ރާއްޖެއަށް ގެނަސްދެނީ ތަރައްގީ، ދަރަނިވެރި ކުރުވަނީ އެއްނޫން: ޗައިނާ

ޗައިނާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ ސަފީރު، ޖަންގް ލިޖޮންގް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޗައިނާއިން ރާއްޖެއަށް ގެނެސްދެނީ ތަރައްގީ ކަމަށާއި ރާއްޖެ ދަރަނިވެރި ކުރުވަނީ ނޫންކަމަށް ޗައިނާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ޗައިނާއިން ރާއްޖެއަށް ގިނަ ކަންތައްތަކެއް ކޮށްދިން ކަމަށް ފާހަަގަކޮށް ދެގައުމު ދެމެދުގައި އޮތް ގުޅުމާ ގުޅޭގޮތުން ޗައިނާގެ ސަފީރު ޖަން ލީޖޮންގް މިއަދު ވަނީ ބަޔާނެއް ނެރުއްވާފައެވެ.

ޗައިނާގެ ސަފީރު ނެރުނު ބަޔާނުގައި ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ވަރަށް ގިނަ ތަރައްގީ ގެނަސްފައިވާނެ ކަމަށާއި ކުރިއަށް އޮތްތާގައި ވެސް ގެނެސްދޭނެކަމަށެވެ. އަދި އޭގެ މާނައަކީ އެގައުމުން ރާއްޖެ ދަރަނިވެރި ކުރުމެއް ނޫން ކަމަށް ސަފީރު ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

"ޗައިނާ އާއި ރާއްޖެއާއި ދެމެދު ވެވުނު އެއްބަސްވުން ތަކުގެ ދަށުން ރާއްޖެއަށް ވަނީ ގިނަ ތަރައްގީތަކެއް އައިސްފައި. މި އެއްބަސްވުންތަކަކީ ރާއްޖެ ދަރަނިވެރި ކުރުވާ ރާއްޖޭގެ ބިން ޗައިނާއިން ނެގުމުގެ ބޭނުމުގައި ކުރެވިގެންދިޔަ އެއްބަސްވުންތަކެއްނޫން،"

"ޗައިނާއިންވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރިޖެއް އަޅާދީފައި. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ ބޮޑު މަޝްރޫއެއްދަނީ ކުރިއަށް އެބަދޭ. ދުނިޔޭގެ އެންމެ ބޮޑެތި ފްލައިޓު ޖެއްސޭވަރުގެ ރަންވޭއެއް އެއާޕޯޓްގައި އަޅައި، އެ ރަންވޭގައި ޓެސްޓް ދަތުރެއްވެސް ވަނީ ކުރިއަށް ގެންގޮސްފައި،" ޗައިނާއިން ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫޢުތަކަށް އަލިއަޅުވާލައި ސަފީރު ވިދާޅުވެފައިވެއެވެ.

ފެންވަރު ރަނގަޅު އެއާޕޯޓެއް ރާއްޖޭގައި ހުރުމުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ކުރިއަރައިގެން ދާނެ ކަމަށް ލީޖޮންގް ވިދާޅުވިއެވެ. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ފާއިތުވި ނުވަ އަަހަރުގައިވެސް އައިސްފައިވަނީ ޗައިނާއިން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ސަފީރު ނެރުއްވި ބާޔާނުގައި އިތުރަށް ވިދާޅުވޗައިނާ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްދާ ސޯޝަލް ހައުސިންގް ޕްރޮޖެކްޓްގެ މަސައްކަތްތައްވެސް ދާދި އަވަހަށް ނިމި ދިވެހި ރައްޔިތުންނަށް އެތަންތާގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަދި އޭގެ އިތުރުން، އެގައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ސީ އެމްބިއުލާންސްއާއި އެހެނިހެން އުޅަދުތަކާއި އިތުރު އެހީތަކުންވެސް ރާއްޖެއަށް ލިބިދޭ ލުއި ފަސޭހަ ކަން ސަފީރުގެ އެއް ސަފްހާގެ ބަޔާނުގައި ފާހަގަ ކުރެއްވި އެވެ.

ކުރިއަށް އޮތްތަނުގައިވެސް ޗައިނާއިން ދާނީ ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއ،ި މިގޮތުން ލޮނުފެން ޑީސެލެނައިޒް ކޮށްދިނުމާއި ކުނި ނައްތާލުމާއި މެޑިކަލް ރެސްކިއުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ލީޖޮންގް ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެއަށް ކަޑަ އަޅުއްވާފައި ހުންނަ ސަފީރު މިގޮތަށް މި ވިދާޅުވީ، ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާއި ދެމެދު ކުރެވުނު އެއްބަސްވުންތަކަކީ، ރާއްޖެ ދަރަނިވެރި ކުރުމުގެ ގޮތުން ކޮއްފައިވާ އެއްބަސްވުންތަކެއްކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނެފައިިވަނިކޮށެވެ.

ވެރިކަން ބަދަލުވުމަށް ފަހު ސަރުކަރުން އަންނަނީ އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުންނެވެ.

comment ކޮމެންޓް