246 ޕެކެޓުގެ މަސްތުވާތަކެތި ދިރުވާލި ޖަޕާނުގެ މީހަކު މަރުވެއްޖެ

މަސްތުވާތަކެތި އަޅާފައިވާ ޕެކެޓުތައް ދިރުވާލި މީހާއަށް ފަރުވާ ދެވުމުގެ ކުރިން އޭނާ ވަނީ ބޯޓު މަތީގައި މަރުވެފައި -- ފޮޓޯ: ޓުވިޓާ

މެކްސިކޯ ސިޓީ (މެއި 28): މެކްސިކޯގެ ވެރިރަށުން ދަތުރުފެށި މަތިންދާބޯޓެއްގައި ދަތުރު ކުރި ޖަޕާނުގެ މީހަކު 246 ޕެކެޓުގެ މަސްތުވާތަކެތި ދިރުވާލުމުގެ ސަބަބުން މަރުވެއްޖެ އެވެ.

މެކްސިކޯ ސިޓީން ޖަޕާނުގެ ނަރީތާއަށް ދަތުރު ކުރަމުން ދިޔަ އެބޯޓުގެ ފަސިންޖަރަކު މަރުވީ އޯވަޑޯޒްވުމުގެ ސަބަބުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުންޏެވެ. އަދި އޭނާ ދަތުރުމަތީގައި ފިޓު ޖެހެން ފެށުމުން ބޯޓަށް ޖެހުނީ މެކްސިކޯގެ ސޮނޯރާ ސްޓޭޓުގައި އެމާޖެންސީގައި ޖައްސާށެވެ. ނަމަވެސް ބޯޓު ޖެއްސުމުގެ ކުރިން އެމީހާ ވަނީ މަރުވެފަ އެވެ.

ސޮނޯރާގެ އެޓާނީ ޖެނެރަލް ވިދާޅުވި ގޮތުގައި އެމީހާގެ ޕޯސްޓް މޯޓަމް ހެދުމުން އޭނާގެ ބަނޑުންނާއި ގޮހޮރުން މަސްތުވާތަކެތި ޕެކެޓުތައް ފެނިފައިވެ އެވެ. އެއީ ދިގު މިނުގައި 2.5 ސެންޓިމީޓަރު ހުރި އަދި ފުޅާ މިނުގައި އެއް ސެންޓިމީޓަރު ހުރި ޕެކެޓުތަކެވެ.

އެމީހާ ދަތުރު ކުރަމުން ދިޔަ ބޯޓު ފަހުން ވަނީ ޖަޕާނަށް ގޮސްފަ އެވެ. އަދި މެކްސިކޯއިން މިހާރު ދަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް