ބަޔަކު ގައުމީ ދިދަ ވިހުރުވަނީ -- ފޮޓޯ/ މުހައްމަދު އަފްރާހް

ބައެއް ފަހަރު ވަރަށް އެހެން ކަހަލަ ޚިޔާލުތައް ވެސް ވިސްނުމަށް އާދޭ ނޫންތޯއެވެ؟ މި ފަހަރު އަޅުގަނޑަށް ވެސް ދިމާ ވެގެން މި އުޅެނީ އެ ކަހަލަ ގޮތެކެވެ. ސައިކަލުގައި އަމީނީ މަގުން ދުއްވައިލައިފައި އަންނަނިކޮށް، ފެނުނު މަންޒަރަކުން އެންމެ ފުރަތަމަ ހިތަށް އެރީ ދިވެހިންގެ ކިބައިގައި ގައުމިއްޔަތުގެ ޝުއޫރާއި، ގައުމިއްޔަތުގެ ލޯތްބާއި، ގައުމީ ޣީރަތްތެރިކަމާއި، ގައުމީ ޝަޚްސިއްޔަތުގެ ކަންފުޅެއް ވެސް ނެތް މިންވަރެވެ. ގައުމު އޮތްތާ ބާއްވައިފައި، ތިމާމެންގެ އަމިއްލަ އެދުންތައް ހާސިލު ކުރުމަށް ޓަކައި ގައުމު ކަތިލަމުން، އިނދަ ޖައްސަމުން، ގައުމުން ދިޔަ ފެލަމުން އަޅުގަނޑުމެންނަށް މި އުޅެވޭ ގޮތެވެ.

މިކަމާ މެދު ވިސްނުނު ވިސްނުމުގެ ތެރެއިން، އަޅުގަނޑަށް ގަބޫލު ކުރެވުނު އެއް ކަމަކީ ދިވެހިރާއްޖޭގައި ގައުމިއްޔަތަށް ލޯބި ކުރުން ނެތީ، ގައުމިއްޔަތު ދިރުވާން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ކަމެވެ. ތިމާ ނިސްބަތް ވާ ގައުމަށް ލޯތްބާއި ކުލުނު ހުރުމަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމެކެވެ. ފިތުރީ ސިފައެކެވެ. ނަމަވެސް އެއީ ދެވޭ ތަރުބިއްޔަތުގެ ތެރެއިން ވަރުގަދަ ކުރާން ޖެހޭ ވެސް ކަމެކެވެ. ގައުމުގެ ދަރިންގެ ހިތްތަކާއި ނަފުސުތަކުގައި ގައުމިއްޔަތު ދިރުވާން އެކަށޭނަ މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ، އެމީހުން ކުރެ ނުހަނު މަދު ބަޔަކު މެނުވީ ގައުމިއްޔަތަކީ މާ މުހިއްމު އެއްޗެއް ކަމުގައެއް ނުދެކޭނެއެވެ. އެމީހުންނަށް ގައުމަށް ވުރެ މުހިއްމު ވާނީ ފައިސާއެވެ. އަމިއްލަ ޒާތީ ފައިދާއެވެ. ދިވެހިން ކުރެ އެތައް ބަޔަކު ކިޔެވުމުގެ ނަމުގައި ނުވަތަ އެހެން ވެސް ގޮތްގޮތުން ރާއްޖެއިން ބޭރަށް ދިޔުމަށް ފަހު، ދިވެހި ގައުމާއި، ދިވެހި ގައުމުން އެއުރެންނަށް ލިބުނު އެންމެހައި ތަކެއްޗާއި ކަންކަމާއި، ގައުމަށް އަދާ ކުރާން ޖެހޭ ވާޖިބާއި، ތިމާޔަށް ގައުމު ކުރި ޚަރަދާއި، މިހެން ގޮސް މިފަދަ ހުރިހާ ކަމެއް ހަނދާން ނައްތައިލައި، އެ ދިޔަ ގައުމެއްގެ ރައްޔިތުކަން ހޯދައިގެން، އެ ތަނެއްގައި ވަޒީފާ އަދާ ކޮށްގެން، އެ ތަނަކުން ގެދޮރު ގަނެގެން، އެތަނެއްގެ ވަޒަންވެރި ރައްޔިތުންގެ ގޮތުގައި އެބަ އުޅޭ ނޫންތޯއެވެ؟ އެއީ މި ދެންނެވި ބާވަތުގެ މީހުންނެވެ.

ތަކުރާރުކޮށް ދަންނަވަމެވެ. ދިވެހިރާއްޖޭގެ އެއްވެސް ސަރުކާރަކުން، ހަމަ އެއްވެސް ސަރުކާރަކުން، ދިވެހިރާއްޖޭގެ ގައުމިއްޔަތު ދިރުވައި އާލާ ކުރާކަށް އެކަށީގެންވާ މިންވަރާ ގާތަށް ވެސް މަސައްކަތެއް ނުކުރެއެވެ. ދޭތެރެއަކުން ގައުމީ ދުވަހުގެ މުނާސަބަތުގައި ޖަލްސާގަނޑެއް ނުބާއްވައެކޭ ނޫނެވެ. އެ ދުވަހުގެ ތަގުރީރުތަކުގައި ވެރިން ގައުމިއްޔަތޭ ވިދާޅުވެ ވާހަކަ ނުދައްކަވައެކޭ ނޫނެވެ. މަދަރުސާ ކުދީންނަށް ކިޔަވައިދޭ އިރު، މަދު ފިލާވަޅުތަކެއްގައި ގައުމިއްޔަތާއި ގައުމު ދެކެ ލޯބި ވުމުގެ ވާހަކަ ނޯވެޔެކޭ ވެސް ނޫނެވެ. އެހެން ނަމަވެސް، މިފަދަ ޒަމާނެއްގައި، ގައުމީ ޝަޚްސިއްޔަތާއި، ގައުމިއްޔަތުގެ އަސާސުގެ މަތީގައި ގައުމުގެ ދަރިން ތަރުބިއްޔަތު ކުރެވޭނީ ވަރަށް ގިނަ މަސައްކަތްތައް ކޮށްގެންނެވެ. އެގޮތުން ކުރާން ޖެހޭ މުހިއްމު ބައެއް މަސައްކަތްތައް ފާހަގަ ކުރެވޭތޯ ބަލަމާ ހިންގަވާށެވެ.

އެންމެ ފުރަތަމަ ކަމަކީ، އަޅުގަނޑުމެންގެ ގައުމިއްޔަތުގެ އުންސުރުތައް ނިކަން ރަނގަޅަށް ދެނެގަތުމެވެ. ދިވެހިރާއްޖޭގެ ގައުމިއްޔަތުގެ އުންސުރުތަކަކީ ދިވެހިންގެ ބަހާއި، ދިވެހިންގެ މާތް ވެގެންވާ އިސްލާމް ދީނާއި، ދިވެހި ސަގާފަތެވެ. މި ކަންކަން ގެއްލިގެން ދިޔަނުދީ، މި ކަންކަމަށް ލޯބި ކުރާ، މި ކަންކަމަށް ޓަކައި ޝުކުރުވެރި ވާ އަދި ފަޚުރުވެރިވާ ބަޔަކަށް އަޅުގަނޑުމެންގެ ދަރީން ހެދޭނެ ގޮތްތަކެއް ހޯދާން ޖެހެއެވެ.

ދެވަނަ ކަމަކަށް، ގައުމުގެ ތާރީޚު ނިކަން ފުރިހަމަޔަށް ދިރާސާ ކޮށް، ރަނގަޅަށް ލިޔެ، އެ ތާރީޚު ދަރިންނަށް އުނގަންނައިދޭން ޖެހެއެވެ. ޚާއްސަކޮށް، އަޅުގަނޑުމެންގެ ގައުމަށް ޓަކައި ބޮޑެތި ގުރުބާނީތައް ވެވަޑައިގެންނެވި ބަޠަލުންގެ ޒިކުރާ ހެޔޮ ގޮތުގައި އާލާ ކުރެވޭން ޖެހެއެވެ. މިސާލަކަށް އުތީމު މުޙައްމަދު ތަކުރުފާނު ބައްލަވާށެވެ. އެމަނިކުފާނަކީ މި ގައުމު ދުށް އެންމެ މުހިއްމު ބަޠަލެވެ. ނަމަވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ތައުލީމީ ނިޒާމުން އެމަނިކުފާނު އަންގައިދީފައި ވަނީ ކިހައި ވަރަކަށްތޯއެވެ؟ ކުދީންނަށް އެ ތަކުރުފާނާ ބެހޭ މައުލޫމާތު، ހަނދާނާއި ހިތްތަކުގައި ހަރުލާނެ ފަދައިން، ބުނެދެވޭތޯއެވެ؟ އެ ތަކުރުފާނު ދެކެ ލޯބި ވުމާއި، ކުރެއްވި މަތިވެރި ޚިދުމަތަށް ޓަކައި ޝުކުރުވެރި ވުމުގެ ޝުއޫރު އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި އުފައްދައިދެވޭތޯއެވެ؟ މިއިން އެއްވެސް ކަމެއް ނުކުރެވެއެވެ. އެންމެ ކުޑަމިނުން، ދިވެހި ސަރުކާރުތަކުން ދިވެހި ގައުމުގެ ތާރީޚެއް ވެސް އެކަށޭނަ ގޮތެއްގައި ލިޔުއްވައިފައެއް ނުވެއެވެ. ކުޑަ ކުއްޖަކު ވިޔަސް، ބޮޑު މީހަކު ވިޔަސް ދިވެހި ތާރީޚު ދެނެގަތުމަށް ޓަކައި ނަގައިގެން ކިޔައިލާނެ ރަނގަޅު ފޮތެއް ނެތެވެ. ހުރީ މި ޒަމާނުގެ ތާރީޚީ އިލްމުގެ ދިރާސީ އުސޫލުތަކަށް ނުފެތޭ ގޮތަށް، މުސްކުޅި ޒަމާނުގައި ލިޔެފައި ހުރި ބައެއް ފޮތްތަކެވެ. އެހެންކަމުން، ދިވެހިންނަކަށް، ދިވެހި ދަރިންނަކަށް ދިވެހި ތާރީޚެއް ނޭނގެއެވެ. ތިމާގެ ގައުމުގެ ތާރީޚު ނުދަންނަ މީހަކު ގައުމު ދެކެ ފުރިހަމަ ގޮތުގައި ލޯބި ވާނީ ކިހިނެއްތޯއެވެ؟

ތިންވަނަ ކަމަކަށް، ގައުމުގެ ތާރީޚީ މުހިއްމު ހަނދާންތަކާއި، މުހިއްމު ހާދިސާތަކާއި، މުހިއްމު ކަންކަމާ ބެހޭ ތާރީޚީ ބިނާތައް ރައްކައުތެރި ކުރެވޭން ޖެހެއެވެ. އެކަން ވެސް އަޅުގަނޑުމެންނަށް މި އޮންނަނީ ނުކުރެވިއެވެ. މުޙައްމަދު ތަކުރުފާނުގެ ގަނޑުވަރު އުތީމުގައި ހުންނާތީ، އެތަން އަދި އެބަހުއްޓެވެ. ނަމަވެސް އަށްސަތޭކަ އަހަރު ވާންދެން ދިވެހި ރަސްރަސްކަލުން ރެނދަލި ކުރެއްވި ޝާހީ ތަޚުތުކޮޅު ހުރި ގަނޑުވަރު ވަނީ އަޅުގަނޑުމެންގެ ފަނާ ކުރަނިވި އަތްތަކުން ހަލާކު ކޮށްލެވިފައެވެ. ދިވެހި ގައުމާއި ދައުލަތުގެ ވެރިކަން ހާސް އަހަރަށް ވުރެ ދިގު މުއްދަތެއްގައި އެ ތަނެއްގައި ކުރެވުނު ފުރަމާލޭގައި، ތާރީޚީ ބިނާތަކުގެ ތެރެއިން ސަލާމަތުން ހުރި ތަންތަން އަތުގެ ފަސް އިނގިލިން ގުނައިލެވެއެވެ. ބާކީ ހުރިހާ ތަނެއް ވަނީ ގޯތި ދިނުމުގެ ނަމުގައި، ނުވަތަ އެކަހަލަ ނޭފަތު ކުރީ ވިސްނުމުގެ މަގުސަދެއްގައި ފަނާ ކޮށްލެވިފައެވެ.

ހަތަރުވަނަ ކަމަކީ، ގައުމީ ޝަޚްސިއްޔަތުން ޝަޚްސިއްޔަތު ލިބިގެން ތިބި، ގައުމު ދެކެ ލޯބި ވާނެ، ގައުމީ ދަރިންތަކެއް، ދިވެހި މުވާތިނުންތަކެއް އުފެއްދޭ ގޮތަށް ގައުމުގެ ތައުލީމީ ނިޒާމު ބައްޓަން ކުރުމެވެ. ކިޔަވައިދެވޭ ތަކެއްޗާއި، އިތުރު ހަރަކާތްތަކުގެ ތެރެއިން، ގައުމީ ލޯބި ކުދިންގެ ހިތްތަކުގައި އާލާ ކުރުމެވެ. ގައުމަށް ޓަކައި ގުރުބާން ވުމުގެ ޝުއޫރު ވަރުގަދަ ކުރުމެވެ. އަޅުގަނޑުމެންތޯއެވެ؟ ފަށަނީ ވެސް ގައުމުގެ ޝަޚްސިއްޔަތުގެ އެންމެ މުހިއްމު އެއް އުންސުރު ކަމުގައި ވާ ދިވެހި ބަސް ނަގައި ގާދޫކޮލުން ބޭރަށް ހޫރައިލުމުންނެވެ. ތައުލީމީ ނިޒާމުގެ އޮންނާން ވެސް އަޅުގަނޑުމެންނަށް ކަމުދިޔައީ ބިދޭސީ ބަހަކުންނެވެ. ދެން އިތުރަށް ދަންނަވާނީ ކީކޭތޯއެވެ؟

މި ދެންނެވި ކަންކަމުގެ އިތުރުން، ފަންނުވެރިކަމާއި އާޓުގެ ތެރެއަށް ގައުމިއްޔަތުގެ ނުފޫޒު ވަރުގަދަ ކުރުމާއި، އިލްމީ މުޖުތަމައާއި އަދީބުންގެ މަސައްކަތުގެ ތެރެއިން ގައުމިއްޔަތުގެ ފިކުރާއި ގިޔަމުތައް ނެގެހެއްޓުމާއި، ގައުމީ މުހިއްމު މުނާސަބަތުތައް ރަނގަޅު ގޮތުގައި ފާހަގަ ކުރުމާއި، އަދިވެސް އެހެނިހެން ކަންކަން އެބަހުއްޓެވެ.

މި ކޮލަމް ފަށަމުން، އަޅުގަނޑުގެ ވިސްނުމަށް އައި ވަރަށް އެހެން ކަހަލަ ޚިޔާލެއްގެ ވާހަކަ ދެންނެވީމެއް ނޫންތޯއެވެ؟ އެހެން ދަންނަވައިފައި، މި ދެއްކެނީ އެ ޚިޔާލު އޮތްތާ ބާއްވައިފައި، ގުޅުން ހުރި އެހެނަސް އެހެން ވާހަކަތަކެކެވެ. މި ހިސާބުން އެ ޚިޔާލުގެ ވާހަކަ ދަންނަވައިލާނަމެވެ. އަޅުގަނޑުގެ ހިތަށް އެރި އެއްޗަކީ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަކީ ކޯއްޗެއް ހެއްޔޭ، މި ސުވާލާއި، މި ސުވާލާ ގުޅިގެން އައި ވިސްނުންތަކެކެވެ. ކުރެވުނު ޚިޔާލުތަކެކެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖޭގެ ގައުމީ ސަލާމަކީ އަޅުގަނޑުމެންގެ އުސްތާޒުލް ޖީލު މުޙައްމަދު ޖަމީލު ދީދީ ހެއްދެވި ކުރު ނޫން ޅެމެކެވެ. އާއްމުކޮށް އަޅުގަނޑުމެންނަށް މި އިވެނީ ގައުމީ ސަލާމުގެ އެންމެ ފުރަތަމަ ތިން ބައިތެވެ. އެއީ މަދަރުސާގައްޔާއި، އެކިއެކި ރަސްމީ ޖަލްސާތައް ނިންމުން ފަދަ މަހައްލުތަކުގައި އިވޭތީއެވެ. އެ ތިން ބައިތުގައި އޮންނަނީ "ޤައުމީ މިއެކުވެރިކަން މަތީ ތިބެގެން ކުރީމެ ސަލާމް، ޤައުމީ ބަހުން ގިނަ ހެޔޮ ދުޢާ ކުރަމުން ކުރީމެ ސަލާމް، ޤައުމީ ނިޝާނަށް ޙުރުމަތާއެކު ބޯލަނބައި ތިބެގެން، އައުދާނަކަށް ލިބިގެން އެވާ ދިދައަށް ކުރީމެ ސަލާމް، ނަސްރާ ނަސީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ، ފެއްސާ ރަތާއި ހުދާ އެކީ ފެނުމުން ކުރީމެ ސަލާމް" މިހެންނެވެ.

މި ތިން ބައިތު ހިތަށް އައުމާ އެކު، އަޅުގަނޑަށް ކުރެވުނު ޚިޔާލަކީ، މިއީ ހަމަ ގައުމީ ސަލާމެއްގެ ގޮތުގައި ފުދޭ ބައިތުތަކެއް ބާވައޭ، މި ޚިޔާލެވެ. ފުރަތަމަ ބައިތު ވަރަށް ކަމުދެއެވެ. ދެވަނަ އަދި ތިންވަނަ ބައިތު ވެސް ގޯހެއް ނޫނެވެ. ނަމަވެސް އެ ދެ ބައިތުގައި ވެސް އެ ދައްކަނީ އެކައްޗެއްގެ ވާހަކައެވެ. ފެއްސާއި ރަތާއި ހުދުން ވާ ދިވެހި ދިދައިގެ ވާހަކައެވެ. މި ތިން ބައިތާ އެކު، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަރިން އާއްމުކޮށް އަޑުއަހާ ގައުމީ ސަލާމް ނިމުނީއެވެ. މި ގައުމީ ސަލާމުން ގައުމިއްޔަތާ މެދު ބުނީ ކޮން ވާހަކައެއްތޯއެވެ؟ ހަމައެކަނި އެކުވެރިކަމާ އެކު ގައުމީ ބަހުން ދުއާ ކުރާށޭ، ދިދަޔަށް ސަލާމް ކުރާށޭ، ބުނުމުން، ގައުމީ ސަލާމް ފުރިހަމަ ވާނެތޯއެވެ؟ ގައުމީ ސަލާމަކީ ގައުމުގެ ޝަޚްސިއްޔަތުގެ ހުރިހާ އުންސުރަކަށް، ގައުމިއްޔަތުގެ ހުރިހާ މައިގަނޑު ގިޔަމަކަށް އިޝާރާތް ކުރާ އެއްޗަކަށް ވާން ނުޖެހޭނެބާވައެވެ! މިހާރު މި އޮތް ގޮތުން، ގައުމީ ސަލާމަކީ މާބޮޑު ދިރުމެއް ނެތް އެއްޗެކޭ ނުބުނެވޭނެތޯއެވެ؟

މި ޚިޔާލު ކުރެވުމާ އެކު، އަޅުގަނޑުގެ ހިތަށް އެރިއެވެ. އަނެއްކާ، އުސްތާޛު މުޙައްމަދު ޖަމީލުގެ ރީތި ޅެން ގައުމީ ސަލާމުގެ ގޮތުގައި އޮތް އޮތުން ވެސް އަޅުގަނޑުމެންނަށް ކަމުނުދާންވީ ބާވައެވެ! މިއަދު މި ފެންނަނީ ގައުމުގެ އިއްޔެއާއި، އިއްޔެގެ ބަޠަލުންނާއި ޝަޚްސިއްޔަތުތައް ތާރީޚުގެ ޑަސްބިނަށް އަޅައިލެވޭ މަންޒަރެވެ. ގައުމިއްޔަތުގެ ހައްގުގައި، އަޅުގަނޑު މި ދައްކަނީ ވެސް ޖަމީލު ފަދަ ބޭފުޅުންގެ ޒިކުރާ އައު ކުރާ ވާހަކައެވެ. އެހެންކަމުން، ޖަމީލު ލިޔުއްވި ގައުމީ ސަލާން އެއްލައިލައިފައި، އައު އެއްޗެއް ހެދުމުގެ ވާހަކަ ދެއްކުން އެއީ ކޮންފަދަ ކަމަކަށް ވާނެބާވައެވެ! ގައުމީ ސަލާމެއް ހެއްދެވުމުގެ ޝަރަފް ޖަމީލަށް ހައްގު ވެވަޑައިގަންނަވާ ފަދައިން ހައްގު ވާ އެހެން މީހަކު އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި ބާވައެވެ!

comment ކޮމެންޓް