އިންޑޮނޭޝިއާގެ މުޒާހަރާތަކުގައި ހަމަނުޖެހުން އުފެދި، ހަ މީހަކު މަރުވެއްޖެ

އިންޑޮނޭޝިއާގެ އާއްމު އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުން ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާ ކުރަން ފަށާފައި -- ފޮޓޯ: އޭޕީ

ޖަކާޓާ (މެއި 22): އިންޑޮނޭޝިއާގައި މިދިޔަ މަހު ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުން ޖަކާޓާގައި ގިނަ އަދަދެއްގެ މީހުން އިއްޔެ ކުރަން ފެށި މުޒާހަރާތަކުގައި ހަމަނުޖެހުން އުފެދި، ހަ މީހަކު މަރުވެއްޖެ އެވެ.

އިންޑޮނޭޝިއާގެ ފުލުހުންގެ ވެރިޔާ ޓިޓޯ ކަރުނަވިއަން ވިދާޅުވި ގޮތުގައި އެމުޒާހަރާތަކުގައި މީހުން މަރުވި ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެމީހުން މަރުވެފައި ވަނީ ވަޒަން އަރައިގެން ނުވަތަ ހަމަލާ ދިނުމުގެ ސަބަބުންނެވެ. ނަމަވެސް މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބަޑި ނުޖަހާ ކަމަށްވެސް މީގެ ކުރިން އިންޑޮނޭޝިއާ އިން ވަނީ ބުނެފަ އެވެ.

އެމުޒާހަރާތައް ފެށީ އިންޑޮނޭޝިއާގައި މިދިޔަ މަހު ބޭއްވި އާއްމު އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޖޯކޯ ވިޑޯޑޯ ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާން ކުރުމުންނެވެ. އެނަތީޖާ ގަބޫލު ކުރަން އިދިކޮޅު ކެންޑިޑޭޓު ޕްރަބޮވޯ ސުބިއަންޓޯ ވަނީ ދެކޮޅުހައްދަވައިފަ އެވެ.

އިންޑޮނޭޝިއާގެ އާއްމު އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުން ޖަކާޓާގައި ފެށި މުޒާހަރާތަކުގެ ތެރެއިން -- ފޮޓޯ: އޭޕީ

އެމުޒާހަރަތަކުގައި 200 މީހުންނަށް އަނިޔާވެ، ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޖަކާޓާގެ ގަވަރުނަރު އަނިއެސް ބަސްވެދަން ވިދާޅުވި އެވެ. ފުރަތަމަ ސުލްހަވެރިކޮށް ފެށި އެމުޒާހަރާގެ ބައިވެރިން ފަހުން ވަނީ އުޅަނދުތަކުގައި ރޯކޮށް، ފުލުހުންނާ ދިމާލަށް ގާ އުކާފަ އެވެ. އަދި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ޖަހައިފަ އެވެ.

މީގެ އިތުރުން އެ މުޒާހަރާތަކާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ފެތުރެމުންދާތީ އިންޑޮނޭޝިއާގެ ބައެއް ސަރަހައްދުތަކުގައި ސޯޝަލް މީޑިއާގެ ބައެއް ފީޗާތައް ބޭނުން ނުކުރެވޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށް މިނިސްޓާ ފޯ ސެކިއުރިޓީ އެފެއާސް، ވިރަންތޯ ވިދާޅުވި އެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވިޑޯޑޯއާ ވާދަ ކުރައްވާ ނާކާމިޔާބުވި ޕްރަބޮވޯ ވަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ދުސްތޫރީ ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް