ލަދުވެތި ގޮތަކަށް ބޮރޮޝިއާ ޑޮޓްމަންޑް ބަލިކޮށް ބަޔާން އެއްވަނައަށް

ބަޔާން މުނިކާއި ބްރޮޝިއާ ޑޮޓްމަންޑް ރޭ ބައްދަލު ކުރި މެޗުގައި ބަޔާންގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާ ކުރަނީ --- ފޮޓޯ/ މެޓް ޑޯމަން

ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ތަފާތު ބޮޑު ނަތީޖާއަކުން ބްރޮޝިއާ ޑޮޓްމަންޑް ބަލިކުރުމަށް ފަހު ބަޔާން މުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ބަޔާންގެ އެލަޔަންޒް އެރީނާގައި ރޭ ކުޅުނު އެ މެޗުން ޑޮޓްމަންޑްގެ މައްޗަށް ބަޔާންއިން ފަސޭހަކަމާ އެކު ކުރި ހޯދީ 0-5ގެ ނަތީޖާ އަކުންނެވެ. އެ މޮޅާ އެކު ބަޔާން އެއްވަނައިގައި އޮތީ 28 މެޗު ކުޅެގެން 64 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން ބަލިވެ ދެވަނައަށް ވެެއްޓުނު ޑޮޓްމަންޑަށް 28 މެޗު ކުޅެގެން ލިބެނީ 63 ޕޮއިންޓެވެ.

ތާވަލުގެ އެއްވަނާގައި ސީޒަންގެ ބޮޑުބައެއް ހޭދަކުރަމުން އައި ޑޮޓްމަންޑް އެންމެ ފަހުން ކުޅުނު މެޗު ތަކުން ވަނީ ގިނަ ޕޮއިންޓްތަކެއް ގެއްލުވާލާފަ އެވެ. އެހެން ނަމަވެސް ސީޒަނުގެ ކުރީ ކޮޅު ގިނަ މެޗުތަކަކުން ބަލިވެ ދަށް ނަތީޖާތަކެއް ނެރެމުން އައި ބަޔާން ވަނީ ފޯމަކަށް އެޅި ފަހަކަށް އައިސް ކުޅުނު ހުރިހާ މެޗުތަކުން ވެސް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ބަޔާން އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް ޖަރުމަނު ލީގު ހޯދަން އެ ޓީމުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރޭގެ މެޗުގައި ވެސް ހިތްގައިމު ކުޅުމެއް ދައްކާފައިވާ ބަޔާން ވަނީ ފުރަތަމަ ހާފުގައި ވެސް ހަތަރު ގޯލު ޖަހައި ޑޮޓްމަންޑްގެ އުންމީދުތައް އެކީ އެކައްޗަކަށް ފުނޑުފުނޑު ކޮށްލައިފަ އެވެ.

ބަޔާން މުނިކުން ރޭގައި ފުރަތަމަ ފަހަރަށް ގޯލު ޖަހައި ލީޑު ނެގީ މެޗުގެ 10 ވަނަ މިނަޓުގެ ތެރޭގަ އެވެ. އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު މެޓް ހަމެލްސްގެ ގޯލާ އެކު ޑޮޓްމަންޑަށް ހަމަޖެހި ނުލެވި އުޅެނިކޮށް ބަޔާންގެ ސްޓްރައިކަރު ރޮބާޓް ލެވަންޑޮސްކީ ވަނީ ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖެހުމުގެ އިތުރުން ތާރީހީ ރެކޯޑެއް ވެސް މުގުރާލާފަ އެވެ. އެއީ ޖަރުމަނުން ބޭރު ކުޅުންތެރިޔަކު ބުންޑެސް ލީގުގައި 200 ގޯލު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދުމެވެ.

މީގެ އިތުރުން ބަޔާންއަށް ބާކީ އިތުރު ގޯލުތައް ޖަހައިދިނީ ހަވީ މާޓީނެޒްއާއި ސާޖް ނެބްރީ އެވެ. ޑޮޓްމަންޑްގެ ފަރާތުން ރޭގައި ފެނިގެން ގޮސްފައި ވަނީ ޖުމްލަގޮތެއްގައި ވަރަށް ދަށް ކުޅުމެކެވެ.

comment ކޮމެންޓް