މިޔަންމާއިން ހައްޔަރުކުރި ރޮއިޓާސްގެ ދެ ނޫސްވެރިން ދޫކޮށްލައިފި

މިޔަންމާއިން 2017 ވަނަ އަހަރު ހައްޔަރު ކުރި ރޮއިޓާސްގެ ދެ ނޫސްވެރިން ވަނީ މިއަދު ދޫކޮށްލާފަ -- ފޮޓޯ: އޭޕީ

ނޭޕީޑޯ (މެއި 7): މިޔަންމާގެ ރަސްމީ ލިޔެކިޔުންތަކެއް ގަވާއިދާ ހިލާފަށް ގެންގުޅުނު ކަމަށް ބުނެ އެގައުމުން ހައްޔަރު ކުރި ރޮއިޓާސްގެ ދެ ނޫސްވެރިން މިއަދު ދޫކޮށްލައިފި އެވެ.

ޑިސެމްބަރު 2017ގައި މިޔަންމާއިން ވާ ލޫން އާއި ޗޯ ސޯ އޫ ހައްޔަރު ކުރީ، ރާހިން ސްޓޭޓުގެ އިންޑިން އަވަށުގައި މިޔަންމާގެ އަސްކަރިއްޔާ އިން 10 ރޮހިންގާ މުސްލިމުން މަރާލި ހާދިސާ ތަހުގީގު ކުރަމުން ދަނިކޮށެވެ.

އެތަހުގީގާ ގުޅިގެން މިޔަންމާގެ ފުލުހުން ވަނީ އެދެ ނޫސްވެރިންނަށް ލިޔެކިޔުންތަކެއް ދީފަ އެވެ. ނަމަވެސް ފަހުން އެލިޔެކިޔުންތައް ގެންގުޅުނު ކަމަށް ބުނެ އެމީހުން ހައްޔަރުކުރި އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެގައުމުގެ ކޯޓަކުން ވަނީ އެދެ މީހުން ހަތް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އޭގެ ފަހުން މިދިޔަ މަހު މިޔަންމާގެ ސުޕްރީމް ކޯޓުން ވަނީ އެމައްސަލައިގެ އިސްތިއުނާފު ބަލައިގަންނަން ދެކޮޅު ހަދައިފަ އެވެ.

ނަމަވެސް ވާ ލޫން އާއި ޗޯ ސޯ އޫ މިނިވަން ކުރީ މިޔަންމާގެ ރައީސް ވިން މަޔަންޓް އެދެ މީހުންނަށް މާފު ދެއްވުމުންނެވެ. އޭޕްރިލް މަހުގެ މެދުތެރޭގައި ފެށޭ މިޔަންމާގެ އާ އަހަރާ ދިމާކޮށް އެގައުމުގެ ގައިދީންނަށް މާފު ދިނުމަކީ އާއްމު ކަމެކެވެ. އަދި މިޔަންމާގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ރައީސް މާފު ދެއްވައިގެން 6،250 ގައިދީން ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.

ރޮއިޓާސް އިން ވަނީ އެދެ ނޫސްވެރިން އެއްވެސް ކުށެއް ނުކުރާ ކަމަށް ބުނެ، އެމީހުން ދޫކޮށްލުމަށް މީގެ ކުރިން ގޮވާލައިފަ އެވެ. އަދި އެދެ ނޫސްވެރިން ކުރިއަށްގެން ދިޔަ ތަހުގީގު ނިންމައި، އެމީހުންގެ ރިޕޯޓު މިދިޔަ އަހަރު ޕަބްލިޝްކޮށްފަ އެވެ. އޭގެ ސަބަބުން މިއަހަރު ނޫސްވެރިކަމުގެ ޕުލިޓްޒާ ޕްރައިޒް ލިބުނު ފަރާތްތަކުގެ ތެރޭގައި ވާ ލޫން އާއި ޗޯ ސޯ އޫ ހިމެނުނެވެ.

"މިޔަންމާއިން އަހަރެމެންގެ ހިތްވަރުގަދަ ރިޕޯޓަރުން ދޫކޮށްލުމުން ވަރަށް އުފާވޭ. މީގެ 511 ދުވަސް ކުރިން އެމީހުން ހައްޔަރު ކުރި ފަހުން، އެމީހުން ވަނީ ނޫސްވެރިކަމުގެ މުހިއްމުކަމުގެ ރަމްޒަކަށް ވެފައި،" ރޮއިޓާސް އެޑިޓާ އިން ޗީފް ސްޓީވެން އެޑްލާ ވިދާޅުވި އެވެ.

މިޔަންމާގެ ޔަންގޮންގައި ހުންނަ ޖަލުން ދޫކޮށްލުމުން ވާ ލޫން ވަނީ އޭނާ މުސްތަގުބަލުގައި ވެސް މަސައްކަތް ކުރާނީ ނޫސްވެރިއެއްގެ ގޮތުގައި ކަމަށް ބުނެފަ އެވެ.

"އަހަރެންނަކީ ނޫސްވެރިއެއް އަދި އަހަރެން ކުރިއަށް ދާނީ ވެސް އެގޮތަށް. އަހަރެންގެ ނިއުސްރޫމަށް އެނބުރި ދާން ކެތްމަދުވެފައި މިހިރީ،" ޖަލުން ދޫކޮށްލުމުން ވާ ލޫން ބުންޏެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ރާހީން ސްޓޭޓުގައި ކުރިއަށްގެން ދިޔަ އަނިޔާވެރި އޮޕަރޭޝަނުގެ ސަބަބުން 730،000 އަށް ވުރެ ގިނަ ރޮހިންގާއިންނަށް އަމިއްލަ ވަޒަން ދޫކޮށް ބަންގުލަދޭޝްއަށް ދާން ޖެހުނު ކަމަށް އދ.އިން ބުނެ އެވެ.

comment ކޮމެންޓް