ވެބް ސީރީޒް "އެހެނަސް"ގެ ޓީޒާ ދައްކާލައިފި

އެހެނަސްގެ ޕޯސްޓަރެއް--

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ..."އަށް ތައްޔާރުކުރާ ވެބް ސީރީޒް "އެހެނަސް" ގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ޓީޒާ ނެރުމަށް އުނިމާ ގްރޭންޑް ހޮޓެލްގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަމުން ޑައިރެކްޓަރު ރަވީ ފާރޫގު ބުނީ ދެ ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ އެ ސީރީޒްގައި ފިލްމީތަރި ޝިލާ ނަޖީބު އަދި މުހައްމަދު މަނިކު ފެނިގެންދާނެ ކަމަށެވެ.

"އަލަށް ތައާރަފްވާ ކުދިން ތިބޭނެ. އެކުދިންނަށް އޮޑިޝަން ބާއްވާ ވޯކްޝޮޕްތައް ދިނިން. އެއްވެސް އާ ތަރިއަކީ އާ ކުއްޖެކޭ ބުނެވޭވަރުގެ ޖާގައެއް ނުދޭނަން،"

ފިލްމުގެ ޓީޒާ ޓްރެއިލާ ދައްކާލައިފައިވާއިރު ޓްރެއިލާ އަންނަ މަހު ދައްކާނެ ކަމަށް ވެސް ރަވީ ބުންޏެވެ.

ރަވީ ބުނީ ސީރީޒްގެ ބޮޑު ބައެއްގެ ޝޫޓިން މާލޭގައި ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ސީރީޒް ގެ ފުރަތަމަ ސީޒަންގެ 40 ޕަސެންޓް ޝޫޓިން ނިމިފައިވާކަމަށެވެ.

ވާހަކަލިޔުންތެރިޔާ އައިކިއު ބުނީ އެ ވެބް ސީރީޒްގައި ބައެއް ޓްވިސްޓައް ހިމެނުނު ނަމަވެސް ވާހަކައިގެ އަސްލު ނުގެއްލޭނެ ކަމަށެވެ.

"މި ސީރީޒް އަކީ ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ގެނެސްދޭނެ ސީރީޒްއެއް،"

"އެހެނަސް" ގެނެސްދޭނީ ބައިސްކޯފު އެޕްލިކޭޝަންއިންނެވެ.

comment ކޮމެންޓް