ޖޮކޮވިޗް ބަލިކުރުމަށް ފަހު އަހަރުގެ ފުރަތަމަ ޓްރޮފީ ނަޑާލް އުފުލާލައިފި

ރަފައެލް ނަޑާލް ރޭގެ ފައިނަލުގައި ޖޮކޮވިޗް ބަލިކުރުމަށް ފަހު އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ޓްރޮފީއާ އެކު --- ފޮޓޯ/ ގާޑިއަން

މިވަގުތު ދުނިޔޭގެ އެއްވަނައިގައި ހުރި ސާބިޔާގެ ނޮވާކް ޖޮކޮވިޗް 1-2 ސެޓުން ބަލި ކުރުމަށް ފަހު އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިންގެ ރަފައެލް ނަޑާލް ހޯދައިފި އެވެ.

އިޓަލީގެ ވެރިރަށް ރޯމްގައި ރޭ ކުޅުނު އެ މެޗު ނަޑާލް ކާމިޔާބު ކުރީ 0-6، 6-4 އަދި 1-6 އިންނެވެ. ދުނިޔޭގެ އެއްވަނައާއި ދެވަނައާއި ދެމެދު ކުޅެވުނު އެ މެޗު ނަޑާލް ކާމިޔާބު ކުރީ އެންމެ ފަހުން ކުޅުނު ހަތަރު މުބާރާތުގައި ވެސް ސެމީ ފައިނަލުން ކަޓަމުން އައުމަށް ފަހު އެވެ. މިއީ ނަޑާލްގެ ކެރިއަރުގައި އޭނާ ހޯދި 61 ވަނަ ތައްޓެވެ.

ފައިނަލުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާ އެކު ނަޑާލް ކާމިޔާބު ކުރި އިރު ކުޅި ބަލަން ތިބި ގިނަ ބަޔަކު ތިބީ ހައިރާން ވެފަ އެވެ. ސަބަބަކީ މިއީ މި ދެކުޅުންތެރިންގެ މެދުގައި އެންމެ ފަހުން ކުޅުނު 141 ސެޓުގެ ތެރެއިން 0-6 ގެ ނަތީޖާއަކުން ނިމުނު ފުރަތަމަ ސެޓު ކަމަށް ވާތީ އެވެ. ދެ ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް ޖޮކޮވިޗް ސެޓު ކާމިޔާބު ކުރި އިރު ތިން ވަނަ ސެޓު އަނެއްކާ ވެސް ނަޑާލް ކާމިޔާބު ކުރީ ފަސޭހަ ކަމާ އެކު އެވެ.

ރޭގެ މެޗަށް ދެ ގަޑިއިރާއި 25 މިނެޓުގެ ވަގުތެއް ހޭދަ ވީއިރު ރިޕޯޓުތައް ބުނާ ގޮތުން ޖޮކޮވިޗް ބަލިވާން ދިމާވި ސަބަބަކީ އޭނާ މެޗަށް ނުކުތް އިރު މާ ބޮޑަށް ވަރުބަލި ވެފައި ވުމުންނެވެ. ވޭތުވެ ދިޔަ ހުކުރު ދުވަހާއި ހޮނި ހިރު ދުވަހުގެ ވަރުގަދަ މެޗުތަކަށް ފަހު ރަނގަޅަށް އޭނާ ރެސްޓް ކޮށްފައި ނުވުމުން ރޭގެ މެޗުގައި އެކަން ފެނިފައިވާ ކަމަށް އެ ރިޕޯޓު ތަކުގައިވެ އެވެ.

ނަޑާލްއާއި ޖޮކޮވިޗްއާއި ދެމެދު މިހާތަނަށް 54 މެޗެއް ވަނީ ކުޅެފަ އެވެ. އޭގެ ތެރެއިން 28 މެޗު ކާމިޔާބު ކުރީ ޖޮކޮވިޗް އެވެ. ބާކީ 26 މެޗު ނަޑާލް ކާމިޔާބު ކުރި އިރު ކުލޭގައި ކުޅުން 24 މެޗުގެ ތެރެއިން 17 މެޗު އޭނާ ވަނީ ކާމިޔާބު ކޮށްފަ އެވެ. މި ދެ ކުޅުންތެރިންގެ ވާދަވެރިކަން އަހަރުތަކަކަށް ދިގުލައިފައި ވާ އިރު މި އަހަރުގެ ޖެނުއަރީ މަހު އޮތް އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރީ ޖޮކޮވިޗް އެވެ.
comment ކޮމެންޓް