ރައްޔާން ދުލެއް ނުދޭނެ! ކެމެރާ ހިފައިގެން ކުރިއަށް

ފޮޓޯގްރާފީގެ ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާން ފޮޓޯގްރާފަރު އިބްރާހިމް ރައްޔާން މުހައްމަދު --- ފޮޓޯ/ ރައްޔާން

ޅ. ކުރެންދޫއަށް އުފަން އިބްރާހިމް ރައްޔާން މުހައްމަދު ފޮޓޯގްރަފީގެ ދާއިރާއަށް ހިތް ޖެހުނީ ވަރަށް ވެސް ކުޑައިރު އެވެ. ގޭތެރޭގައި ގެެންގުޅުނު 12 މެގަޕިކްސަލްގެ ކުޑަކުޑަ ކެމެރާއެއްގެ ޖާދޫގައި ޖެހި ފޮޓޯ ނެގުމަށް ޝައުގުވެރިވި ރައްޔާން އަންނަނީ ފޮޓޯ ނެގުމުގެ ގަދަޔަށް ފައިހަމަ ކުރަމުން އެވެ.

އުމުރުން 18 އަހަރުގެ މި ޒުވާނާގެ ހުވަފެނުގައި ކުލަ ޖެއްސުމަށް އޭނާ ކުރާ މަސައްކަތް ބުރަވެފައި ބޮޑެވެ. ގަދަ އަޒުމުގައި ހުރެ މި ދާއިރާގައި ކުރިއަށް ދާއިރު އޭނާ ކުރާ އުންމީދުތައް ވެސް އެހާމެ ބޮޑެވެ. އެ އުންމީދުތަކުގައި ކުލަ ޖައްސާފައި ނޫނީ ހުއްޓާލުނާލަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެން އެވެ. ކޮންމެ ފަދަ އުނދަގުލެއްގައި ކުރިމަތި ވިޔަސް އޭނާ ހުރީ ކެމެރާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. ގޮތްދޫކުރާ ވަރަށް ވުރެ އެއަށް ވުރެ ރައްޔާންގެ އަޒުމް ގަދަ އެވެ.

ރައްޔާން ނަގާފައިވާ ޕޯޓްރެއިޓް ފޮޓޯއެއް --- ފޮޓޯ/ރައްޔާން

ފޮޓޯގްރާފީއަށް ހިތުލޯބި

މީގެ ދެ އަހަރު ކުރިން ޖީސީ އޯލެވެލެ ނިންމުމަށްފަހު ޓުއަރިޒަމް ދާއިރާއާ ގުޅި ޕެރަޑައިޒް އައިލަންޑް ރިސޯޓަށް ވަޒީފާއަށް އޭނާ ދިޔައީ ކުޑައިރުން ފެށިގެން އޭނާ އެންމެ ކުރާހިތްވި ފޮޓޯ ނެގުމުގެ މަސައްކަތް ހިތުގެ ބާއްވައި އަޒުމް ކަނޑައަޅައިގެން އެވެ.

"ސުކޫލް ނިންމާފަ ވިސްނީ ހަމަ ވަޒީފާއަކަށް ގޮސް ލާރި އެއްކޮށްގެން ރަނގަޅު ފެންވަރުގެ ކެމެރާއެއް ގަންނަން،" ރައްޔާން ބުންޏެވެ. "އެއީ އާދައިގެ މީހަކަށް ހަމަ ހުރެފަ އަގުބޮޑު ކެމެރާތަކާއި ލެންސް ގަނެގެން އެ ދާއިރާއަށް ނުކުތުމަކީ ކުރެވޭނެ ކަމެއް ނޫން. ރަނގަޅު ފެންވަރުގެ ސާމާނު ވަރަށް އަގުބޮޑު. އެހެންވެ ވަޒީފާއެއް ހޯދީ"

ރައްޔާން ނަގާފައިވާ ޕޯޓްރެއިޓް ފޮޓޯއެއް --- ފޮޓޯ/ރައްޔާން

ކޮންމެ ކަހަލަ ވަޒީފާއެއްގައި ހުރެގެން ވެސް އޭނާ ބެލީ ފޮޓޯނަގަން ބޭނުން ކުރާނެ ސާމާނު ހޯދައި ޖަމާކުރާށެވެ. ވަޒީފާއިން ލިބެމުން ދިޔަ މުސާރަ ބާކީކޮށް ކޮންމެ މަހަކުވެސް ކޮންމެވެސް އާލާތެއް އޭނާ ގަންނަން ފެށީ އެވެ.

"މި އަހަރުގެ ޖަނަވަރީ މަހަށް މިވީ ރިސޯޓުގައި އުޅޭތާ ދެ އަހަރު. އެ މުއްދަތުގެ ތެރޭގައި ނިކޮން ޑީ 810 ގެ ކެމެރާއަކާއި 50 މިލިމީޓަރުގެ ލެންސަކާއި 200/70 މިލިމީޓަރެއްގެ ލެންސެއް އަދި ލައިޓިންގްއަށް ބޭނުން ކުރާނެ ފްލެޝްއާއި ސޮފްޓް ބޮކްސެއް ވެސް ހޯދައިފިން،"

ފިޔަވަޅަކަށް ފަހު ފިޔަވަޅެއް

"ކެމެރާ އަތުގައި ޖެހުނު ވަގުތުން ފެށިގެން ފޮޓޯ ނަގަން ފެށިން. އެކަމުގެ ތެރޭގައި މިޙާރު އުޅޭ ތަޖުރިބާކާރުންގެ އެހީގައި އަސްލު ބޮޑަށް ފޮޓޯ ނަގަން ދަސް ކުރީ. ދެން ޔޫޓިއުބުގެ ވީޑިއޯތަކާއި ގޫގަލް ކޮށްގެން ވެސް ބައެއް ފަހަރު ކަންކަން ދަސްކުރަން،" ރައްޔާން ކިޔައިދިނެވެ.

ރިސޯޓުގައި އޮފް ދުވަސް ދުވަހުއާއި އޮފް ޑިއުޓީގައި މާލެ އައިސް ރައްޓެހިންނަށް ފޮޓޯ ނަގައިދެން ފެށީ އެވެ. އެ ފޮޓޯތައް އޭނާގެ ފޭސްބުކް ގްރޫޕަށް ދޫކޮށްލަން ފެށުމުން، އެތައް ބައެއްގެ ހިތް އެ ފޮޓޯތަކަށް ދޫވީ އެވެ. ދެން އޭނާއަށް ލިބެން ފެށި ދައުވަތަކީ ވިޔަފާރީގެ އުސޫލުންވެސް ފޮޓޯ ނަގައި ދޭށެވެ.

ރައްޔާން ނަގާފައިވާ ޕޯޓްރެއިޓް ފޮޓޯއެއް --- ފޮޓޯ/ރައްޔާން

"ރާއްޖެގައި މިކަމަށް އަސްލު ބޮޑު މާކެޓެއް އެބައޮތް. ހާއްސަކޮށް ރިސޯޓް ތަކުގަ. ހަމަ ރަނގަޅު އާއްމުދަނީއެއް ހޯދިދާނެ މި މަސައްކަތުން. މުސްތަގުބަލުގައި ބޭނުންވަނީ މި ދާއިރާއިން އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ބިޒްނަސް އެއްގެ ގޮތުގައި ފަށަން. ސްޓޫޑިއޯއެއްވެސް ހުޅުވަން ބޭނުން،" ރައްޔާން ބުންޏެވެ.

ކުރިއަށް ދާން ފަސޭހައެއް ނޫން

ރައްޔާން ދެކޭ ގޮތުގައި ފޮޓޯގްރާފަރުންނަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕްރޮފެޝަނަލް ކޮށް ފޮޓޯ ނަގަން ބޭނުންވާނެ ސާމާނު ހޯދަން ހުރި ގޮތްތައް ކުޑަވުމެވެ. ތަކެތި ގަންނަން ލޯނު ފަދަ ތަކެތި ހޯދަން އުނދަގުލީ އެވެ.

"ފަންޑެއް ނެތި މި މަސައްކަތް ފުރިހަމަކޮށް ފެށުމަކީ ވަރަށް އުނދަގޫ ކަމެއް. އަހަރެން ބޭނުމެއް ނޫން އެއްޗަކަށް އެއްޗެއް ހަދާކަށް. ފޮޓޯ ނަގަންޏާ ޖެހޭނެ އޭގެ ހަގީގީ ފެންވަރަށް އެ މަސައްކަތް ކުރެވެން. ހަމަ އާދައިގެ ކެމެރާއެއް ގަނެގެން ގޮސް ފޮޓޯ ނަގާލީމަ އޭތި މަށަށް ކަމަކު ނުދޭ،" ރައްޔާން ބުންޏެވެ.

މީގެ އިތުރުން ރާއްޖެގައި ޕްރޮފެޝަނަލް ނޫން ގޮތެއްގައި ފޮޓޯ ނަގާ މީހުން ވަރަށް ގިނަ ކަމަށާއި ގިނަ މީހުން އަގުހެޔޮކޮށް ފޮޓޯ ނަގަން ބޭނުންވާތީ ބޮޑަށް ޑިމާންޑް ކުރަނީ އާދައިގެ ކެމެރާ ހިފައިގެން ހަވީރު ފޮޓޯ ނަގަން އުޅޭ މީހުން ކަމަށް ރައްޔާން ބުންޏެވެ.

ރައްޔާން ނަގާފައިވާ ޕޯޓްރެއިޓް ފޮޓޯއެއް --- ފޮޓޯ/ރައްޔާން

ރައްޔާންގެ މަސައްކަތަށް ސަމާލުކަން

ރައްޔާންގެ ހުނަރު އެބަހުރިކަން ސާބިތުކޮށްދެނީ ފޮޓޯ ޝެއާ ކުރާ ވެބްސައިޓް، "އަންސްޕްލެޝް" ގެ ވެބްސައިޓަށް އޭނާ ދޫކޮށްލި ފޮޓޯއަކަށް ބޭރުގެ ބައެއް ނޫސްތަކާއި މަޖައްލާތަކުގެ ސަމާލުކަން ދަމައިގަތީމަ އެވެ.

ރާއްޖޭގެ އިރުއޮއްސޭ މަންޒަރެއް ދައްކުވައިދޭ އެ ފޮޓޯ މިހާތަނަށް އެތައް ޓްރެވަލް އޭޖަންސީތަކަކުން ވެސް ޝެއާ ކޮށް ހުއްދައާ އެކު އަންނަނީ ބޭނުން ވެސް ކުރަމުން އެވެ. އެއީ ރައްޔާން އޭނާގެ މަސައްކަތުގައި ހިތްވަރު ހޯދާ ކަންކަމެވެ.

"އަހަރެން އެންމެ އުފާވަނީ އަހަރެން ކުރާ ހުރިހާ ކަމެއްގައި ވެސް އަހަރެންގެ އާއިލާ، ހާއްސަކޮށް ބައްޕަގެ ފުރިހަމަ އެއްބާރުލުން ލިބޭތީ،" ރައްޔާން ބުންޏެވެ.

ރައްޔާން ނަގާފައިވާ ޕޯޓްރެއިޓް ފޮޓޯއެއް --- ފޮޓޯ/ރައްޔާން

ރައްޔާންގެ ތަފާތަކީ ޝައުގުގެ ބޮޑުކަން

ރާއްޖެގައި ތިބި ފޮޓޯ ގްރާފަރުންނާއި ޒުވާން ފޮޓޯގްރާފަރުން އަތުން ގުނާނުލެވޭހާ ގިނަ އެވެ. އެކަމަކު ރައްޔާންގެ އިންސްޕަޔާވަނީ، ޔޫސުފް ޙަލީލް )ސާލިހާ ފޮޓޯގްރާފީ)، ޝިފާޒް ޝައްމޫން (ސޮއްޓި މޯލްޑިވްސް) އަދި މަސްރަހް ނަސީމް (މަސްރަހް އެމްވީ)ގެ މަސައްކަތްތަކަށެވެ.

"ސޮއްޓިއަކީ ވަރަށް ތަފާތު ކުލަކުލަ ގެންނަ މީހެއް. ތަފާތު ޓޭސްޓެއް އޭނަ ހުރޭ. އޭނަގެ ފޮޓޯގެ އިތުރުން ވީޑިއޯތައް ވެސް ވަރަށް ސަޅި. ދެން މަސްރަހުގެ އެޑިޓިންގް ވަރަށް ތަފާތު. އޭނަގެ ފޯޓޯތަކުން ންނާނެ އެ ތަފާތު. ފޮޓޯ ނެގުމުގެ އިތުރުން އެ ފޮޓޯ ރީއްޗަށް އެޑިޓް ކުރުމަކީ ވެސް މުހިއްމު ކަމެއް. ސާލިހާއަކީ ބޮޑަށް ފޮޓޯޝޮޕަށް ހާއްސަ މީހެއް. އޭނަ ގާތުން ފޮޓޯޝޮޕާ ބެހޭ ވަރަށް ގިނަ މައުލޫމާތު ހޯދަން،"

އޭނާގެ ފެވަރިޓް ފޮޓޯގްރާފަރަކީ ގޮތުގައި ދެކެނީ ޕެރޫގެ މަޝްހޫރް ފެޝަން ފޮޓޯގްރާފަރު މާރިއޯ ޓެސްޓީނޯ އެވެ. އޭނަ އަކީ މަޝްހޫރު ބައިނަލް އަގްވާމީ މެގަޒިންތަކައް ފޮޓޯ ނެގުމުގެ އެއްވަނަ އެވެ.

ރައްޔާން ނަގާފައިވާ ޕޯޓްރެއިޓް ފޮޓޯއެއް --- ފޮޓޯ/ރައްޔާން

"އަހަރެން އެންމެން ގާތުވެސް ބުނެލަން ބޭނުންވަނީ ކުރާހިތްވާ ކަމެއް ދޫނުކުރައްޗޭ. އެކަމަކަށް ގަދައަޅައިގެން ކޮށްފިއްޔާ އެކަން ވާނެ. ބައެއް ކަންކަމަކީ އުނދަގުލުން ވާނެ ކަންކަން. އަދި ވަގުތު ވެސް ނަގާނެ ކަންކަން. ހިއްވަރު ކޮށްފިއްޔާ ކާމިޔާބު ދެއްވާނެ."

comment ކޮމެންޓް