މިފްކޯގެ ވޭނަކުން ފޭރިގަތް ދެ މިލިއަން ރުފިޔާ އަދިވެސް ނުހޯދޭ

ފައިސާ ހިފައިގެން ދަތުރުކުރި މިފްކޯގެ ވޭން --- ސަންފޮޓޯ/ މުޒައްޔިން ނާޒިމް

ސަރުކާރުގެ މަސް ކުންފުނީގެ ވޭނަށް ހަމަލާދީ، ކޯރާޑީއަކުން ދޮރުގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ފޭރިގަތް ދެމިލިއަން ރުފިޔާ އަދި ނުހޯދޭ ކަމަށް ފުލުހުން ބުނެފި އެވެ.

ދެމިލިއަން ރުފިޔާ ފޭރިގަތީ ފައިސާ ހިފައިގެން އެއާޕޯޓަށް ދާން ދިޔަ މަގުމަތީގަ އެވެ. ފައިސާ ފޭރިގަތީ މިދިއަ ހަފްތާގެ ބުދަ ދުވަހު އެވެ.

ފުލުހުން ބުނީ އެމައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި އެ ފައިސާވެސް ފެނިފައި ނުވާ ކަމަށެވެ. މައްސަލަ އަދިވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފޭރިގަތީ ދެ މިލިއަން ރުފިޔާކަން މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ ކަށަވަރުކޮށްދެ އެވެ. އޭރު ވޭން ދަތުރު ކުރަމުން ދިޔައީ އެއާޕޯޓް މަގުން އެ ފައިސާތައް ފެލިވަރަށް ފޮނުވުމަށް ކަމަށްވެސް ފައުޒީ ވިދާޅުވި އެވެ.

"އެ ވޭނަކީ މިފްކޯގެ ޑެލިވަރީ ވޭނެއް. ވޭން ދަތުރު ކުރަމުން ދިޔައީ އެއާޕޯޓަށް ދިޔުމަށް. ފޭރިގެންފައި ވަނީ ފެލިވަރަށް ފޮނުވި ދެ މިލިއަން ރުފިޔާ،"

މިމަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ބީއެޗްއެމްގެ ފައިސާތަކެއް ވެސް ވަނީ ފޭރިގަނެފަ އެވެ. އެއީ 2.3 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ވެސް އަދިވެސް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އެމައްސަލައިގައި މިހާރު ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.

އެއްތަނުން އަނެއް ތަނަށް ފައިސާ ގެންދާއިރު ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެ މުއަސަސާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، މިހާރަކަށް އައިސް ކުންފުނިތަކުން ބޭންކަށް ފައިސާ ޖަމާކުރަންދާ މަގުމަތީގައި ބޮޑެތި ފޭރުމުގެ މަސައްލަތައް ހިނގަމުންދާ ކަމަށެވެ. އަދި އެގޮތަށް ބޮޑެތި އަދަދުތަކުގެ ފައިސާ ގެންދާ އިރު ފުލުުހުންގެ އެހީތެރިކަން ހޯއްދެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ކުންފުނިތަކާއި އަމިއްލަ ރައްޔިތުން ވެސް ބޭންކަށް ފައިސާ ގެންދަވަން ބޭނުންފުޅުވާ ނަމަ، މާލޭގައި ނަމަ ފުލުހުންގެ އިންސްޓޮލޭޝަން ސެކިއުރިޓީގެ ހިދުމަތް ބޭނުން ކުރެއްވުމަށް،" ފުލުހުން އިލްތިމާސް ކުރައްވާ ކަމަށެވެ.

comment ކޮމެންޓް