ހެލްމެޓް ނާޅައި ޑިޕްލޮމެޓިކް ސައިކަލެއްގައި ބްރިޖަށް އަރައިފި!

ފެބްރުއަރީ 1، 2019: 'މީތި ސަޅި' ނަމުގައި މަގުމަތީގެ ރައްކާތެރި ކަމަށް މީހުން ހޭލުންތެރި ކުރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން އިސް ނަގައިގެން ބޭއްވި އިވެންޓުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިރީސް ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ސައިކަލް ދުއްވުމަށް ހެލްމެޓް އެޅުމަށް މަޖުބޫރު ކުރި ނަމަވެސް، ޑިޕްލޮމެޓިކް ސައިކަލެއްގައި ހެލްމެޓް ނާޅައި ސިނަމާލެ ބްރިޖަށް އަރައިފި އެވެ.

އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދަށް ޓްރާންސްޕޯޓު މިނިސްޓްރީން ގެނައި އިސްލާހުގައިވާ ގޮތުން މާޗު 10 ވަނަ ދުވަހުން ފެށިގެން 30 ކިލޯމީޓަރަށް ވުރެން ބާރަށް ދުއްވުމަށް ހުއްދަކޮށްފައިވާ ސަރަހައްދު ތަކުގައި ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބުރިޖާއި ހައިވޭ މަތީގައި ދުއްވޭނީ ގަޑިއަކު 25 ކިލޯމީޓަރާއި 50 ކިލޯމީޓަރުގެ ބާރު މިނުގައެވެ.

ނަމަވެސް ސޯސަލް މީޑިއާގައި މިއަދު އާންމް ކޮށްފައިވާ ފޮޓޯއަކުން ފެންނަ ގޮތުން ނޫކުލައިގެ ޑިޕްލޮމެޓިކް ރެޖިސްޓްރީ ބޯޑެއްޖެހި ސައިކަލެއްގައި ކޯޓް ފަޓުލޫނެއް ލައިގެން ހެލްމެޓް ނާޅައި އިންނަ މީހަކު ފެނެއެވެ. ބްރިޖާއި ހުޅުލެ ގުޅޭ ސަރަހައްދުގައި އިންނަ ޓްރެފިކް ލައިޓްގައި ޑިޕްލޮމެޓިކް އެ ސައިކަލް އިން އިރު ފަހަތުގައި ފުލުސް މީހަކު ވެސް އެހެން ސައިކަލެއްގައި ހުރެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލުކު ވިދާޅުވީ، ސޯސަލް މީޑިއާގައި އާންމްވެފައިވާ ފޮޓޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ޑިޕްލޮމެޓިކް އުޅަނދުތައް ޓްރެފިކް ގަވާއިދާ ހިލާފްވެއްޖެ ނަމަ އެކަމެއް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިސްލާހު ކުރުވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނީ، އެޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ލޯގަނޑު ނުޖަހާ އަދި ހެލްމެޓް ނާޅާ ދަތުރުކުރާ ފަރާތްތައް ހުއްޓުވުމަށް ބްރިޖް ފެށޭ ހިސާބާއި ހުޅުމާލެއިން ހައިވޭއަށް އަރާ ހިސާބުގައި އާންމުކޮށް ފުލުހުން ތިބެ އެވެ. އަދި ލޯގަނޑާއި ހެލްމެޓް ނާޅައި އެއްވެސް ވަރަކަށް އެ ދެމެދު ދަތުރު ނުކުރާ ކަން ވެސް ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް