މާދަމާއަކީ އީދު ދުވަސް ކަމަށް ކަނޑައަޅައިފި

ހަނދު ސާބިތުކުރުމަށް ކުރީ އަހަރެއްގައި އިސްލާމިކް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ---- ސަން ފޮޓޯ

މާދަމާއަކީ މިއަހަރުގެ އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ޝައްވާލު މަހުގެ ހަނދާ ބެހޭ ގޮތުން އިއްވި ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީއާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާ ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައިވާތީ، މާދަމާ 04 ޖޫން 2019 ވާ އާދީއްތަ ދުވަހަކީ 1440 ވަނަ އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައިފި ކަމަށެވެ.

ދިވެހިރާއްޖޭގެ އުތުރުގެ ރަށްތަކަށް ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާފައި ވަނީ މިއަދުގެ އިރުއޮއްސުމުގެ ތިން މިނެޓް ފަހުންނެވެ. މާލެއާއި އައްޑު އަތޮޅަށް ހަނދު އޮއްސޭނެ ކަމަށް ހިސާބުތަކުން ދައްކާފައިވަނީ އިރުއޮއްސުމުގެ ހަތަރު މިނެޓް ފަހުންނެވެ.

ސަޢުދީ ޢަރަބިއްޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތު ދޭ ގޮތުގައި އެ ގައުމުގެ ތުމައިރަށް މިއަދު ވަނީ ހަނދު ފެނިފައެވެ.

މާތްވެގެންވާ މައްކާއަށް ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާފައިވަނީ އިރުއޮއްސުމުގެ 6 މިނެޓް ފަހުންނެވެ.

comment ކޮމެންޓް