ޕީއެސްޖީގެ ފޯވާޑް ނޭމާގެ މައްޗަށް ރޭޕްގެ ތުހުމަތެއް

ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ --- ފޮޓޯ/ޖޮން ފިޝާ

ޕެރިހުގެ ހޮޓެލެއްގައި ބްރެޒިލްގެ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތު ނޭމާ ޖޫނިއާގެ މައްޗައްކޮށް، އެ މައްސަލަ ބްރެޒިލްގެ ސައޯ ޕޯލޯގެ ފުލުހުން ބަލަން ފަށައިފި އެވެ.

މިިދިޔަ މަހުގެ ހިނގާ ދިޔަ މި ހާދިސާގައި ނޭމާއާއި ގުޅޭ ގޮތުން ކޮށްފައިވާ ތުހުމަތަކީ ބްރެޒިލްގެ އަންހެނަކާ ޕެރިހުގައި ހުންނަ ހޮޓެލް ސޮފިޓެލްގައި ގަދަ ކަމުން ގުޅުން ހިންގި ކަމުގެ ތުހުއްމަތެވެ. ނޭމާއަށް ކޮށްފައިވާ މި ތުހުއްމަތުގައި ޝާމިލްވާ އަންހެނާގެ ތަފްސީލެއް ޕޮލިހުން ހާމަ ކޮށްފައެއް ނުވެއެވެ.

ސައޯ ޕޯލޯގެ ފުލުހުންގެ އޮފިޝަލަކު އެގައުމުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ ނޭމާ ޖޫނިއާގެ މައްޗަށް ރޭޕްގެ ތުހުމަތެއް ކޮށް އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އޮފިޝަލު ވިދާޅުވިގޮތުގައި ނޭމާއާއި އެ ހާދިސާގައި ޝާމިލް ވާ އަންހެނާއާ ދިމާވީ އިންސްޓަގުރާމުންނެވެ. އަދި ނޭމާގެ ރައްޓެއްސެއް މެދުވެރިކޮށް އެ އަންހެން މީހާއަށް ޓިކެޓު ނަގައިދިނުމަށްފަހު ޕެރިހަށް ގެނެސް ހޮޓެލްއެއްގައި ބެހެއްޓި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ ނޭމާއާއި އެ މީހާ ދިމާވީ މޭ މަހުގެ 15 ވަނަ ދުވަހުގެ ރޭ 20:00 ހާ އިރު ކަމަށާއި އެ ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އެ ރޭ ނޭމާ ވަނީ އެ އަންހެނާގެ ނުރުހުމުގައި އޭނާއާ ގުޅުން ހިންގާފައި ކަމަށް ފުލުސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

އެ މައްސަލަ ޕެރިހުގެ ފުލުހުންނަށް ހުށައެޅުމުގެ ބަދަލުގައި އެ އަންހެން މީހާ ވަނީ އޭގެ ދެ ދުވަސް ފަހުން އެނބުރި ބްރެޒިލްއަށް ގޮސްފަ އެވެ. އަދި އޭނާ ފުލުހުންނަށް މައްސަލަ ހުށައެޅުން ލަސްވެގެން ދިޔައީ އެ ރޭ ލިބުނު ނަފްސާނީ ގެއްލުމުގެ ސަބަބުން ކަމަށް އެ އަންހެން މީހާ ބުނެފައި ވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ބެހޭ ގޮތުން ނޭމާ އަދި ރަސްމީކޮށް ބަހެއް ބުނެފައި ނުވި ނަމަވެސް އޭނަގެ ބައްޕަ ނޭމާ ޑޮސް ސަންޓޯސް ބުނީ އެއީ ނޭމާ އަގުވައްޓާލަން ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށާއި އެކަމުގައި އޭނާގެ ދަރިފުޅު ކުއްވެރި ވާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެ އަންހެނާއާއި ވާހަކަ ދައްކާފަ ހުރި ވަޓްސްއެޕުގެ މެސެޖުތައް ވެސް ނޭމާ ފޯނުގައި ހުރި ކަމަށެވެ.

ނޭމާ މިހާރު އަންނަނީ މިއަހަރު އެ ގައުމުގައި ބާއްވާ ކޮޕާ އެމެރިކާގެ މުބާރާތުގައި ވާދަ ކުރުމަށް ބްރެޒިލްއާ އެކު ފަރިތަކުރުންތަކުގައި ބައިވެރި ވަމުންނެވެ.

comment ކޮމެންޓް