ރޮބެންއާއި ރިބެރީގެ ވަދާއީ ގޯލާ އެކު ބަޔާއިން ބުންޑެސްލީގާގެ ޗެމްޕިއަން ޓްރޮފީ އުފުލާލައިފި

ބަޔާން މުނިކުން ބުންޑެސް ލީގާގެ ޓްރޮފީ އުފުލާލަނީ --- ފޮޓޯ/ ގެޓީ އިމެޖެސް

އާޔެން ރޮބެންއާއި ފްރޭންކް ރިބެރީގެ ވަދާއީ ގޯލުތައް ފެނިގެންދިޔަ މިރޭގެ މެޗުން ފަސޭހަ ކަމާ އެކު އެއިންޓްރެކް ފްރެންކްފާޓް ބަލިކޮށް ވިދި ވިދިގެން ހަތް ވަނަ ފަހަރަށް ބަޔާން މިއުނިކުން ބުންޑެސް ލީގާގެ ތަށި އުފުލާލައިފި އެވެ.

ބަޔާންގެ އެލައަންޒް އެރީނާގައި މިރޭ ކުޅުނު މެޗުން ފްރެންކްފާޓުގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 1-5 ގެ ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު ބަޔާނުން ޖަރުމަނު ލީގުގެ ތަށި ޔަގީން ކުރީ 34 މެޗު ކުޅެ 78 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމާއި އެންމެ ގާތުން ވާދަ ކުރި ބްރޮޝިއާ ޑޮޓްމަންޑު މިރޭ ކުޅުނު މެޗުން ލިބުނު މޮޅާ އެކު ލީގު ނިންމާލީ 34 މެޗު ކުޅެ 76 ޕޮއިންޓާ އެކު އެވެ.

ބަޔާނުން މިރޭ ކުޅުނު މެޗަކީ އެ ޓީމުގެ ތިން ކުޅުންތެރިއެއްގެ ވަދާއީ މެޗެވެ. އެ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ ކުލަބުގެ ލެޖެންޑުންގެ ޝަރަފު ހޯދާފައިވާ އެ ކުޅުންތެރިންނަކީ އަޔެން ރޮބެންއާއި ފްރޭންކް ރިބެރީގެ އިތުރުން ރަފީނިއާއެވެ.

މިރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް ބަޔާނުންނެވެ. އެ ޓީމުގެ ޒުވާން ފޯވާޑު ކިންގްސްލީ ކޯމަންގެ އެ ގޯލާ އެކު ފްރެންކް ފާޓުން ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް ވަދެވޭތޯ މަސައްކަތް ކުރި އެވެ. އެގޮތުން ދެވަނަ ހާފު ކުރީ ކޮޅު ފްރެންކްފާޓް އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ފްރެންކްފާޓުން ޖެހި ގޯލާ އެކު ބަޔާނުން އިތުރަށް ޓީމު ކުރިއަށް ޖައްސައި ނުރައްކާތެރި ހަމަލާތައް އުފައްދަން ފެށިއެވެ. އެ ހަމަލާތަކާ އެކު ފްރެންކްފާޓުގެ ޑިފެންސް ރޫޅި ބަޔާނަށް ގޯލުތައް ޖަހަން ފަސޭހަ ވެގެން ދިޔައެވެ. ފުރުސަތުގެ ބޭނުން ހިފައި ބަޔާންއިން ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ހަތަރު ގޯލު ޖަހާފަ އެވެ.

އެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ ޑޭވިޑް އަލަބާ އާއި ރެނާޓޯ ސަންޗޭޒްގެ އިތުރުން ބަޔާންގެ ޖާޒީގައި ފަހު މެޗު މިރޭ ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ރޮބެންއާއި ރިބެރީ އެވެ.

މިއީ ބަޔާން މުނިކުން ޖަރުމަނު ލީގުގެ ތަށި ޖެހެޖެހިގެން އުފުލާލި ހަތްވަނަ ފަހަރެވެ. އެހެން ސީޒަން ތަކާ ޙިލާފަށް ބަޔާނުން މި ސީޒަނުގައި ވަނީ ގިނަ މެޗުތަކަކުން ބަލިވެ އެއްވަނަ ހޯދުމަށް އުނދަގޫތަކެއް ކުރިމަތި ވެފަ އެވެ. ނަމަވެސް ކުޅުންތެރިން ދެއްކި ހިއްވަރާ އެކު ސީޒަން ނިންމާލީ އަނެއްކާ ވެސް އިތުރު ތައްޓަކާ އެކު އެވެ.

comment ކޮމެންޓް