ވިކްޓަރީއިން އޭއެފްސީގެ ލައިސަންސް ފުރިހަމަ ކޮށްފި

މާލޭ ލީގުގެ ދެވަނަ ބުރުގައި ވިކްޓަރީއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސް --- ފޮޓޯ/ އެފްއޭއެމް

ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ އާއި އުޖޫރަ ނުދީ ހުރުމުގެ ސަބަބުން މިއަހަރުގެ ފުޓުބޯޅަ ސީޒަނުން ސަސްޕެންޑު ވެދާނެ ކަމުގެ ބިރު ހީވެފައި އޮތް ވިކްޓަރީ އިން، ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ޙަލާސްކޮށް އޭއެފްސީގެ ލައިސަންސް ފުރިހަމަ ކޮށްފި އެވެ.

އެފްއޭއެމް އިން މިއަހަރު ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުން މި އަހަރުގެ ސީޒަނުގައި ވާދަ ކުރާ ކުލަބުތައް ވާން ޖެހޭނީ އޭއެފްސީގެ ލައިސަންސް ފުރިހަމަ ކޮށްފައިވާ ކުލަބުތަކަށެވެ. ނަމަވެސް ކުޅުންތެރިންގެ މުސާރައިގެ މައްސަލައެއް ޖެހިފައި އޮތް ކުލަބުތަކަށް އެ ފުރުސަތު ނުދޭނެ ކަމަށް އެފްއޭއެމް އިން ވަނީ ކުރިން ވެސް ބުނެފަ އެވެ.

އެގޮތުން މިއަހަރުގެ ދިވެހި ލީގުގައި ނަން އޮތް ކުލަބު ތަކުގެ ތެރެއިން ވިކްޓަރީ އަކީ އެ މައްސަލަ ދިމާވެ ބޮޑު އަދަދަކުން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ އޮތް ކުލަބެކެވެ. ނަމަވެސް އެ ކުލަބުން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ކުރިން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަން ޙަލާސްކޮށް އެފްއޭއެމްއަށް އޭއެފްސީ ލައިސަންސް ހޯދުމަށް ހުށައަޅައިފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ވިކްޓަރީއަށް ކުޅުނު ޖަޕާން މިޑްފީލްޑަރު ޝިމޯނޯ އަށް ދޭން ޖެހޭ ފައިސާ ހަލާސްކޮށްފައިވާ ކަމަށާއި މިދިޔަ ސީޒަނުގެ މުސާރަ ނުލިބިގެން އެފްއޭއެމް އަށް ސިޓީ ލާފައިވާ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަން ވެސް ވިކްޓަރީ އިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ކުޅުންތެރިންނާ އެކު އެއްބަސްވެފައި ވަނީ 50 ޕަސެންޓް މުސާރަ ވަގުތުން ދިނުމަށް ފަހު ބާކީ ބައި ޑޭޓެއް ޗެކަކުން ހަމަޖައްސައި ގޮތައް ކަމަށް ވެސް އެ ކުލަބުން ބުނެ އެވެ.

ވިކްޓަރީގެ އޭއެފްސީގެ ލައިސަންސާ އެކު މި އަހަރުގެ ދިވެހި ލީގުން ނުވަ ޓީމެއް ފެންނާނެ އެވެ. ނަމަވެސް ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައި ސަސްޕެންޑުކޮށްފައިވާ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މިއަހަރުގެ ފުޓުބޯޅަ ސީޒަނުން ނުފެންނާނެ އެވެ.

comment ކޮމެންޓް