ގައުމީ ޓީމުގެ މެނޭޖަރުކަމުގެ މަގާމުން މޯ އިސްތިއުފާދީފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ (މޯ) އެ މަގާމުން އިސްތިއުފާ ދީފިއެވެ.

ގައުމީ ޓީމާ އެކު ދެ އަހަރުގެ މުއްދަތެއްގައި މަސައްކަތްކޮށް މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި ރާއްޖެ އުފުލާލުމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރި މޯ ބުނީ ގައުމީ ޓީމުގެ މެނޭޖަރުކަމުން އިސްތިއުފާ ދިނީ އެ މަގާމުގައި ހުރުމުން ކުލަބު ލެވެލްގެ މަސައްކަތްތައް ކުރުމަށް ހުރަސް އެޅިގެން ދާތީއެވެ. ގައުމީ ޓީމުގެ މެނޭޖަރު ލެވެލްގެ އެއްވެސް މީހަކަށް ކްލަބެއްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެއެވެ.

މީގެ ކުރިން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ވެސް ކޮށްފައިވާ މޯއަކީ ޓީސީ ސްޕޯޓްސް ކުލަބު ފުޓުބޯޅައިގެ ގަދަ ބާރަކަށް ހެދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެކަކެވެ. އޭނާ ވަނީ މީގެ ކުރިން ޓީސީ ސްޕޯޓްސް ކުލަބުގެ މެނޭޖަރުކަމުގެ މަގާމުވެސް ކޮށްފައެވެ.

"ގައުމީ ޓީމުގެ މަގާމެއްގައި ހުންނައިރު ފުޓްބޯޅައިގެ އެހެން ކަންކަން ކުރަން ހުރަސްތަކެއް އެބަދިމާވޭ،" މޯ ބުންޏެވެ.

"އަބަދު އެކަމަށް ހުސްވެގެން ހުންނަން ޖެހޭއިރު، އެ މަސައްކަތުގައި އުޅެވެނީ ވަކި ދުވަސްވަރެއްގައި. އެހެންވީމަ ބޭނުންވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްބޯޅައިގެ ކަންތައްތަކުގައި އިތުރަށް މަސައްކަތްކުރަންވެގެން އަމިއްލައަށް ހުސްވެލަން،"

އޭނާ ބުނީ ގައުމީ ޓީމުގެ މެނޭޖަރުކަމާ ހަވާލުވިއިރުވެސް، އެ މަގާމުގައި މާ ގިނަ ދުވަހު ހުރުމުގެ ވިސްނުން ނެތް ކަމަށެވެ. އަދި ބޭނުންވާ ވަރުގެ ކާމިޔާބީއެއް ޓީމާއެކު ހާސިލުކުރެވިއްޖެކަމަށާއި އިތުރު ބަޔަކަށް ވެސް އެ ފުރުސަތު ދޭން ބޭނުންވާތީ މަގާމުން އިސްތިއުފާ ދޭން ނިންމީ ކަމަށް މޯ ބުންޏެވެ.

ގައުމީ ޓީމުގެ މެނޭޖަރު ކަމުގެ މަގާމާއި މޯ ހަވާލުވީ 2017 ވަނަ އަހަރުގެ މާޗު މަހުއެވެ. އޭގެ ކުރިން ދެ އަހަރު ވަންދެން ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމަށް ވަކިން ހާއްސަ ބޭފުޅަކު ކަނޑައަޅާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ މަގާމުވެސް ފުރަން ޖެހެނީ އެއިރެއްގައި ޓީމާ ހަވާލުވެ ހުންނަ ކޯޗެވެ.

comment ކޮމެންޓް