މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ ރާއްޖޭގައި ބުދު ފައްޅި އަޅާނެ: ގާސިމް

ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް ނަޝީދު އަދި ގާސިމް އިބްރާހިމް(މ): އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރާއްޖޭގައި ބުދު ފައްޅި އަޅާނެ ކަމަށް ގާސިމް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް ކުރިއަށް އޮތް މަޖިލީހުގެ މެޖޯރިޓީ ލިބެއްޖެ ނަމަ ރާއްޖޭގައި ބުދުފައްޅި އަޅާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް އެހެން ވިދާޅުވެފައިވަނީ ޖޭޕީގެ ފަރާތުން މަތިވެރި ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް މިހާރުވެސް އެދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު އަށް ތާއީދު ހޯއްދަވައިދެއްވުމަށް އއ. ހިމަންދޫއަށް ވަޑައިގަތް އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއަދު އެމްޑީޕީއަށް ދިވެހި ރާއްޖޭގެ ޕާލިމެންޓްގެ މެޖޯރިޓީ ލިބިގެން ހިނގައްޖެ ނަމަ ކިހިނެއްތޯ ވާނީ. މި ރާއްޖޭގައި ބުދު ފައްޅި އަޅާނެ. މި ރާއްޖޭގައި ޓެމްޕަލް ހަދާނެ. މި ރާއްޖޭގައި ތަފާތު ދީންތަކުގެ މީހުން ދިރިއުޅުމުގެ ފުރުސަތު ލިބިގެން ދާނެ. ދެން އަޅުގަނޑުމެން ޖެހޭނީ ހަނގުރާމަ ކުރަން،" އެމްޑީޕީއާ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް ނަޝީދު ދައްކަވާފައިވާ އިސްލާމް ދީނާއި ފުށުއަރާ ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ އިސްލާމީ އަގީދާ ފުޑުފުޑު ކޮށްލުމަށް ފުރުސަތު ދެވެން ނެތް ކަމަށެވެ.

"ނަޝީދު އެ ހީކުރައްވާ ގޮތަށް އަޅުގަނޑުމެން އެންމެ ހަ ގޮނޑިއަކާ އެކުއެއް ނޫން ތިބޭނީކީ އެއް. މާތްﷲ ރުއްސެވިއްޔާ ﷲ ގެ އަމުރާ އިރާދަފުޅުން އަޅުގަނޑުމެން ތިބޭނީ ވަރަށް ބާރުވެރިގޮތެއްގައި،" މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި އޭނާ ހުންނެވިހާ ހިނދަކު އިސްލާމް ދީނާއި ހިލާފަށް މީހަކަށް އަނިޔާއެއް ދިނުމަށް އެއްވެސް މީހަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ގާސިމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ގައުމާއި ރައްޔިތުންގެ ހައްގުގައި އަދާކުރަން ޖެހުނު ހުރިހާ ވާޖިބެއް އަދާކުރައްވާނެ ކަމަށެވެ.

"މި ފަސްގަނޑު އާދެ މި ބިން އޮންނަން ވާނީ ދިވެހިންގެ އަތް މަތީގައި. މި ދިވެހި ފަސްގަނޑު އޮންނަންވާނީ ދިވެހިންގެ އަތް މަތީގައި. ދިވެހި ރައްޔިތުންގެ ހައްގެއް އެއީ. އެ ބައިބައިކޮށް ފޮތިފޮތިކޮށް މީސްމީހުނަކަށް ނުދެވޭނެ،"

" ބޭރުގެ އެކިއެކި ފަރާތްތަކުން ތަފާތު ގޮތްގޮތައް އެހީތެރިކަން ލިބިގެން އައިސް އެ ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ގައުމު ހަލާކުވެގެން ސުންނާފަތިކޮށްލަން ބަޔަކު އުޅުނަސް އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތު ދޭކަން ނޫން މިތިބީ،"

ސިޔާސީ ޕާޓީތަކާއި އެކު މީގެ ކުރިން ކުރެވިފައިވަނީ ހިތި ތަޖުރިބާތަކެއްކަން ފާހަގަކޮށް ގާސިމް ވިދާޅުވީ، 2008 އަހަރު އެމްޑީޕީގެ ސަރުކާރު ގެނައުމަށް އެއްބުސްވުންތަކެއް ހަދައި ޖާނާއި މާލުން ގުރުބާންވި ނަމަވެސް މަޖިލިސް އިންތިހާބުގެ ކުރިން ސަރުކާރުން ޖޭޕީ ބޭރުކޮށްލި ކަމަށެވެ.

comment ކޮމެންޓް