ވެނެޒުއެލާގެ ވެރިކަން ފޮރޮޅާލުމަށް އެމެރިކާ އެކަށައެޅި ސްޓްރެޓެޖީ ފޭލްވެއްޖެ

ޓްރަމްޕް

ވޮޝިންޓަން (މާޗް 23) : މަދަނީ އިންގިލާބެއް ގެނަސްގެން ވެނެޒުއެލާގެ ވެރިކަން ފޮރޮޅާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭއްވެވި ސްޓްރެޓެޖީ ނާކާމިޔާބު ވެއްޖެ ކަމަށް ކަމާބެހޭ ދިރާސާ ރިޕޯޓެއް ބުނެފި އެވެ.

ސްޓްރެޓީޖިކް ދިރާސާތައް ޝާއިޢުކުރާ އެމެރިކާގެ މަޖައްލާ އެއްކަމަށްވާ "ފޮރިން ޕޮލިސީ" އިން ބުނީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަން ޣައިރު ގާނޫނީ ގޮތުން ފޮރޮޅާލުމަށް އެގައުމުގެ އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯގެ ފަހަތުގައި ހުންނަވައިގެން ޓްރަމްޕް ފެއްޓެވި މަސައްކަތްތައް ފޭލްވެއްޖެކަން އެމެރިކާ ގެ މަސްއޫލުވެރިން ވެސް މިހާރު ގަބޫލުކުރައްވާ ކަމުގަ އެވެ.

ވެނެޒުއެލާގައި ޓްރަމްޕްގެ ސްޓްރެޓެޖީ ފޭލްވީ އެގައުމުގެ ގިނަ ރައްޔިތުން ރައީސް މަޑޫރޯގެ ފަހަތްޕުޅުގައި ސާބިތުވެ ތިބުމާއި އަދި ވެނެޒުއެލާގެ ސިފައިން ރައީސް މަދޫރޯ އަށް ވަފާތެރިވުމުގެ ސަބަބުން ނެވެ. ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯ މަދޫރޯގެ ވެރިކަމާ ދެކޮޅަށް ބަޣާވާތް އިއްލާން ކުރެއްވިތާ ދެ މަސް ދުވަހަށް ވުރެ ދިގުމުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް އެގައުމުގެ ސިފައިންގެ ލަޝްކަރުތައް ބައިބައިކޮށްލުމުގައި އެމެރިކާ ވަނީ ނާކާމިޔާބު ވެފަ އެވެ.

މިއީ މަދޫރޯގެ ވެރިކަން ފޮރޮޅާލުމަށް ޓްރަމްޕް ރޭއްވެވި ސްޓްރެޓެޖީއަކީ ހަގީގީ އެއްޗެއްނޫންކަމާއި އެއީ ޚިޔާލީ ފޮލާއެއްކަން ހާމަވެގެން ދިޔަ ކަމެއްކަމަށް "ފޮރިން ޕޮލިސީ"ގައި ޝާއިއުކޮށްފައިވާ ރިޕޯޓް ބުނެ އެވެ. މަދޫރޯގެ ވެރިކަމާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް މަސްރަހް މިހާރު ބުރަވަނީ ބަޣާވާތް ނާކާމިޔާބުވެ ގުއައިޑޯ ގައުމު ދޫކުރައްވައި އެމެރިކާއަށް ފިއްލެވުމުގެ މައްޗަށް ކަމަށް މުހައްލިލުން ދެކެ އެވެ.

ވެނެޒުއެލާގެ ސިފައިންގެ ލަޝްކަރުތައް މަދޫރޯ އަށް ވަފާތެރިވުމުގައި ދެމިތިބިހާ ހިނދަކު އަސްކަރީ ގޮތުން ވެނެޒުއެލާ އަށް އަރައި އެގައުމުގެ ވެރިކަން ފޮރޮޅާލަން އެމެރިކާއަށް ނުކެރޭނެ ކަމަށާ އެއީ އެމެރިކާގެ ބޮޑު އަގެއްދައްކަން ޖެހޭނެ ކަމެއްކަމަށް ވެސް އެ ރިޕޯޓް ބުނެ އެވެ. (ފޮރިން ޕޮލިސީ)

comment ކޮމެންޓް