ނަބީ ބޭކަލުންގެ ބިންތައް 26 - ޢީސާގެފާނު

ބައިތުލަޙަމް --

ޢީސާ ޢަލައިހިއްސަލާމުގެ ސިޔަރަތު ފެށެނީ އެކަލޭގެފާނުންގެ މަންމާފުޅު އެކަލޭގެފާނައިގެން އާލާސް ވެ އިންނެވި ހިސާބުންނެވެ. މިއީ ބޮޑު މޫޖިޒާތެކެވެ. އޭގެ ފަހުން އެކަލޭގެފާނުން އުފަން ވެ ވަޑައިގަތުމާއި، ރައްކައު ވެވަޑައިގަތުމާ އެކު ވާހަކަ ދައްކަވާން ފެށްޓެވުން ވެސް ހިމެނެނީ މޫޖިޒާތްތަކެއް ކަމުގައެވެ.

ޢީސާގެފާނުން ނަބީ ކަމައިގެން ފޮނުއްވުނީ ބަނީ އިސްރާއީލުންގެ ތެރެއިން ވަޑައިގެންނެވި އެންމެ ފަހު ނަބިއްޔާގެ ގޮތުގައެވެ. އަދި އެއީ މުޙައްމަދުގެފާނުގެ ނުބުއްވަތުގެ އުފާވެރި ބިޝާރަތު އެންމެ ފާޅުކޮށް ދެއްވި ނަބިއްޔާ ވެސް މެއެވެ.

ޢީސާގެފާނުގެ ހަޔާތްޕުޅު ހޭދަ ކުރެއްވި ތަންތަނުގެ ވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވައިފައެއް ނުވެއެވެ. މީގެ ހިކުމަތެއް ކަމުގައި ފެންނަނީ އެކަލޭގެފާނުންގެ ހަޔާތްޕުޅުން ލިބޭ ފިލާވަޅުތަކުގެ މުހިއްމުކަމުން، ތަންތަނަށް ދެވޭ ސަމާލުކަން ކުޑަ ކުރެއްވުމެވެ.

ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައި ނުވާ ކަންކަމުގައި މުއައްރިޚުން ތަބާ ވެ ވަޑައިގެންފައި ވަނީ ތަފާތު ރިވާޔަތްތަކަށެވެ. މި ގޮތުން ޢީސާގެފާނާ ގުޅުންހުރި ތަންތަނުގެ ތެރެއިން މުއައްރިޚުން އެންމެ ފުރަތަމައަށް ގެންނަވަނީ އެ ތަނެއްގައި ޢީސާގެފާނުން އުފަންވެ ވަޑައިގަތް ތަނެވެ. މި ގޮތުން ރިވާޔަތްތަކުގައި ވާ ގޮތުން އެކަލޭގެފާނުން އުފަންވެވަޑައިގަތީ ބައިތުލަޙަމްގެ މަހްދު ކަނީސާގައެވެ. މިއީ ޤުދުސްގެ ދެކުނުގައި އޮންނަ ތަނެކެވެ.

comment ކޮމެންޓް