ނިއުރޭޑިއަންޓާ އެކު ވިކްޓަރީ ވެސް ދިވެހި ލީގުން ގެއްލުމުގެ ބިރު ބޮޑު ވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީއާއި ބ. ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކުލަބު ނިއުރޭޑިއަންޓުގެ ސަސްޕެންޝަނާ އެކު މި އަހަރުގެ އެއްވެސް ފުޓުބޯޅައިގެ ހަރަކާތަކުން އެކުލަބުން ނުފެންނާނެ ކަން ޔަގީންވެފައި ވަނިކޮށް، ވިކްޓަރީ ސްޕޯޓްސް ކުލަބަށް ވެސް އެފަދަ ސަސްޕެންޝަނެއް އައިސް ލީގުން ގެއްލިދާނެ ކަމުގެ ބިރު ބޮޑު ވެއްޖެ އެވެ.

ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައާއި އިނާޔާތްތައް ނުދީ ގިނަ ދުވަސްތަކެއް ވެފައި ވާތީ ވިކްޓަރީއަށް ވެސް އެފްއޭއެމް އިން ވަނީ އެކި ފަހަރުތަކެއްގެ މަތިން އެކަން ނިންމާ ޙަލާސް ކުރުމަށް މުހަލަތުތަކެއް ދީފަ އެވެ. މީގެ ކުރިން ސަސްޕެންޑު ކުރި ނިއުރޭޑިއަންޓަށް ވެސް ދިމާވީ ހަމަ އެ މައްސަލަ އެވެ.

މިދިޔަ މާޗް މަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން ވިކްޓަރީގެ ޗެއާމަން ޑރ. ނާޝް ވާހަކަ ދައްކަވަނީ --- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން

މިދިޔަ ސީޒަނުގެ މެދެއްހާ ހިސާބުން ފެށިގެން ނިއުރޭޑިއަންޓަށް ވަނީ ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލަތައް ފެންމަތިވާ ފަށައިފަ އެވެ. އެކަމުގެ ސަބަބުން އަލީ އަޝްފާގު ވެސް ވަނީ ޓީމު ދޫކޮށްގޮސްފަ އެވެ. އަދި ޓީމުގެ ގޯލް ކީޕަރު މުހައްމަދު އިމްރާން ވެސް ވަނީ އެ މައްސަލައިގައި ޓީމުން ވަކި ވެފަ އެވެ.

އެފްއޭއެމްގެ ޕްލޭޔާ ސްޓެޓަސް ކޮމިޓީއަށް އެކުލަބުގެ މައްސަލަތައް ގިނަވެ އެކަން ހައްލު ކުރުމަށް އެތަށް ފަހަރަކު އެދުމުން ވެސް އެކަމަށް އަޅާލާފައި ނުވާތީ އެފްއޭއެމް އިން ވަނީ ނިއުރޭޑިއަންޓް އެ އިދާރައިގެ އެއްވެސް ގުނަވަނަކުން ހިންގާ ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑު ކޮށްފަ އެވެ.

ނިއުރޭޑިއަންޓުން އޭރު ވެސް ބުނަމުން ދިޔަ ވާހަކަ އަކީ އެ މައްސަލާގައި ނިއުރޭޑިއަންޓް ސަސްޕެންޑު ކުރުމަކީ ޒާތީ ކަމެއް ކަމަށާއި އެހެން އެތައް ކުލަބުތަކަކުން ވެސް މުސާރަ ނުދިނުމުގެ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ.

އެގޮތުން ވިކްޓަރީ އަކީ ވެސް ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލައިގައި އެފްއޭއެމް ޕްލޭޔާ ސްޓެޓަސް ކޮމިޓީއަށް ގިނަ މައްސަލަތަކެއް ވަދެ ބަލަމުން އަންނަ ކުލަބެކެވެ. އަދި ބިދޭސީ ކުޅުންތެރިއަކަށް މުސާރަ ދީފައި ނުވާތީ އެކުލަބާއި ދޭތެރޭ ފީފާއިން ވެސް ވަނީ ދާދި ފަހުން ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ވޭތުވެ ދިޔަ ސީޒަނުން ތިން ޕޮއިންޓް ވަނި އެކުލަބުގެ އަތުން އުނި ކޮށްފަ އެވެ.

ވިކްޓަރީގެ މިފަދަ މައްސަލަތަކެއް ހުރި އިރު އެފްއޭއެމް އިން މީގެ ކުރިން ބުނެފައި ވަނީ މިފަހަރުގެ ލީގުގައި ކުޅެވޭނީ ހަމައެކަނި އޭއެފްސީ ލައިސަންސް ލިބޭ ކުލަބުތަކަށް އެކަނި ކަމަށެވެ. އަދި މުސާރަ ނުދިނުމުގެ މައްސަލަތައް ހުރި ކުލަބުތަކަށް އެކަން ލައިސަންސް ފުރިހަމަ ނުކުރެވޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ކަން މިހެން އޮތް އިރު ވިކްޓަރީއަށް އޮތީ ދެ ގޮތެކެވެ. ހުރިހާ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތް ދީ ޙަލާސް ކުރުމެވެ. ނުވަތަ އެފްއޭއެމްގެ ޕްލޭޔާ ސްޓެޓަސްއަށް ލެވިފައިވާ މައްސަލަތައް އެ ކުޅުންތެރިން ލައްވައި އަނބުރާ ގެންދިއުމެވެ.

އެފްއޭއެމް އިން ކުރިން ދީފައިވާ ތާރީހުގައިވާ ގޮތުން މިއަދަކީ އެކަން ކުރަން އެންމެ ފަހު ދުވަހެވެ. މިއަދު އެކަން ނުކޮށް ވިކްޓަރީއިން އަޅާ ނުލައި ތިބެއްޖެ ނަމަ އޭއެފްސީގެ ލައިސަންސް ފުރިހަމައެއް ނުވާނެ އެވެ. އަދި މިއަހަރުގެ ސީޒަނުގައި ވެސް ނުކުޅެވޭނެ އެވެ.

ވިކްޓަރީ އަށް ނުކުޅެވިއްޖެ ނަމަ މި ފަހަރުގެ ސީޒަނުގައި ކުޅޭނީ އަށް ޓީމެވެ. އެއީ ޓީސީ، ފޯކައިދޫ، ނިލަންދޫ، ދަ ގްރާންޑޭ، އީގަލްސް، މާޒިޔާ، ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީ އެވެ.

comment ކޮމެންޓް