަށް އެދިފަ،" ރަނިލް ވިދާޅުވި އެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ލަންކާ އާއި އިންޑިއާއިން ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމާ ބެހޭ ގޮތުންނާއި ލަންކާގެ ޖަފްނާ އާއި ބަޓިކަލޯގައި ދެ ގައުމުން ގުޅިގެން އެއާޕޯޓު ތަރައްގީ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހު ލަންކާއަށް ވަޑައިގެންނެވުމުން އެގައުމުން މަރުހަބާ ވިދާޅުވީ ރަނިލް އެވެ. ބޮޑުވަޒީރުގެ އޮފީހުގައި މަސައްކަތް ކުރާ ފަރާތަކާ ހަވާލާދީ ޑެއިލީ މިރާގައިވާ ގޮތުން ރަނިލް އެފަދައިން އަމަލު ކުރެއްވީ ޕްރޮޓޮކޯލާ ހިލާފަށެވެ. ސަބަބަކީ މޯދީއަށް މަރުހަބާ ވިދާޅުވާން ރައީސް މައިތިރިޕާލާ ސިރިސޭނާ އެންގެވީ ހައުސިން މިނިސްޓަރަށް ކަމަށްވާތީ އެވެ.

ޑެއިލީ މިރާގައިވާ ގޮތުން މޯދީއަށް މަރުހަބާ ވިދާޅުވުމަށް ރަނިލް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުގެ އެދުމުގެ މަތިންނެވެ.

އެދަތުރުފުޅުގައި މޯދީ ވަނީ ސިރިސޭނާ އާއި އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސައާވެސް ބައްދަލުކުރައްވާފަ އެވެ. އަދި މިދިޔަ އޭޕްރިލް މަހު ލަންކާގައި ދިން ބޮމުގެ ހަމަލާގެ އަމާޒަކަށްވީ ސެއިންޓް އެންތަނީސް ޗާޗަށް ޒިޔާރަތް ކުރައްވާފަ އެވެ. މޯދީއަކީ އެހަމަލާތަކަށް ފަހު އެގައުމަށް ވަޑައިގެންނެވި ބޭރު ގައުމަކަށް ނިސްބަތްވާ ފުރަތަމަ ލީޑަރެވެ.

comment ކޮމެންޓް