ބްރައިޓް ޗެލެންޖް ކަޕް 2019: ލެޖެންޑް ބަލިކޮށް ޔަންގްސްޓާސްއިން ތަށި ދިފާއު ކޮށްފި

ބްރައިޓް ޗެލްންޖު ކަޕުގެ ޗެމްޕިއަންކަން ޔަންގްސްޓާސްއިން ހޯދުމަށްފަހު --- ފޮޓޯ/ ބްރައިޓް ކުލަބް

އއ. ތޮއްޑޫގެ ބްރައިޓް ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި ބްރައިޓް ޗެލެންޖް ކަޕުގެ ފައިނަލުގައި ރޭ ޓީމް ލެޖެންޑް ބަލިކޮށް ޔަންގްސްޓާސްއިން އެ މުބާރާތުގެ ތަށި ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފިއެވެ.

ތޮއްޑޫ އުތުރު އަވަށު ދާގަބާ އެރީނާ ދަނޑުގައި ރޭ ކުޅުނު އެ މެޗު ޔަންގްސްޓާސްއިން ކާމިޔާބު ކުރީ 0-5 ގެ ބޮޑު ނަތީޖާއަކުންނެވެ. ވޭތުވެ ދިޔަ އަހަރުގެ ވެސް ޗެމްޕިއަންކަން ހޯދި ޔަންގްސްޓާސްއިން މިފަހަރުގެ މި ތަށި ހޯދީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ.

ބްރައިޓް ޗެލްންޖް ކަޕުގައި ރޭ ކުޅުނު ފައިނަލުގައި ބައްދަލު ކުރި ދެ ޓީމުގެ ކެޕްޓަނުންނާއި މެޗުގެ އޮފިޝަލުން --- ފޮޓޯ/ ބްރައިޓް ކުލަބް

ޔަންގްސްޓާސްއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ޔުނިކް އެފްސީ 0-3ގެ ނަތީޖާއަކުން ބަލި ކުރުމަށްފަހުއެވެ. ޔަންގްސްޓާސްއިން މުބާރާތުގެ ފުރަތަމަ މެޗުގައި އެއްވަރުވީ ނަމަވެސް އޭގެ ފަހުން ކުޅުނު ހުރިހާ މެޗެއްވެސް އެ ޓީމުން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.

ޓީމް ލެޖެންޑުން މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ވޭތުވެ ދިޔަ އަހަރުގެ ރަނަރަޕް ހެލޯ ބޭބީސް ބަލިކުރުމަށްފަހުއެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމަށްވެސް ގޯލެއް ޖެހިފައި ނުވާތީ ޖެހި ޕެނަލްޓީ ލެޖެންޑުން ކާމިޔާބުކުރީ 2-4 އިންނެވެ.

ރޭގެ ކުޅުނު ފައިނަލު މެޗު ފެށިގެން ނިމެންދެންވެސް ގިނައިރު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނީ ޔަންގްސްޓާސްއިންނެވެ. އެ ޓީމުގެ ހުނަރުވެރި ޒުވާން ކުޅުންތެރިންގެ ހަލުވި ކުޅުމާއެކު ލެޖެންޑުގެ ޑިފެންސް ރޫޅިފައި އޮތް އިރު އެކަމުގެ ފައިދާ ނަގައި ޔަންގްސްޓާސްއިން ވަނީ އެ މެޗުގައި "ގޯލު ފުންޏެއް" ޖަހައިފަ އެވެ.

ޔަންގްސްޓާސްއިން ރޭގެ މެޗުގައި ޖެހި ގޯލުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އަންޝާދު އަދި ހަސަން މުއާންގެ އިތުރުން އަހުމަދު އައިހަމް އެވެ. އައިހަމް ވަނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ދެ ގޯލު ޔަންގްސްޓަސްއަށް ޖަހައިދީފައެވެ.

ބްރައިޓް ޗެލެންޖް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު އައިހަމް އަށް ޓްރޮފީ ހަވާލު ކުރަނީ --- ފޮޓޯ/ ބްރައިޓް ކުލަބް

މީގެ އިތުރުން އޭނާ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމުވެސް ހޯދައިފައެވެ.

މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ޔަންގްސްޓާސްގެ ހަސަން ރާއިފް އަހުމަދު ހޮވުނި އިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޓީމް ލެޖެންޑުގެ އަހުމަދު ތަސްމީނެވެ. އެންމެ ގިނަ ގޯލު ޖަހައިގެން ޓޮޕް ސްކޯރާއަކަށް އިބްރާހިމް އުޝާމަތު ހޮވުނު އިރު އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ލަޔަންގެ މޫސާ ސާއިން ހަނީފެވެ. އަދި އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އެފްސީ ލެޖެންޑުގެ ޒައިދާން އަހުމަދެވެ.

މިއަހަރުގެ މުބާރާތުން އެއްވަނައަށް ދިޔަ ޓީމަށް 45،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާ އިރު ރަނަރަޕް ޓީމަަށް ވެސް ވަނީ 15،000 ރުފިޔާ ދީފަ އެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކުޅުންތެރިޔާއަށް ވަނީ 25،00 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

ބްރައިޓް ޗެލެންޖް ކަޕަކީ ތޮއްޑޫގެ ޒުވާނުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއެކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމެވެ.

comment ކޮމެންޓް