ދިވެހި ނޫސްވެރިންނަކީ މިނިވަން މާހައުލެއްގައި މަސައްކަތްކުރަން ޖެހޭ ބައެއް: ޕީޕީއެމް

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހި ނޫސްވެރިންނަކީ މިނިވަން މާހައުލެއްގައި މަސައްކަތް ޖެހޭ ބައެއް ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ނޫސްބަޔާނެއްގައި ޕީޕީއެމްއިން ބުނީ، ނޫސްވެރިކަމަކީ ޑިމޮކްރެސީގެ ހަތަރު ވަނަ ބާރު ކަމަށާއި، ދިވެހި ނޫސްވެރިންނަކީ މިނިވަން މާހައުލެއްގައި މަސައްކަތްކުރަން ޖެހޭނެ ފަރާތްތަކެއް ކަމަށް އެ ޕާޓީއިން ދެކޭ ކަމަށެވެ.

އަދި އެ ޕާޓީއިން ދިވެހި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

"މި ޕާޓީގެ އަމާޒަކީ ދިވެހި ނޫސްވެރިންނަށް އިންސާފުވެރިކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމެވެ. ތަފާތު ކުރުމެއް ނެތި ދިވެހި އެންމެހާ ނޫސްވެރިންނަށް މި ޕާޓީއިން އެއްބާރުލުން ދޭނެ ވާހަކަ މި ފުރުސަތުގައި ފާހަގަ ކުރަމެވެ."

ދާދި ފަހުން، ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއަށް ލިބުނު ކުރިއެރުން އެގޮތުގައި ދެމެހެއްޓުމަށްޓަކައި އެ ޕާޓީއިން މަސައްކަތްކުރާނެ ކަމަށްވެސް ޕީޕީއެމްއިން ބުންޏެވެ.

ޕީޕީއެމްގެ އިތުރުން އެ ޕާޓީއާއެކު އެއް ކޯލިޝަނެއްގައިވާ ޕީއެންސީވެސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ޕާޓީއިން ބުނެފައި ވަނީ ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކުރުމަށްޓަކައި ވަސީލަތްތަކާއި ތަމްރީނު މުހިންމު ކަމަށެވެ. އެހެން ކަމުން، ނޫސްވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް ތަމްރީނު ދިނުމަށް އިސްކަން ދިނުމަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި މިފަހަރު ރާއްޖެއަށް ވަނީ 22 ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. އެ އިންޑެކްސްގައި ހިމެނޭ 180 ގައުމުގެ ތެރެއިން ރާއްޖެ އޮތީ 98 ވަނައިގައެވެ. އެ އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 120 ވަނައިގައެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ނޫސްވެރިކަމުގެ މިންވަންކަމުގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިފައިވަނީ، ސިޔާސީ ގޮތުން އައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

ނިމިގެން ދިޔަ ދިޔާސީ ދައުރުގައި ނޫސްވެރިކަމުގެ މިނިވަން ކަމުގައި ރާއްޖެ ފަހަތަށް ޖެހިފައިވާއިރު ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް ބައެއް ގާނުނުތައް ވެސް ފާސްކޮށްފައިވެއެވެ. އެގޮތުން އަބުރުގެ ގާނޫނު ފާހަގަކޮށްލެވެއެވެ. އެ ގާނޫނު އުވާލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހުއެވެ.

comment ކޮމެންޓް