އިންޑޮނޭޝިއާގެ އިންތިހާބު ކާމިޔާބު ކުރައްވާ، ވިޑޯޑޯ ދެވަނަ ދައުރަކަށް

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެފައި -- ފޮޓޯ: ރޮއިޓާސް

ޖަކާޓާ (މެއި 21): އިންޑޮނޭޝިއާގައި މިދިޔަ މަހު ބޭއްވި އާއްމު އިންތިހާބު ކާމިޔާބު ކުރައްވައި އެގައުމުގެ ރައީސް ކަމަށް ޖޯކޯ ވިޑޯޑޯ ދެވަނަ ފަހަރަށް އިންތިހާބުވެއްޖެ އެވެ.

މިދިޔަ މަހުގެ 17ގައި އިންޑޮނޭޝިއާގެ ރައީސް، ނައިބު ރައީސް އަދި ޕާލިމެންޓުގެ މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބު ނަތީޖާ އިއުލާން ކުރަން މީގެ ކުރިން ހަމަޖެހިފައި އޮތީ މާދަމާ އެވެ. ނަމަވެސް ރިޔާސީ ރޭހުގެ އިދިކޮޅު މެމްބަރު ޕްރަބޮވޯ ސުބިއަންޓޯ ވަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށާއި މުޒާހަރާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ގައުމުގައި ހަމަނުޖެހުން އުފެދިދާނެތީ އިންތިހާބުގެ ނަތީޖާ އަވަސް ކުރަން އިލެކްޝަން ކޮމިޝަނުން ނިންމީ އެވެ.

އެކޮމިޝަނުން ބުނި ގޮތުގައި އިންތިހާބުގެ 55.5 ޕަސެންޓު ވޯޓު ކާމިޔާބު ކުރެއްވީ ވިޑޯޑޯ އެވެ. އަދި ޕްރަބޮވޯއަށް ލިބުނީ 44.5 ޕަސެންޓު ވޯޓެވެ. ނަމަވެސް އޭނާގެ ކެމްޕެއިން ޓީމުން ވަނީ ރަސްމީ ނަތީޖާ ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ.

"ނާއިންސާފާއި އޮޅުވާލުމާއި ޑިމޮކްރަސީއާ ދެކޮޅު އަމަލުތަކުގެ ކުރިމަތީގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެން،" ޕްރަބޮވޯގެ ކެމްޕެއިން ޓީމްގެ މެމްބަރެއް ކަމަށްވާ އަޒިސް ސުބެކްޓީ ބުންޏެވެ.

ދެހާސްސާދަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޕްރަބޮވޯ، ވިޑޯޑޯއާ ވާދަ ކުރެއްވި އެވެ. އަދި އިންތިހާބުން ނާކާމިޔާބުވުމުން ކޯޓަށް ވަޑައިގަތް ނަމަވެސް، ކޯޓުން ނިންމީ ނަތީޖާ ސައްހަ ކަމަށެވެ.

comment ކޮމެންޓް