"ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަށް ވަރުގަދަ ކާސްޓެއް!

އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ، ބުޝަން ކުމާރުގެ ކުރިއަށް އޮތް ފިލްމު 'ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ'ގެ ފުރިހަމަ ކާސްޓު ހާމަކޮށްފިއެވެ.

އަޖޭއާއެކު ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ސަންޖޭ ދަތު، ރާނާ ދަގުބަތީ، ސޮނާކްޝީ ސިންހާ، ޕަރިނީތީ ޗޯޕްރާ، އަދި އޭމީ ވިރްކްއެވެ.

އަބީޝެކް ދުދައްޔާ ލިޔެ ޑައިރެކްޓު ކުރާ އެ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށެވެ. އެއީ 1971 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގެ ހާދިސާތަކެވެ.

ފިލްމުގައި އަޖޭ ފެނިގެންދާނީ "ވިޖޭ ކަރްނިކް" ކިޔާ އިންޑިއަން އެއާ ފޯސް (އައިއޭއެފް)ގެ ވިންގް ކޮމާންޑަރެއްގެ ރޯލުންނެވެ. ސަންޖޭ ފެނިގެންދާނީ ހަނގުރާމައިގައި އިންޑިއާ އަސްކަރިއްޔާއަށް އެހީތެރިވެދިން "ރަންޗޯރްދާސް ސްވަބާއި ރަވާރީ ޕަގީ" ކިޔާ މީހެއްގެ ރޯލުންނެވެ.

ރާނާ އަދި އޭމީވެސް ފެނިގެންދާނީ އަސްކަރިއްޔާގެ އޮފިސަރުންގެ ގޮތުގައެވެ. ޚަބަރުތައް ބުނާގޮތުން ފިލްމުގައި ދައްކުވައިދޭނީ ގުޖުރާތުގެ މަދަޕޫރަށް ނިސްބަތްވާ 300 އަންހެނުން، ހަނގުރާމައިގައި ދެއްކި ގަދަ ހިތްވަރެވެ.

އިންޑިއާއަށް ހަނގުރާމައިގައި ލިބުނު ކާމިޔާބީގެ ފަހަތުގައި އެ 300 އަންހެނުންގެ ދައުރު ބޮޑެވެ. ބުޖްގައި އޮތް ހަމައެކަނި ރަންވޭ، ހަނގުރާމައިގައި މުޅިން ފުނޑުފުނޑުވިއެވެ. ރަންވޭ އަލުން ބޭނުންކުރެވޭ ވަރަށް މަރާމާތު ކުރީ އެ 300 އަންހެނުން ކަމަށްވެ އެވެ. ސޮނާކްޝީ ފެނިގެންދާނީ ދަނޑުވެރިއެއްގެ ރޯލުންނެވެ.

ސޮނާކްޝީ އަދާކުރާނީ ރަންވޭ މަރާމާތު ކުރުމަށް 299 އަންހެނުން އެއްބަސްކުރުވި އަންހެން މީހާގެ ރޯލެވެ. ޕަރިނީތީ ފެނިގެންދާނީ ޕާކިސްތާނުގެ ލާހޯރުގައި މަސައްކަތް ކުރާ އިންޑިއާ ޖާސޫސެއްގެ ރޯލުންނެވެ.

comment ކޮމެންޓް