ކުނީގެ މައްސަލާގައި ކެނެޑާގައި ހުންނަވާ ފިލިޕީންސްގެ ސަފީރު އެނބުރި ގައުމަށް

ފިލިޕީންސްގެ ގިނަ އަދަދެއްގެ މީހުން ވަނީ ކެނެޑާގެ ކުނި އަނބުރާ ގެންދިޔުމަށް ގޮވާލާފައި -- ފޮޓޯ: ގެޓީ

މެނީލާ (މެއި 16): މީގެ ހަ އަހަރު ކުރިން ކެނެޑާއިން ފިލިޕީންސަށް ފޮނުވި ކުނީގެ މައްސަލަ ހޫނުވެ، ކެނެޑާގައި ހުންނަވާ ފިލިޕީންސްގެ ސަފީރު އެނބުރި ގައުމަށް ވަޑައިގެންފި އެވެ.

އެމައްސަލަ ފެށުނީ 2013 އާއި 2014އާ ދޭތެރޭ ކެނެޑާއިން ފިލިޕީންސްގެ ބަނދަރަށް ފޮނުވި ކުނީގެ ތެރެއިން 100 ކޮންޓެއިނަރުގެ ކުނީގައި އަލުން ބޭނުން ކުރެވޭ ބާވަތުގެ ކުނި ކަމަށް ލޭބަލް ކޮށްފައި އޮތް ނަމަވެސް، އެއީ ކުނިވާ ޒާތުގެ ކުނިކަން ހާމަވުމުންނެވެ.

އޭގެ ތެރެއިން ބައެއް ކުނި ފިލިޕީންސްއިން މިހާރު ނައްތާލާފައިވާ އިރު ބައެެއް ކުނި ކޮންޓެއިނާތައް އަދި ވެސް ހުރީ މެނީލާގެ ބަނދަރުގަ އެވެ. އަދި 2016 ވަނަ އަހަރު ފިލިޕީންސްގެ ކޯޓަކުން ވަނީ ކެނެޑާގެ ހަރަދުގައި އެގައުމަށް އެކުނި އަނެއްކާވެސް ފޮނުވުމަށް އަންގާފަ އެވެ. އެމަސައްކަތަށް ކޯޓުން ކަނޑައެޅި މުހުލަތު އިއްޔެ ވަނީ ހަމަވެފަ އެވެ.

އެމައްސަލައާ ގުޅިގެން ކެނެޑާއިން ވަނީ ފިލިޕީންސްއާ ވާހަކަ ދައްކަމުންދާ ކަމަށާއި ވީހާވެސް އަވަހަކަށް ކުނި ކޮންޓެއިނާތައް އެގައުމަށް އަނބުރާ ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ބޭރުގެ ގައުމުތަކުން ފޮނުވާ ކުނި ގަބޫލު ކުރުން ހުއްޓާލަން 2017 ވަނަ އަހަރު ޗައިނާއިން ނިންމި ފަހުން މެލޭޝިއާ އާއި ފިލިޕީންސް ފަދަ އިރު ދެކުނު އޭޝިއާގެ ގައުމުތަކަށް ކުނި ފޮނުވާ މިންވަރު މިހާރު ވަނީ އިތުރުވެފަ އެވެ.

comment ކޮމެންޓް