ރެޕާ ސޮއްޕެގެ އާ ލަވަ އަލްބަމެއް ނެރެނީ

މަޝްހޫރު ރެޕާ ސޮއްޕެ----

ދިވެހި މިއުޒިކް އިންޑަސްޓްރީގައި މިވަގުތު އެންމެ ފާހަގަކޮށްލެވޭ އެއް ރެޕާ ސޮފްވާން އަލީ (ސޮއްޕެ)ގެ އާ ލަވަ އަލްބަމެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

އެ އަލްބަމް ނެރުމަށް ހަމަޖެހިފައިވަނީ ކުރިއަށް މި އޮތް ފިތުރު އީދާ ދިމާކޮށެވެ. "ލަވަ ފޮށި"އާއި ގުޅިގެން ސޮއްޕެ ތައްޔާރުކުރާ އެ އަލްބަމުގައި 11 އާ ލަވަ ހިމެނޭނެއެވެ. އަލްބަމް ފީޗާ ކުރަނީ ޕްރޮޑަކްޝަން ލެވެލްގެ ފުންނާބު އުސް މިސްޓީއެވެ. އަދި އަލަށް ލަވަ ޕްރޮޑިއުސް ކުރާ ފަންނާނެކެވެ.

މި އަލްބަމުގައި ހިމެނޭ ރެޕް ތަކަކީ ސޮއްޕެ އަމިއްލައަށް ތައްޔާރުކުރި ރެޕްތަކެކެވެ. އަދި އަލްބަމްގެ ލަވަތަކުން ސޮއްޕެ އާއެކީ އިވިގެންދާނެ އަޑަކީ ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް (އަންޔާ)އެވެ.

މާލެ އަދި ކޮލޮމްބޯގައި ލަވަތައް ރިކޯޑު ކުރެވިފައިވާއިރު މިހާރު ކުރިއަށްދަނީ އަލްބަމް ރިލީޒްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ސޮއްޕެގެ އެ ލަވަ އަލްބަމް ރިލީޒްވާނީ ލަވަފޮށީގައެވެ.

ސޮފްވާންގެ ލަވައެއް އެންމެ ފުރަތަމަ އާންމުންނާ ހަމައަށް އިވުނީ މީގެ އަށް އަހަރުކުރިން ވޮއިސް އޮފް މޯލްޑިވްސްގައެވެ. އެއަށްފަހު ސޮއްޕެ އަންނަނީ ރެޕްގެ ދުނިޔޭގައި ބާރަށް ފިޔަޖަހަމުންނެވެ.

ސޮއްޕެގެ އެންމެ ހިޓުވި އެއް ލަވައަކީ، 2013 ވަނަ އަހަރު ދިޓީވީގެ "ތަރިންގެ ރޭ" ޝޯގައި މީރާ މުހައްމަދު މާޖިދުއާ އެކު ޕަފޯމްކުރި "އެޅި މި ކަނޑުމަތި"އެވެ. މި ލަވައަކީ މީރާގެ ބައްޕަ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ ލަވައެކެވެ. މި ލަވައިގެ ކަވާއެއް 2013 ވަނަ އަހަރު މީރާއާ އެކު ޕަފޯމްކުރި އިރު، އެ ލަވައިގައި ސޮއްޕެ ހުށަހަޅައިދިން ރެޕް ގިނަ ބަޔަކަށް ކަމުދިޔައެވެ.

މީގެ އިތުރުން 2011 ވަނަ އަހަރު ޓީވީއެމްގެ "ވޮއިސް އޮފް މޯލްޑިވްސް"ގައި ލަވަކިޔުންތެރިޔާ މިޝީ އާތިފް ހުށަހަޅައިދިން ލަވަ "ހިތް ކުދި ކުދި"ގައި ވެސް ރެޕް ކޮށްފައިވަނީ ސޮއްޕެއެވެ.

ދާދި ފަހުންވެސް ސޮއްޕެ ވަނީ ދެ ލަވައެއް އާންމުންނަށް ގެނެސްދީފައެވެ. އެއީ "ވަރަށް ނުރައްކާ" އަދި މީރާއާއެކު ކިޔާފައިވާ ލަވަ "ގާތިލް"އެވެ.

comment ކޮމެންޓް