ނިއުގެ ބާނީ ކުއީން ވަހީދާއި ކުރީގެ ޗެއާމަން ބައްސާމާ ބައްދަލު ކޮށްފި

ނިއުރޭޑިއަންޓުގެ ކުރީގެ އިސްވެރިން އިއްޔެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ބައްދަލު ކުރައްވަނީ --- ފޮޓޯ/ ބައްސާމް

ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑު ކޮށްފައިވާ ދިވެހި ރާއްޖެ ދުށް އެންމެ ކާމިޔާބު ފުޓުބޯޅަ ކުލަބު، ނިއުރޭޑިއަންޓް އަލުން ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތުގެ ތެރެއިން އެ ކުލަބުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ކުރީގެ ޗެއާމަން ކާމިނީޕޫލް ހަސަން މަނިކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ބައްދަލުކުރައްވައިފަ އެވެ.

ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އުޖޫރަ ނުދިނުމުގެ މައްސަލާގައި ނިއުރޭޑިއަންޓާ މެދު އެފްއޭއެމް އިން ފިޔަވަޅު އެޅީ މި އަހަރުގެ ކުރީ ކޮޅެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޖުމްލަ 10 ކުޅުންތެރިއަކަށް ދޭން ޖެހޭ ތިން މިލިއަން ރުފިޔާ ދީފައި ނުވާތީ އެކަން ޙަލާސް ކުރުމަށް އެތައް ފަހަރަކު މުހުލަތުތަކެއް ނިއުރޭޑިއަންޓަށް ދިނުމަށް ފަހު އެފްއޭއެމް އިން އެޅި ފިޔަވަޅެކެވެ.

ނިއުގެ ކުރީގެ ކުޅުންތެރިންތަކެއް --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ނަމަވެސް އޭރު ނިއުރޭޑިއަންޓުން ޝައްކު ކުރަމުން ދިޔައީ އެ ފިޔަވަޅަކީ އެފްއޭއެމްގެ އިސްވެރިން ބޭރު ކުރަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިއުރޭޑިއަންޓުން އިސްނަގައިގެން އުޅޭތީ އެޅި ޒާތީ ފިޔަވަޅެއް ކަމަށެވެ. އެފްއޭއެމް އާއި ނިއުރޭޑިއަންޓާ ދެމެދު ފިނި ހަނގުރާމައެއް އުފެދިފައިވާ ވަނިކޮށް އެ މައްސަލަ ބެލުމަށް ފީފާގެ ވަފުދެއް ވެސް ރާއްޖެ އައިސްފައިވެ އެވެ.

ނަމަވެސް އެކަން ދިރާސާ ކުރުމަށް ފަހު ފީފާގެ ވަފުދުން ނިންމީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ޝަރުތު ހަމަ ނުވާތީ އެކަން ކުރެވެން ނެތް ކަމަށެވެ. އެފްއޭއެމް އާއި ނިއުރޭޑިއަންޓުގެ ކޯޅުން ބޮޑުވެފައި ވަނިކޮށް އެފްއޭއެމް އިން އަހަރީ ކޮންގްރެސް ބާއްވައި ބައިވެރިވި 14 ކުލަބުގެ ތެރެެއިން 12 ކުލަބުގެ އަގުލަބިއްޔަތާ އެކު އަންނަ އަހަރުގެ އެ ކޮންގްރެސްއާ ހަމައަށް ނިއުރޭޑިއަންޓް ސަސްޕެންޝަން ދަމަހައްޓަން ވަނީ ނިންމައިފަ އެވެ.

އޭރު ނިއުރޭޑިއަންޓުން ދިޔައީ ކުޅުންތެރިންނަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް އެ ކުލަބުން ވަނީ ބުނެފަ އެވެ. ދެން ފެނުނީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކުލަބު މި ސީޒަނުގައި ނުފެންނާނެ ކަން ޔަގީންވުމާ އެކު އެ ކުލަބުގެ ސަޕޯޓަރުން މާޔޫސްކަމެއްގައި ތިއްބާ ކުލަބުގެ ޗެއާމަން އިސްތިއުފާ ދެއްވި މަންޒަރެވެ.

ނަމަވެސް ކުލަބުގެ ހެޔޮ އެދޭ ފަރާތްތަކާއި ކުލަބުގެ ކުރީގެ ކުޅުންތެރިންނާ އިސްވެރިން ވަނީ ކުލަބުގެ ދިފާއުގައި ތެދުވެފަ އެވެ. އެގޮތުން އެކްޓިންގް ޗެއާމަނަކަށް ބޭފުޅަކު ހަމަޖައްސައި އެގްޒެކިއުޓިވް ކޮމިޓީއެއް ވެސް އުފައްދާފަ އެވެ.

އެ މަސައްކަތުގެ ތެރެއިން އިއްޔެ ވަނީ އެ ކުލަބު އުފެދުނީއްސުރެން ކުލަބަށް ހިދުމަތް ކުރުމުގައި ދެމިހުރި އެކުލަބުގެ ބާނީ ކުއީން ވަހީދާއި ކުރީގެ ޗެއާމަން ހަސަން މަނިކާ އެފްއޭއެމްގެ ރައީސްއާއި ވެސް ބައްދަލު ކުރައްވައިފަ އެވެ.

ބައްސާމު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ އެ ދެ ބޭފުޅުންނާ ބައްދަލުކޮށްލުމަކީ ލިބުނު ޝަރަފެއް ކަމަށާއި ނިއުގެ މިހާރުގެ ހާލަތާ މެދު މަޝްވަރާކުރެވުނު ކަމަށެވެ.

comment ކޮމެންޓް