ތައި ރަސްގެފާނު ތަހުތަށް އިސްކުރުމުގެ ރަސްމިއްޔާތު ފަށައިފި

ތައިލޭންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން ރަސްމީކޮށް ތަހުތަށް އިސްކުރުމުގެ ރަސްމިއްޔާތު ވަނީ ފަށާފައި -- ފޮޓޯ: އޭޕީ

ބެންކޮކް (މެއި 4): ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން ރަސްމީކޮށް ތަހުތަށް އިސްކުރުމުގެ ރަސްމިއްޔާތު މިއަދު ފަށައިފި އެވެ.

ދެހާސްސޯޅަ ވަނަ އަހަރު ރަސްގެފާނު ބޫމިޕޮން އަދުންޔަދޭ އަވަހާރަވުމުން ގައުމުގެ ރަސްކަން ކުރައްވަން ފެއްޓެވި ވަޖިރަލޮންކޯން ތަހުތައް އިސްކުރުމުގެ މަރުހަލާތައް ތިން ދުވަހަށް ދެމިގެންދާނެ އެވެ.

އެހަފްލާ ބޭއްވުމުގެ ތިން ދުވަސް ކުރިން ވަޖިރަލޮންކޯން ވަނީ ކުއްލި ގޮތަކަށް ކައިވެނި ބައްލަވައިގެންފަ އެވެ. އުމުރުފުޅުން 68 އަހަރުފުޅުގެ ރަސްގެފާނު ވަޖިރަލޮންކޯން ކައިވެނި ބައްވަލަވައިގަތީ 2014 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ލޯބީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވި ސުތިދާ ތިދްޖާއީއާ އެވެ.

ތައިލެންޑުގެ ގައުމީ އެއާލައިން، ތައި އެއާވޭސްގެ ފްލައިޓް އެޓެންޑަންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ސުތީދާ، 2013 ވަނަ އަހަރު ގުޅިވަޑައިގަތީ އެގައުމުގެ ޝާހީ ގަނޑުވަރުގެ ރޯޔަލް ގާޑާ އެވެ. އަދި 2014 ވަނަ އަހަރު، އޭރު ވަލީއަހުދުގެ މަގާމުގައި ހުންނެވި ވަޖިރަލޮންކޯން ވަނީ އެމަނިކުފާނުގެ ޝާހީ ބޮޑީގާޑު ޔުނިޓުގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމަށް ސުތިދާ އިސްކުރައްވާފަ އެވެ.

އޭގެ ފަހުން ރަސްކަމަށް ވަޑައިގެންނެވުމަށް ފަހު، ރޯޔަލް ތައި އާމީގެ ޖެނެރަލެއްގެ މަގާމަށް ސުތިދާ އިސްކޮށް، އަދި ރަސްގެފާނުގެ ޕާސަނަލް ގާޑުގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމު ވެސް ދެއްވާފަ އެވެ.

އެއީ ރަސްގެފާނު ވަޖިރަލޮންކޯން ކައިވެންޏެއް ކުރެއްވި ހަތަރު ވަނަ ފަހަރެވެ. ކުރީގެ ތިން ކައިވެނިން އެމަނިކުފާނަށް ހަތް ބޭފުޅަކު ލިބިވަޑައިގެންފައިވެ އެވެ.

ކުރީގެ ރަސްގެފާނު ބުމިޕޮންއަށް ލިބިވަޑައިގަތް ފުރަތަމަ ފިރިހެން ދަރިކަލުން ކަމަށްވާ ވަޖިރަލޮންކޯން ވަލީއަހުދު ކަމަށް އިސް ކުރީ 1972 ވަނަ އަހަރެވެ.

އަދި ވަޖިރަލޮންކޯން ވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން ތައުލީމު ހާސިލު ކުރައްވައި، ކެންބެރާގައި ހުންނަ ރޯޔަލް މިލިޓަރީ ކޮލެޖުން ތަމްރީނުވެވަޑައިގެންފަ އެވެ. އަދި އޭގެ ފަހުން ތައި ރޯޔަލް އާމްޑް ފޯސެސްގައި އޮފިސަރަކަށްވެވަޑައިގެންފަ އެވެ.

comment ކޮމެންޓް